އިމާރާތްކުރުމަށް އިތުރު އެހީއެއް



އިމާރާތްކުރުމުގެ މާހައުލުގެ ބައެއް ކަންތައްތައް 1


1 މަސައްކަތުގެ ފެންވަރާ ތަކެތީގެ ފެންވަރު

ކުރެވޭ ހުރިހާ މަސައްކަތެއްވެސް މަސައްކަތުގެ ފެންވަރު ހުންނަން ވާނީ އާންމުކޮށް ގަބޫލުކުރެވޭ މިންގަނޑެއްގެ ތެރޭގަ އެވެ. މަސައްކަތުގައި ބޭނުންކުރާ ހުރިހާ ތަކެއްޗެއްވެސް ވާންޖެހޭނީ އާއެއްޗެއްސަށެވެ. އެހެން އިމާރާތެއްގައި ހަރުކޮށްފައި ހުރި ނުވަތަ އެހެން އިމާރާތެއްގައި ބޭނުންކޮށްފައި ހުރި އެއްޗަކަށް ވެގެން ނުވާނެއެވެ. ބޭނުންކުރާ ހުރިހާ އެއްޗަކީވެސް ފަހުގެ، އަދި މިޒަމާނުގެ، އެތަކެތި މަރާމާތު ކުރުމަށް ބޭނުންވާ ސްޕެއަރ ނުވަތަ ބަދަލު ކުރުމަށް ފަސޭހަ އެއްޗެއްސަށް ވާނަޖެހޭނެއެވެ. އިމާރާތުގައި ބޭނުންކުރާ އެންމެހާ ތަކެތި، އެތަކެތި ގަތުމުގެ ކުރިން ، އިމާރާތުގެ ވެރިފަރާތުން އިމާރާތުގެ ފެންވަރު ބަލަހައްޓަން ކަނޑައަޅާފައި ހުންނަ ކޮންސަލްޓަންޓަށް އެތަކެތި ދައްކައި އޭނާގެ ހުއްދަ ހޯދަންވާނެއެވެ. އެއީ އެންމެ އާދައިގެ މޮހޮރެއްކަމުގައިވިޔަސް ވެސް މެއެވެ.

2 އިމާރާތްކުރަމުންދާއިރު ކޮންމެހެން ނުކޮށް ފަރުނުޖެހޭ ކުދިކުދި ކަންތައްތައް

އިމާރާތެއްގެ ބީއޯކިޔު، ނުވަތަ އިމާރާތުގައި ކުރަން ކަނޑައެޅިފައިވާ ހުރިހާ މަސައްކަތެއްގެ އަގުތައް ހިމެނޭ ލިސްޓު ހުންނަ ކަންތައްތަކަކީ އިމާރާތުގެ ކުރެހުމުގައި ދައްކާފައިވާ ބައިތައް ފުރިހަމަ ކުރުމަށް ކުރަންޖެހޭ ކަންތައްތަކެވެ. އެއްވެސް އިމާރަތެއް ކުރާއިރު ކުރަންޖެހޭ ހުރިހާ މަސައްކަތެއް އެ ބީ އޯ ކިޔު ގައި ހިމެނުމަކީ އުދަނގޫކަމެކެވެ.  އެ ލިސްޓުގައި ނުވަތަ ބީއޯކިއުގައި ނުހިމެނޭ ކުދިކުދި ކަންކަން ހުންނާނެއެވެ. އެފަދަ ކަންތައް ތަކަކީ ކޮންމެހެން ކަނޑައެޅިގެން އޭގެ ތަފްސީލު ބީއޯކިއުގައި ނުހިމެނުނު ކަމުގައިވިޔަސް ކޮންޓްރެކްޓަރު އަގު ދޭއިރު ކޮންމެހެންވެސް ހިމަނަން ފަރުވާތެރި ވާންޖެހޭ ކަންތައްތަކެވެ.  އެއީ އެފަދަ ކޮންމެ ކަމަކުން ކޮންޓްރެކްޓަރު ކުރަންޖެހޭ ޚަރަދު އިތުރުވެގެން ދާތީއެވެ. މިސާލަކަށް ސިމެންތި ޖެހުމުގެ ކުރިން ކޮންކްރީޓުގެ ބޭރުފަށަލަ ކުޑަކޮށް ކަށިކޮށްލުން، އިމާތުގައި ބޭނުންކުރުމަށް ގެންނަ މުދާ އިމާރާތުގައި ބަހައްޓާފައި ހުއްޓާ އެތަނުގައި ކުރަންޖެހޭ މަސައްކަތްތައް ކުރުމަށް ޖާހަހޯދުމުގެ ގޮތުން ދެވަނަފަހަރަށް ނުވަތަ ތިންވަނަ ފަހަރަކަށް އެ އިމާރާތުގެ އެހެން ތަނަކަށް ބަދަލުކުރަންޖެހުން ފަދަ ކަންތައްތައް ހިމެނެއެވެ.

