އިމާރާތްކުރުމަށް އިތުރު އެހީއެއް



ސިމެންތިއާ ކޮންކްރީޓު ގަށާއިރު އެއަށް އަޅަން ކަމުދާ ފެން


ކޮންކްރީޓު ގަށާއިރު އަދި ސިމެންތި ގަށާއިރު އެއަށް ފެންއަޅަންޖެހެއެވެ. ސިމެންތިއާ ފެނާ އެކުވެގެން ހިނގާ ކެމިކަލް ރިއެކްޝަން ހިގާނެގޮތް ފަހިކުރުމަށް ބޭނުންވާ  ވަރަށްރަނގަޅު ފެން އުވަދޯންޏަށް އަޅަން ޖެހެވެ.

ސުވާލަކީ ކޮންވައްތަރެއްގެ ފެނެއް ހެއްޔެވެ. ދިވެހިރާއްޖޭގެ ކޮންމެ ރަށެއްގެ ވަށައިގެން ވަނީ މޫދެވެ. ލޮނުފެނެވެ. އަދި ބައެއްރަށް ރަށުގެ ބިމުން ނަގާ ފެނުގައި ވެސް ލަނީ ލޮނު ރަހައެވެ. އެއްވެސް ގޮތަކަށް ލޮނުރަހަ ނުހުންނަ ބޯ ފެން ، ބިމުއަޑިން ނެގޭ ރަށްރަށް ވެސް ހުރެއެވެ. އެފަދަ ބޯ ފެން ކޮންކްރީޓު އުފައްދަން އެންމެ ރަގަޅުވޭތޯ އެއީ ވެސް ކުރެވޭ ސުވާލެކެވެ.

ލިބެންހުންނަ ފެނުގެ ބާވަތްތަކަށް ބަލާއިރު ، ކޮންކްރީޓު ކުރުމަށް އެންމެ ރަނގަޅު ފެނަކީ ބޯފެނެވެ. ބޯން ކަމުދާ ކޮންމެފެނެއްވެސް ކޮންކްރީޓު އުފައްދަން ރަނގަޅުވާނެ ކަމަށް ބެލެވެއެވެ. އެއީ ބޯފެން ސާފުވެފައި އެ ފެނުގައި އިތުރު ކެމިކަލްތައް މަދުވާނެތީއެވެ. ސިމެންތިއަށް ބޭނުންވަނީ  ވީހާވެސް ސާފު ފެނެވެ. އާންމުގޮތެއްގައި ބޯން ކަމުދާ ފެނަށްވުރެ ވެސް ސާފު ވިއްޔާ  އުފެއްދޭ ކޮންކްރީޓަށް ރަނގަޅުވެ، ބާރުގަދަަވެ، ގިނަދުވަހު ސަލާމަތުން ހުރެއެވެ.

މޫދުލޮނުގައި ކްލޮރައިޑާއި ސަލްފޭޓު ވަރަށް ގިނައެވެ. ކްލޮރައިޑަކީ ކޮންކްރީޓުގެ އެތެރެއަށް ލައްވާ ދަގަނޑު ދަބަރު ޖެހުން އަވަސް ކޮށްދޭ އެއްޗެކެވެ. ސަލްފޭޓަކީ ކޮންކްރީޓުގެ އެތެރޭގެ ގުޅުންތައް ހީނަރުކޮށް ބާރު ދެރަކުރާ އެއްޗެކެވެ. އެހެންވީމާ މޫދުލޮނަކީ ކޮންކްރީޓު ކުރުމަށް އެހާ ރަނގަޅު ފެނެއްކަމުގައި ނުބެލެވެއެވެ.

އެކިފާޑު ފާޑުގެ ދިރޭ ޖަރާސީމު، އަލްގޭ ފަދަ އެއްޗެތި ހުންނަ ފެން ބޭނުންކޮށްފިނަމަ، ސިމެންތިގަނޑު ހަރުވުން ލަސްވެއެވެ. އަދި ބާރުވެސް ދަށްވެއެވެ.

