އިމާރާތްތަކުގެ ކޮންކްރީޓުގެ މަސައްކަތް ނިމި ފާރުތަކާއި އަދި ދޮރުފަދަ ތަންތަން ހަރުކުރުމަށް ފަހު ދެން ފަށާބަޔަކީ އެތަނުގައި ބޭނުންކުރާ ކަރަންޓާއި، ފެނާއި، ނަރުދަމާ އާއި، އަދި އެއަކޮންޑިޝަން ފަދަ ހިދުމަތުގެ ހޮޅިތަކާއި ނަރުތައް އެޅުމުގެ މަސައްކަތެވެ. ގިނަ އިމާރާތުގައި އެ ހޮޅިބައި އޮންނަނީ ޝީޓުގެ ދަށުން ޖަހާފައި ހުންނަ ބޯލްޓު ތަކެއްގައި ހަރުކޮށްފައި ހުންނަ ދަގަނޑު ފަތިތަކެއްގައި އެލުވާފައެވެ. އެލުވާއިރު ބޭނުންކުރާ ބްރަކެޓާއި އަދި ކްލިޕް ތަފާތުވެއެވެ.
ބޯލްޓުތައް ޝީޓުގައި ހަރުކޮށްފައި ހުންނީ ފްރިކްޝަން ގްރިޕް ޑްރޮޕް-އިން އެންކަރ (ސޮކެޓް) ފަދަތަކެތި މެދުވެރި ކޮށެވެ. އެފަދަ ސޮކެޓުގައިގައި ހުންނަނީ ބޯލްޓެއް ޖަހާލެވޭގޮތަށް ތްރެޑު ކަނޑާފައެވެ. އަދި އެފަދަ އެންކަރ ސޮކެޓެއްގެ ފޮޓޯއަކާއި ބްރޭންޑެއް ހިއްސާކޮށްލާނަމެވެ.
ޑްރޮޕް-އިން އެންކަރ ސޮކެޓެއް، ހިލްޓީ ބްރޭންޑް
މިފަދަ ތަކެތި އާންމުގޮތެއްގައި ޝީޓުގެ ތެރެއަށް ޖަހާފައި ހުންނަނީ ގާތްގަނޑަކަށް 20 މިލިމީޓަރު ފުނަށެވެ. ބައެއްފަހަރު، އެލުވަންޖެހޭ އެއްޗެއްގެ ބަރުދަނުގެ ގޮތުން އެއަށްވުރެ ފުންކޮށްވެސް އިންދަންޖެހެއެވެ. އިންދަން ޖެހޭ ފުންމިނާއި ބޭނުންކުރާނެ މިފަދަ ސޮކެޓުގެ މައުލޫމާތު އެފަދަ ތަކެތި ތައްޔާރު ކުރާ ކުންފިތަކުން ފޯރުކޮށްދެއެވެ. އަދި އެކުންފުނި ތަކުގެ ވެބްސައިޓު ތަކުގައިވެސް އެ މައުލޫމާތު ލިބެން ހުރެއެވެ. ޝީޓުގެ ތެރެއަށް ފުނަށް ޖަހަން ޖެހިއްޖެ ނަމަ އިންޖިނޭރުންނާ އިތުރަށް ވާހަކަ ދައްކައިގެ ފުންމިނެއް ކަނޑައަޅަނީއެވެ.