3 އިމާރާތުގައި މަސައްކަތް ކުރަމުންދާއިރު ލިބިދާނެ ގެއްލުމަކަށް ސަމާލުވުން.

އިމާރާތުގެ މަސައްކަތް ކުރިއަށް ދާއިރު ސަމާލުވާޖެހޭ އެންމެ މުހިއްމު އެއްކަމަކީ އިމާރާތްކުރަމުން ދާ އިމާރާތާ އިންވެގެން ހުރި ގެދޮރާއި، އިންވެގެން އޮތް މަގުމަތިން ހިނގާ ބިނގާވާ މީހުންނާއި، އެމަގުން ދުއްވާ ނުވަތަ އަރިމަތީގައި ބާއްވާ އެއްގަމު އުޅަނދުފަހަރަށް ގެއްލުމެއް ލިބިދާނެތީ އެވެ. ޚާއްސަކޮށް އުސްކޮށް އިމާރާތްކުރަމުންދާއިރު އުހުން ކިތަންމެ ކުޑަ ގާކޮޅެއް ވެއްޓުނަށް އެއިން ވަރަށްބޮޑު ގެއްލުމެއް ލިބިދާނެއެވެ.

ކުރަމުންދާ އިމާރާތުން އެއްޗެއް ވެއްޓިދާނެ ބައިވަރު ސަބަބުތައް ހުރެއެވެ. އެންމެގިނައިން އެކަން ދިމާވަނީ، އިމާރާތުގެ މަސައްކަތް ކުރަމުން ދާއިރު އުފެދޭ ކުނި، ގަލާއި، ލަކުޑިއާ، ސިމެންތިއާ، ވެއްޔާ، މިފަދަ ތަކެތި ހުންނަނީ ކޮންމެ ދުވަހަކު ސާފުކޮށް އުކާނުލެވި ބެހެއްޓިފައި ހުންނާތީއެވެ. އެގޮތަށް ހުއްޓާ މޫސުން ގޯސްވެ، ވައި ބާރުވެއްޖެ ނަމަ އެ ތަކެތި އިމާރާތުން ނައްޓާލައިގެން ވެއްޓޭ ގޮތް ވެއެވެ. އިމާރާތުގެ އަރިމަތީގެ ފާރު، ބޭރުފާރުގެ މަސައްކަތްކުރާއިރުވެސް ތަކެތި ވެއްޓޭގޮތްވެއެވެ.

މިދެންނެވި ގޮތަށް އެއްވެސް އެއްޗެއް ވެއްޓުނަ ނުދިނުމަށް ދެކަމެއް ކުރެއެވެ. އެއް ކަމަކީ އިމާރާތުގެ ވަށައިގެން ، ހިނގާ ބިނގާވާމީހުންނާއި، ދުއްވާ އުޅަނދުފަހަރުގައި ނުޖެހޭ އުސްމިނުގައި ޖަހާ ކަތި ބިއްގަނޑެއް ޖެހުމެވެ. މި ބިއްގަނޑު ހުންނަން ޖެހެނީ ވަރަށް ރަނގަޅަށް ޓްރަސް ނުވަތަ ހޮޅިއަޅައި އިމާރާތަށް ހިފަހައްޓައި އަދި ބިއްގަނޑުގެ އެއްވެސް ދިމާއަކުން އެއްޗެއް ނުވެއްޓޭވަރަށް ބޯ ޕްލައިވުޑު ނުވަތަ ޓިނު އަތުރާ ރަނގަޅަށް ހައްޔަރު ކޮށްފައެވެ. ކަތި ބިއްގަނޑު ހުންނަންވާނީ އިމާރާތާ ވީއަތަށް ކަތިކޮށެވެ. އެ ބިއްގަނޑުގެ މައްޗަށް ވެއްޓޭ ކޮންމެ އެއްޗެއް އިމާރާތުން ބޭރަށް ނުވެއްޓި އިމާރާތުގެ އެތެރެއަށް ފަހިވާގޮތަށެވެ.