ބައެއް ފަހަރު ކޮންކްރީޓު އުފައްދަން ބޭނުންކުރާ ފެނަށް ހަކުރު އަޅައެވެ. ހަކުރު އެޅުމުން ކޮންކްރީޓު ހަރުވަން ނަގާ ވަގުތު އިތުރުވެއެވެ. އެހެން ނަމަވެސް މާގިނަ ހަކުރު އަޅައިފިނަމަ، ކޮންކްރީޓް އެއްގޮތަކަށް ވެސް ހަރުނުވާ ފަހަރު އާދެއެވެ.

ފެނުގެ ކޮލިޓީ ނުވަތަ ފެންވަރު ބެލުމަށް ހަދާ ޓެސްޓު ތަކެއް އޮވެއެވެ. ސާފު ފެނުގެ ގޮތުގައި ފެނުނަސް އެ ފެނުގެ ތެރޭގައި ނޭގޭފަދަ ކެމިކަލެއް ގިރިފައި ހުރެދާނެކަމަށް ޝައްކު ކުރެވޭނަމަ، ފެން ޓެސްޓު ކުރުން މުހިންމެވެ. ފެނުގެ ތެރޭގައި ގިރިފައި ހުންނަ އެސިޑު ނުވަތަ އަލްކަލީ ގެ މިންވަރު މަދުކުރުމަށް ޓައިޓްރޭޓް ކޮށްގެން ( އެއީ އެސިޑާ ގުޅޭވަރަށް އަލްކަލީ އެއްކުރުން ނުވަތަ އަލްކަލީ އާ ގުޅޭ މިންވަރަ އެސިޑު އެޅުން)   ފެނުގައި އެ ހުންނަ އެސިޑުގެ ނުވަތަ އަލްކަލީގެ މިންވަރު ދެނެގަނެވެއެވެ.

އަދި ފެނުގެ ތެރޭގައި ހުންނަ ޓޯޓަލް ސޮލިޑް، ޖުމްލަ ލޮނުގެ މިންވަރު ހޯދުމަށް،  ވަކި ބަރުމިނެއްގެ ފެންފޮދެއް ފަތި ތައްޓަކަށް އަޅައި، އެ ފެން ފޮދު އާތްވަށް ބަދަލުވަން ދެން ހޫނުކުރެއެވެ. އަދި ފެންފޮދު އެއްކޮށް ހުސްވެ އާތްވަށް ބަދަލުވުމުން، ތަށީގެ ތެރޭގައި ހުރި ލޮނުގެ ބަރުދަން ބަލައި އެ ފެންފޮދުގެ ތެރޭގައި ގިރިފައިހުރި ލޮނުގެ މިންވަރު ދެނެގަނެވެ އެވެ. މިދެންނެވި ފަދަ ޓެސްޓު ހަދަނީ އެކަމަށް ޚާއްސަ ލެބޯޓަރީތަކުގައި އެކަމަށް ޚާއްސަ އުނދުނާއި އާލާތް ބޭނުންކޮށްގެންނެވެ.

ކޮންކްރީޓު އުފައްދަން ކަމުދާ ފެނަކީ ފަހުން އެ ކޮންކްރީޓު ކިޔޮކުރަން ( ކޮންކްރީޓު ފިނިކުރަން ނުވަތަ ކޮންކްރީޓުގައި ހުންނަފެން އާތްވަށް ބަދަލުވިޔަނުދިނުމަށް) ކޮންކްރީޓަ ޖަހަން ނުވަތަ އެއަށް އަޅަން ވެސް ކަމުދާ ފެން ކަމުގައި ބެލެވެއެވެ. ފަސޭހައިން ލިބޭ ފެނުގެ ބާވަތް ތަކުގެ ތެރެއިން ކޮންކްރީޓު އުފައްދަން އެންމެ ރަނގަޅީ ބޯ ފެނެވެ.

 

 

 

 

 

 

 





13 ފެބުރުއަރީ 2021

13 އޭޕްރީލް 2021

12 ޖެނުއަރީ 2021

21 ފެބުރުއަރީ 2021

17 ފެބުރުއަރީ 2021

11 ނޮވެމްބަރު 2022

20 މެއި 2021

15 ފެބުރުއަރީ 2021