އާންމުގޮތެއްގައި މަސައްކަތް ހިނގަމުންދާއިރު އުފެދޭ ސުވާލަކީ ކޮންކްރީޓުގެ ތެރެއަށް ޖަހާ އެފަދަ ބޯލްޓު ޖަހާ ފުންމިން ރަނގަޅަށް ބެލެހެއްޓޭތޯއެވެ. އިމާރާތުގެ މަސައްކަތް ކުރަންމުންދާއިރު ގިނަފަހަރަށް އުޅެނީ ލައިނުގަނެގެނެވެ. ނިންމުން ލަސް ވެގެންނެވެ. އެހެން އުޅޭއިރު އެންކަރެއްގެ ޖަހަންޖެހޭ ލޯވަޅު ފުންވިތޯ ނުވަތަ ނޫންތޯ ހުންނަނީ ނުބެލިއެވެ. އެހެން ނަމަވެސް ޝީޓުގައި ތޮރުފާ އެފަދަ ލޯވަޅުގެ ފުންމިން ކޮންޓްރޯލު ކުރުމަށް ކުރުކައްޓެއް ބޭނުންކުރެވިދާއެވެ. އެއީ ތޮރުފިގެން ފުންވެގެން ގޮސް ޝީޓުގެ ދަގަނޑުގައި ޖެހުނަ ނުދިނުމަށެވެ. ބައެއް ކޮންސްޓްރަކްޝަން ކުންފުނިތަކުގައި ގެންގުޅޭ ރަނގަޅު އުކުޅަކީ ލަކުޑި ވޮޝަރެއްގެ ތެރެއަށް ބުރުމާކަށީ މަހާލައިގެން ތޮރުފުމެވެ. އެ ވޮޝަރުގެ ބޯމިން ކަނޑައަޅަނީ ބުރުމާ ކަށީގެ ދިގުމިނާއި، ތޮރުފަންޖެހޭ ފުންމިނަން ބަލައިގެންނެވެ. ތޮރުފޭ ފުންމިން ކޮންޓްރޯލު ކުރުމަށް ހާއްސަ އެއްޗެއް ތައްޔާރުކޮށް ބާޒާރުގައި ލިބެން ހުރެއެވެ.
ތޮރުފޭފުންމިން ކޮންޓްރޯލުކުރުމަށް ތައްޔާރުކޮށް ބާޒާރުގައި ލިބެންހުންނަ އާލާތުގެ ވައްތަރެއް
މިދެންނެވި ގޮތަށް އެންކަރ ސޮކެޓު ޖަހައި އެއަށް ބޯލްޓު ޖަހާއިރު އެ ބޯލްޓަކީ ވެސް ގިނަދުވަހު ދަބަރު ނުޖަހާ ހުންނާނެ ފަދަ އެއްޗަކަށް ވުން މުހިއްމެވެ. ތިރީގައިވާ ފޮޓޯގައި އެވަނީ އިމާރާތަށް ޖަހާފައި ހުރި މިދެންނެވި ފަދަ ބޯލްޓެކެވެ. އެ ބޯލްޓުގައި އެހުރީ ކޮޮންމެވެސް ވަރަކަށް ދަބަރު ޖަހާފައެވެ.
ދިގު މުއްދަތަކަށް ހަލާކު ނުވެ ހުންނަ ގޮތަށް ބޯލްޓު ބަހައްޓަން ބޭނުންނަމަ އެއީ ހޮޓް ޑިޕްޑް ގަލްވަނައިޒްޑް ބޯލްޓަށް ހަދާށެވެ. ނޫނީ ރަނގަޅު ފެންވަރުގެ ސްޓެއިންލަސް ސްޓީލުބޯލްޓުވެސް ބޭނުންކުރެވިދާނެއެވެ. އާދައިގެ ދަގަނޑު ބޯލްޓު ބޭނުންކުރާނަމަ އެތަކެތީގައި ވަރަށް އަވަހަށް ދަބަރު ޖަހާކަން ފާހަގަ ކުރެވެއެވެ. ދަގަނޑު ބޯލްޓު ބޭނުންކުރަން ޖެހިއްޖެހާލަތެއްގައި އެބޯލްޓުތަކުގައި ދަބަރު ޖެހިޔަނުދިނުމަށް އެކަމަށް އެކަށީގެންވާ ދަވާދެއް ލުން މުހިއްމެވެ.
ޚިޔާލު ފާޅުކުރުމަށް!