ދެވަނަ ކަމަކީ އިމާރާތުގެ ވަށައިގެން ދާޖެހުމެވެ. އިމާރާތްކުރާ އިރު ރައްކާތެރި ކަމުގެ ގޮތުން ޖަހާ ދަލަކީ ތަފާތު ދަލެކެވެ. އެއީ ދަނޑުވެރިކަމުގައި ބޭނުންކުރާ ކަޅު ދާ، ނުވަތަ އެންދަމަން ގެންގުޅޭ ދާ ފަދަ އެއްޗަކަށްވުރެ ވަރުގަދަ އެކަމަށް ޚާއްސަ ދަލެކެވެ. ވަރަށް ބާރު ގަދަކޮށް ތައްޔާރުކޮށްފައި ހުންނަ އެއްޗެކެވެ. މިދެންނެވި ވައްތަރުގެ ދާ ޖަހާފައި ހުންނައިރު އިމާރާތުން ބޭރަށް ދާ ކުނޑިގާ ފަދަ އެއްޗެތިވެސް ވެއްޓޭނީ ކަތި ބިއްގަނޑު މައްޗަށެވެ. އިމާރާތުގައި ދާޖެހުމަށް ހަރުކުރާ ހޮޅިބައި ހުންނަންވާނީ އިމާރާތުގެ ހަރުކުރާ ދަލާ އިމާރާތާ ދޭތެރޭ ޖާގަ ހުންނަ ގޮތަށެވެ. ހޮޅިބައި ނުވަތަ ސްކެފޯލްޑިންގ ބޭރަށް ނެރެފައި ހުންނައިރު ކޮންމެ ހޮޅިއެއްގެ އެތެރެ ކޮޅު ހުންނަންވާނީ ބާރުކޮށް ދެ ޝީޓު ދޭތެރެ ވިއްދާ ބާރުކޮށްފައި ހުރި ވިއްދާ އެއްޗަކަށް ނުވަތަ ދޭއްޗަށް ހަރުކޮށްފައެވެ. ވަށައިގެން ހޮޅިޖަހާފައި ހުންނަ އިރު އިމާރާތާ ރައްކަތެރި ދަލާ ދޭތެރޭގައި އިމާރާތުގެ ބޭރުފާރުގައި ކުރަންޖެހޭ މަސައްކަތްތައް ކުރުމަށް ޕްލެޓްފޯމް ނުވަތަ ތިބެވޭނެ ފިލާހަކުރަންވާނެއެވެ. އެފަދަ ޕްލެޓްފޯމުގައި ވަގުތީ ޗެންޗޭނުގެ ގޮތުން ހޮޅިއެއް އަޅާފައި ހުރުންވެސް މުހިއްމެވެ.

