އިމާރާތްކުރުމަށް އިތުރު އެހީއެއް



އިމާރާތުގެ އަގަށް ބަދަލު އަންނަ ބައެއް ގޮތްތައް


ދިވެހިރާއްޖޭގައި ހިނގާ މަޝްރުއުތަކުގައި އެންމެ ބޮޑަށް ފާހަގަކުރެވޭކަމަކީ މަޝްރޫއުގެމައިގަނޑު ބައިތަކަށް ބަދަލު އައުމެވެ. މިސާލަކަށް 10 ބުރިއަށް އިމާރާތްކުރުމަށްފަރުމާކޮށް ކޮންޓްރެކްޓަރަކާ ހަވާލުކޮށް ހަދަމުންދާ އިމާރާތެއްގެ  މަސައްކަތުގެ މެދުތެރެއިން އިމާރާތުގެ ކުރެހުމަށް ބަދަލުގެނެސް ކުރަހާފައިވަނީ 2 ކޮޓަރީގެ އެޕާރޓްމަންޓްނަމަ 3 ކޮޓަރިއަށް ބަދަލުކޮށް، ނުވަތަ ދިރިއުޅޭގޮތަށް ފަރުމާކޮށްފައިވާ ތަނެއް އޮފީހެއްގޮތަށް ބަދަލުކޮށް މިފަދަ ބަދަލުތަކެވެ. އެކިފަހަރު އެކި ބަދަލެވެ.

ކުރެހުމުގައި ކުރަހާފައި ހުރިއެއްޗެއް ވެރިފަރާތަށް މުޅިން ދޭހަނުވެ ހުންނަފަހަރު ވަރަށް ގިނައިން ދިމާވެއެވެ. އިމާރާތްކުރަމުން ގޮސް އެކި އެކި ބުރި ތަކުގައި ފާރު ރާނަން ފެށުމުގެ ކުރިން، ފާރުތައް ހުންނަންވީ ތަންތަން ފާހަގަކޮށް  މަސައްކަތުގެ ސައިޓަށް އިމާރާތުގެ ވެރިފާތް ގެނެސް އެކި އެކި ކޮޓަރިތަކަށާއި، ސިޓިންރޫމާއި، ބަދިގެ ފަދަ ތަންތަނަށް ކަނޑައެޅިފައި ހުރި ޖާގަތައް އަސްލު މިންތައް ހުރިގޮތް ކިޔައިދީ ދައްކާލުމުން، އެކިއެކި ޖާގަ އެހުރީ މުޅިން ހިތްހަމަ ޖެހޭ ގޮތަށް ނޫންކަމަށް ބުނާ ފަހަރު އާދެއެވެ. އަދި ފާރުތައް ބަދަލުކޮށް އެކި އެކި ޖާގަ ބަދަލުކުރުމަށް ނިންމައި އެކަން ކުރަންޖެހެއެވެ.  ބޭނުންވާގޮތް ދޭހަވާގޮތަށް އަލުން ކުރެހުންތައް ބަދަލުކޮށް ކޮންޓްރެކްޓަރަށް ފޯރުކޮށް ދިނުމުން އިމާރާތުގެ އަގު ބަދުވި ވަރު ކޮންޓްރެކްޓަރުން ދެއެވެ.

އިމާރާތުގެ ކުރެހުން ނިމުނުކަމަށް ގިނަފަހަރަށް ބަލަނީ ސަރުކާރުގެ އިދާރާއަކުން އިމާރާތުގެ ކުރެހުން ފާސްވާ ހިސާބުންނެވެ. އެހެން ނަމަވެސް، ޚަރަދު ހިނގާނެ ވަރަށްގިނަ ބައިތަކެއް ސަރުކާރުގެ އިދާރާއިން ފާސްވި ކުރެހުމުގައި ނުހުރެ އެވެ. މިސާލަކަށް، ފާޚާނާގައި ޖަހާނެ ތަށިމުށި، ފާޚާނާތައްޓާއި، މޫނުދޮންނަތަށީގެ ބާވަތާއި، ބޭނުންކުރާނެ އިސްކުރުތަކާއި، ކަރަންޓު ސްވިޗާއި، ސޮކެޓުގެ މައުލޫމާތާއި އެފަދަ ތަކެތި ހުންނާނެ ތަންތަނާއި، ނަރުގެ ބާވަތާއި، ފެންހޮޅިތަކުގެ ވަށަމިނާއި އެ އަޅާނެގޮތާއި، ދޮރުތަކުގައި ހުންނަންވާނެ ލަކުޑީގެ ބާވަތާއި، ތަޅާއި، ހުޅާއި، އަތްގަނޑުފަދަ ތަކެއްޗާއި، އިމާރާތުގައި ލާނެ ކުލައާއި ބަދިގެފަދަ ތަންތަންހަދާނެ ގޮތާއި، ފަރުނީޗަރުފަދަ އެތަކެއް ކަމެކެވެ.

މައިގަނޑުގޮތެއްގައި ހުއްދަ ހޯދިކުރެހުންތަކުން، ބަދަލުނުވާ، ސާފުކޮށް އެނގެންއޮންނަ ބައިތަކަކީ އިމާރާތުގެ ސްޓްރަކްޗަރުގެ ބައިތަކެވެ. އެއީ ކޮންކްރީޓުން ނުވަތަ ދަގަނޑުން ނުވަތަ ލަކުޑިން ހަދާ ބައިތަކެވެ.

އެހެންވީމާ، އިމާރާތްކުރަން ފެށުމުގެ ކުރިން އެއްބަސްވާ އެއްބަސްވުމުގައި ކަނޑައަޅާ  އިމާރާތުގެ އަގު ބަދަލު ވިޔަނުދިނުމަށް ފުރިހަމަ އަންދާސީހިސާބެއް ހެދުމަށް އިމާރާތާބެހޭގޮތުން ނިންމަންޖެހޭ ވީހާވެސް ގިނަކަންތައްތައް ނިމި އެކަންކަމަށް ހިނގާނެ ޚަރަދު ބެލިފައި އޮތުމަކީ އެންމެ މުހިއްމު އެކަމެކެވެ. އަދި އިމާރާތަކީ ވަކި ޚާއްސަ ބަޖެޓެއްގެ ތެރެއިން ކުރެވޭ، އިމާރާތަށް އަންނަ ބަދަލަކުން އިތުރަށް ފައިސާ ޚަރަދު ކުރެވެން ނެތްމަޝްރޫއެއްކަމަށް ވާނަމަ، ފަރުމާކޮށްފައިވާ ކުރެހުންތައް ވީހާވެސް ފުރިހަމަ ކުރުމާއެކު އެކުރެހުންތަކުގައި ބައިބައި ވަކިކޮށްފައި އެހުރީ ވެރިފަރާތުން ބޭނުންވާގޮތަށް ކަން ވެސް ޔަގީންކުރުން މުހިއްމެވެ.





20 ފެބުރުއަރީ 2021

05 މާޗް 2021

11 ނޮވެމްބަރު 2022

08 ޖެނުއަރީ 2021

20 މެއި 2021

12 ޖެނުއަރީ 2021

05 މެއި 2021

19 ޖުލައި 2021