އިމާރާތްކުރުމަށް އިތުރު އެހީއެއް



ރައްކާކޮށްފައި ގިނަދުވަހު ބަހައްޓާ ސިމެންތީގެ ބާރު ދެރަވޭ


ސިމެންތިއަކީ ވަރަށް ހިމުންކޮށް މުގުރާފައި ހުންނަ ހިކި ކުނޑި އެއްޗެކެވެ. ވަރަށް ފަސޭހައިން ފެނާ އެކުވެއެވެ. ގިނަދުވަހު ރައްކާކޮށްފައި ބަހައްޓާފައި ހުންނަ ސިމެންތީގައި ގަނޑު ސިމެންތި ހުންނަކަން ފާހަގަ ކުރެވެއެވެ. ގަނޑު ސިމެންތި އުފެދެނީ ސިމެންތި ފެނާ އެކުވެގެންނެވެ. ގަނޑު ސިމެންތި އުފެދުމުން ސިމެންތީގެ އަސްލު ގެއްލެއެވެ. ސިމެންތި ބަންދުކޮށްފައި ހުންނަނީ އެކަމަށް އެކަށީގެންވާ ކަރުދާހާ ރަބަރުން ތައްޔާރު ކޮށްފައި ހުންނަ ޚާއްސަ ކޮތަޅެއްގައެވެ. އެއްވެސް ގޮތަކަށް ފެން ނުޖެހޭނެ ގޮތަށް ރައްކާތެރި ކޮށްފައެވެ. 

ސިމެންތި ރައްކާކޮށްފައި ބެހެއްޓުމުގައި ޖައްވުގައި ހުންނަ ތެތްކަންވެސް ނުޖެހޭފަދަ މާހައުލެއްގައި ބެހެއްޓުން  އެދެވިގެންވެއެވެ. އެހެން ނަމަވެސް އެފަދަ ރައްކާތެރި މާހައުލެއްގައި ގިނަ ސިމެންތިތަކެއް ބެހެއްޓުމަކީ ވަރަށް ދަތިކަމަކަށް ވެއެވެ. ބިމުގެ ތެތްކަން ނުވަތަ ފިނިން ގަނޑުވާ ސިމެންތި ވަރަށް ގިނަ ކަމަށް ވެއެވެ.

ލަކުޑި ނުވަތަ ދަގަނޑު ފޮއްޓެއް ނުވަތަ ޕެލެޓެއްގެ މަތީގައި ބިމުގައި ނުޖެހޭގޮތަށް 4 ނުވަތަ 6 އިންޗިވަރު ހުންނަވަރަށް އުހުގައި ސިމެންތި ބަސްދާތައް ބެހެއްޓުން އެދެވިގެންވެއެވެ. އަދި އެ ސިމެންތި ކޮތަޅުތަކުގެ ވަށައިގެން ރަބަރު އަޅައި ނުވަތަ ސަތަރި އަޅައި ޖައްވުގައި އެނބުރޭ ތެތްކަން އެ ސިމެންތިއާ ހިސާބަށް ނުފޯރާނެ ގޮތަކަށް ނިވައި ކޮށް ބަންދުކޮށްފައި ބެހެއްޓުން މުހިއްމެވެ.

އާންމުގޮތެއްގައި މިދެންނެވި ގޮތަށް ފިޔަވަޅުއަޅައިގެން ސިމެންތި ރައްކާތެރި ކުރިކަމުގައި ވިޔަސް ސިމެންތީގެ ތެރެއަށް ޖައްވުގައި ހުންނަ ތެތްކަން ކޮންމެވެސް ގޮތަކުން ފޯރައިގެން އެސިމެންތީގެ ބާރު ދެރަވަމުން ދާކަމަށް ވެއެވެ.

ފެކްޓަރީއިން އަލަށް ތައްޔާރުކޮށްގެން ގެންނަ ސިމެންތިއަކީ އެއްވެސް ގޮތަކަށް ބާރުދެރަވެފައި ނެތް ސިމެންތިކަމުގައި ބަލައިގެން، އެއީ %100 ގައި އޭގެ ބާރު ހުރި ސިމެންތިއެއް ކަމުގައި ހިސާބުކުރާ ކަމަށް ވަންޏާ ގިނަދުވަހު ބަހައްޓާ ސިމެންތީގެ ބާރު ދެރަވާނެ ގާތްގަނޑަކަށް މިންވަރާ މުއްދަތު ލިއެލާނަމެވެ.