އިމާރާތުގެ މަސައްކަތް ކުރަމުންދާއިރު، އިމާރާތުގައި މަސައްކަތް ކުރަމުންދާ  މީހުންނަށް ލިބިދާނެ ގެއްލުމަކަށް ސަމާލުވާންޖެހެއެވެ، އުސްތަނަކަށް އަރައިގެން އުޅެނިކޮށް ވެއްޓިދާނެތީއެވެ. ބޮލަށް އެއްޗެއްވެއްޓި ނުވަތަ ފަޔަށް މޮހޮރެއް ހެރި ފަދަ ގޮތްގޮތް ވެދާނެތީއެވެ. މިފަދަ ކަންކަމުން ސަލާމަތްވުމަށް، އިމާރާތުގައި މަސައްކަތްކުރާ އިރު އެކަމަށް ޚާއްސަ ހެލްމެޓެއް އަޅަން ޖެހެއެވެ. ފައި ރައްކާތެރި ކުރުމަށް ސޭފްޓީ ބޫޓަށް އަރަން ޖެހެއެވެ. އުހުގައި މަސައްކުރާނަމަ، މަސައްކަތްކުރާ ހިސާބަށްވުރެ އުހުގައި ހުރި ވަރުގަދަ ތަނެއްގައި އެއްކޮޅުހަރުކޮށްފައި، އަނެއްކޮޅު މަަސައްކަތު މީހާގެ ގައިގައި ހަރުކޮށްފައި ހުންނަ ސޭފްޓީ ބެލްޓު އަޅަންޖެހެއެވެ. މަސައްކަތުގެ މާހައުލުގައި ހުންނަ ބާގަނޑު ގަނޑާއި ތިރިއަށް ވެއްޓިދާނެ ފަދަ ތަންތަނުގައި ޗެންޗޭނު ޖަހަންވާނެއެވެ. އަދި އިމާރާތުގެ މާހައުލަކީ މިދެންނެވިފަދަ ނުރައްކާއޮތް ތަކަށް ވާތީ އެ މާހައުލަށް ވަދެވެނީ ހަމައެކަނި ހުއްދައޮތް އެކަމާ ގުޅުން ހުރި މީހުންނަށް ކަމަށް ހެދުމަށް، ވަގުތީ ފުޅަފެއް ނުވަތަ ބިއްގަނޑެއް ޖަހާ، ދޮރުހަރުކޮށް، އަބަދު ތަޅުލާފައި ބެހެއްޓުން މުހިއްމެވެ.

މިދެންނެވި ފަދަ ކަންކަން ކުރާނެ ގޮތުގެ ރޭވުމެއް، އެކަންކުރާނެ އަގު، ކޮންޓްރެކްޓުގެ ތެރޭގައި ހިމެނިފައި އޮންނަން ޖެހެއެވެ. އަދި ސޭފްޓީ މެނުއަލްގެ ނަމުގައި ބޭނުންކުރާ ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅާނެގޮތް ބަޔާންކުރާ ފޮތެއް އިމާރާތުގެ މާހައުލުގައި ގެންގުޅެން ޖެހެއެވެ.

އިމާރާތްކުރުމާބެހޭ ގާނުނު ގެ ދަށުން، ރައްކާތެރި ކަމުގެ ފިޔަވަޅުތައް އަޅަން ކަނޑައަޅާފައިވާ ޚާއްސަ ގަވައިދެ މިހާރު ދިވެހިރާއްޖޭގައި އޮވެއެވެ. އެގާނޫނާއި ގަވާއިދު ބެލުން ވަރަށް މުހިއްމެވެ.

އިމާރާތުގެ މާހައުލުގައި ލިބިދާނެ ކުޑަބޮޑު ގެއްލުމެެއްގެ ސަބަބުން އިމާރާތުގެ މަސައްކަތުން ކޮންޓްރެކްޓަރަށް ލިބެންޖެހޭ ފައިދާ ނުލިބިދިއުމުގެ ބިރު ނުވަތަ ރިސްކު އޮވެއެވެ. އެހެންވެ، އިމާރާތް ކުރަން ފެށުމުގެ ކުރިން ކޮންޓްރެކްޓަރުގެ އެފަދަ ހުރިހާ ރިސްކުތަކާ ދޭތެރޭ ވިސްނާ އެކަމުން ލިބިދާނެ ގެއްލުމަކުން ރައްކާތެރިވުމަށް އިންޝުއަރެންސް ކުންފުންޏަކުން ” ކޮންޓްރެކްޓަރސް އޯލް ރިސްކް އިންސުއަރެންސް” އެއް ގަނެވިދާނެއެވެ. އެއީ ޚަރަދު ކުޑަ ފިޔަވަޅެކެވެ.





20 މެއި 2021

15 ފެބުރުއަރީ 2021

29 ޖޫން 2021

17 ފެބުރުއަރީ 2021

05 މާޗް 2023

20 ފެބުރުއަރީ 2021

18 ފެބުރުއަރީ 2021

12 ޖުލައި 2021