ހ. އަލަށް އުފައްދާ ސިމެންތީގައި ހުންނަނީ %100 ގެ ބާރު ކަމަށް ވަންޏާ،

ށ. 3 މަސްދުވަހު ރައްކާކޮށްފައި ހުރި ސިމެންތީގައި ހުންނަނީ %80 ގެ ބާރު

ނ. 6 މަސްދުވަހު ރައްކާކޮށްފައި ހުރި ސިމެންތީގައި ހުންނަނީ %70 ގެ ބާރު

ރ. 12 މަސްދުވަހު ރައްކާކޮށްފައި ހުރި ސިމެންތީގައި ހުންނަނީ %60 ގެ ބާރު

ބ. 24 މަސްދުވަހު ރައްކާކޮށްފައި ހުރި ސިމެންތީގައި ހުންނަނީ %50 ގެ ބާރު

ސިމެންތީގެ ބާރު މިދެންނެވި ގޮތަށް ދެރަވާކަމަށް އެއީ އެކި ފަރާތްފަރާތުން ހަދާފައި ހުންނަ ދިރާސާގެ މައްޗަށް ލިއެފައި ހުންނަ އެއްޗެއްސެވެ. އެ ފަދަ ދިރާސާ ކުރުމުގައި ބޭނުންކުރި ސިމެންތިއާ ރާއްޖެއަށް ގެންނަ ސިމެންތިއާ ކޮންމެވެސް ވަރެއްގެ ފަރަގެއް ހުރުން އެކަށީގެންވެއެވެ. ސީދާ އެތާވަލާ އެއްގޮތަށް ބާރު ދެރަވަމުން ނުދާނެއެވެ.

އެހެން ނަމަވެސް ރައްކާކޮށްފައިހުންނަ ސިމެންތީގެ ބާރު ކޮންމެވެސް ވަރަކަށް ދައްވަމުން ދާނެކަން އެއީ ޔަގީންކުރެވޭ ކަމެކެވެ. އެކި އެކި ސިމެންތީގެބާރު ދައްވަމުންދާ މިންވަރު އަވަސްވެ ނުވަތަ ލަސްވުން އެކަށީގެންވެއެވެ. އެންމެ ބޮޑަށް އެދެވިގެން ވަނީ ރައްކާކޮށްފައި ހުރި ސިމެންތިތަކެއް އަލުން ބޭނުންކުރުމުގެ ކުރިން އެ ސިމެންތި ޓެސްޓުކޮށް އޭގައި އެކަށީގެންވާ ބާރު ހުރިތޯ ބެލުމަށް ފަހު މަސައްކަތުގައި އެސިމެންތި ބޭނުންކުރުމެވެ. ޚާއްސަކޮށް އިމާރާތުގެ ސްޓްރަކްޗަރުގެ މަސައްކަތުގައި އެފަދަ ސިމެންތިއެއް ބޭނުންކުރުމުގެ ކުރުމުގެ ކުރިން ސިމެންތީގެ ބާރު ހުރިވަރު ދެނެގަންނަން ޖެހެއެވެ. 



  • ވަރަށް އިންފޮމޭޓިވް ލިޔުންތަކެއް… ތިޔަފަރާތުގެ މި ޙިދުމަތަށް އ ބިގް ތެންކްޔޫ…
    މިޢީ މި ދާއިރާގައި މަސައްކަތް ކުރާ، ކުދި، މެދު، ބޮޑު ކުންފުނިތަކަށް އަދި ގެދޮރު އިމާރާތް ކުރަމުންދާ ގެދޮރުގެ ވެރިފަޜާތަށް ވެސް މުހިންމު މައުލޫމާތެވެ.. ވ ބޮޑަށް ޝުކުރިއްޔާ

  • އިންޑަސްޓުރީގެ ގިނަމީހުނައް މުހިއްމު މައުލުމަތެއް. ތިކުރައްވަަ މަސައްކަތައް ޝުކުރު ވެރިވަން.

  • ބާރު ދެރަވެފަ ހުންނަ ސިމެންތި ވަކި ޕްރޮޕޯޝަނަކަށް އާ ސިމެންތިއާ މިކްސް ކޮށްގެން ތަޅުންއެޅުމަށް ބޭނުންކުރެވިދާނެތޯ؟؟؟

    • އަޅުގަނޑަށް ހީވޭ ބޭނުންކުރެވިދާނެ ހެން. އެހެން ނަމަވެސް ޓެސްޓެއް ހަދައިގެން ސިމެންތީގެ ބާރު ހުރިވަރު އެނގުމުން ސިމެންތިއާ ވެއްޔާ އެއްކުރަންވީ ނިސްބަތް އިތުރަށް ސާފުވާނެކަމަށް ފެނޭ.

  • މަސައްކަތެއްކުރުމަށް ސިމެންތި ގަތްފަހުން އެމަސައްކަތް ހުއްޓޭގޮތްވެއްޖެނަމަ، އަދި އަލުން ފެށުމަށް ހައެއްކަ މަސް ނަގާފާނެކަމަށް ހީވާނަމަ، އެންމެ ރަގަޅު ގޮތަކީ އެ ސިމެންތި ގުދަންނުކޮށް އެވަގުތު ބޭނުންކުރާނެ ފަދަ މީހަކަށް ވިއްކާލުމެވެ. މަސައްކަތް ފަށަންވީމާ އާ ސިމެންތި ގަތުމެވެ.



  • 11 އޭޕްރީލް 2021

    13 ފެބުރުއަރީ 2021

    21 މެއި 2021

    23 ފެބުރުއަރީ 2021

    17 މާޗް 2021

    08 މެއި 2021

    07 އޭޕްރީލް 2021

    19 ޖުލައި 2021