އިމާރާތްކުރުމަށް އިތުރު އެހީއެއް



އެލުމީނިއަމް ދޮރު ހަރުކުރާއިރު ސަމާލުވާންޖެހޭ ކަންތައްތައް


ދިވެހިރާއްޖޭގައި ކުރެވޭ ހުރިހާ އިމާރާތެއްގައިހެން ބޭރުގެ ފާރުގައި ހަރުކުރާ ދޮރުތަކާއި، ކުޑަދޮރުތަކާއި، އަދި އެފަދަ ހުރިހާ ހުޅުވުންތަކެއްވެސް ހަދަނީ އެލުމީނިއަމް ފަތިންނާއި ބިއްލޫރި ބޭނުންކޮށްގެންނެވެ. 

އިހުގައި އެފަދަ ދޮރުތައް އާންމުގޮތެއްގައި ހަދަމުންއައީ ލަކުޑިންނެވެ. ވަރަށް މޮޅު ލަކުޑިއެއް ބޭނުންކޮށްގެން ނޫނީ ލަކުޑި ދޮރެއް ފެނާއި އަވި ޖެހޭ ހިސާބުގައި ބަހައްޓައިގެން މާ ގިނަދުވަހަކު ނުހުރެއެވެ. އެހެންވީމާ ގިނަދުވަހު ރައްކާތެރި ކަމާއެކު ދޮރުތައް ބެހެއްޓުމުގެ މަގުސަދުގައި އެލުމީނިއަމް ފައްޗާއި، ބިއްލޫރިއާއި އެލުމީނިއަމް ޕެނަލް ބޭނުންކުރަނީއެވެ.

އެލުމީނިއަމް ދޮރު ތައްޔާރުކުރުމުގަޔާއި އަދި ހަރުކުރުމުގައި ސަމާލުކަން ދޭންޖެހޭ  ދެތިން ކަމެއް ލިއެލާނަމެވެ.  

ހ. އިމާރާތުގައި އެލުމީނިއަމް ދޮރު ހަރުކޮށްފައި ހުންނަ އިރު އޭގައި އައިސްޖެހޭ ވައިންނާއި ފެނުގެ ސަބަބުން ނުވަތަ އެނޫންވެސް ގޮތަކުން އަރާ ބާރަކުން އެ ދޮރު އެ ހުރިތަނުން ނައްޓައިގެން ނުދާ ވަރަށް ހަރުކުރަން ޖެހެއެވެ. މުޅި ދޮރު ނޫނަސް އެ ދޮރުގެ ބައެއް ވިޔަސް ވަކިން ނައްޓައިގެން ގޮސްގެން ނުވާނެއެވެ. ބިއްލޫރިއާއި، އަތްގަނޑުފަދަ އެއްޗެތި ހުންނަންޖެހޭނީ އެކަށީގެންވާގޮތަށް ދޮރުގައި ހަރުކުރެވިފައެވެ. ގަދަ ވިއްސާރައިގާ ދޮރުގައި ޖެހޭ ވައިން އަރާ ބާރު ހިފެހެއްޓުމަށްޓަކައި އެދޮރު ހަދާ އެލުމީނިއަމް ފަތީގެ ބޯމިނާއި ފުޅާމިނާ އަދި ބިއްލޫރީގެ ވައްތަރާއި ބޯމިން ކަނޑައަޅަންޖެހެއެވެ. އެފަދަ ނިންމުންތަކުގައި އެލުމީނިއަމް ދޮރު ހަދާ ތަޖުރިބާހުރި ކުންފުނި ތަކުގެ ރޯލު ބޮޑުކަމަށް ފެނެއެވެ.

ށ. އެލުމީނިއަމް ދޮރު ހަރުކުރެވިފައި ހުންނައިރު ދޮރުގެ ފަތީގެ ތެރެއިން، ނުވަތަ ބިއްލޫރިއާ ފައްޗާ ދޭތެރެއިން ނުވަތަ ފައްޗާ ފާރާ ދޭތެރެއިން ވިޔަސް އެއްވެސް ގޮތަކަށް އިމާރާތުގެ އެތެރެއަށް ފެން ލީކުވެގެން ނުވެއެވެ.  އެ ޔަގީންކަން ހޯދަނީ ދޮރު ތައްޔާރު ކުރާއިރުއާއި،  އެ ދޮރު އިމާރާތުގައި ހަރުކުރާއިރުއެވެ. ދޮރުގެ އެތެރޭގައި ހުންނަ ބިއްލޫރިއާ އެލުމީނިއަމް ފައްޗާ ގުޅޭ ކޮންމެ ތަނަކަށް ރަބަރު ޕެކިން ނުވަތަ ގާސްކެޓު ނުވަތަ ސިލިކޮން ސީލަންޓު އަޅައި ބަންދުުކުރަން ޖެހެއެވެ. އަދި ދޮރާ ފާރާދެމެދުގައި ހުންނަ ޖާގައަށް ފޯމު އަޅައި ދެފެރާތުން ސިލިކޮން ސީލަންޓު އަޅައި ބައްދާލަން ޖެހެއެވެ. އެކަށީގެންވާ ތަޖުރިބާހުރި ބަޔަކު ލައްވާ ދޮރުހެދުމާއި، އެކަށީގެން ވާ ސީލަންޓު ބޭނުންކުރުމާއި އަދި ތަޖުރިބާހުރި ބަޔަކުގެ އެހީގައި ދޮރު ހަރުކުރުމަކީ އެދެވިގެންވާ ކަމެކެވެ. 

ނ. ހަރުކޮށްފައި ހުންނަ އެލުމީނިއަމް ދޮރެއް ލައްޕާލާފައި ހުއްޓާ ބޭރުން ޖެހޭ ބާރުވައި އެ ދޮރުގެ އެތެރެއިން ފުރޭނިގެން ދާ ދިއުމުގައި ވަރަށް އަޑު އަޑު އުފެދެއެވެ. ދޮރު ހަރުކޮށްފައި ހުންނަ އިރު އެފަދައިން ވައި ހިނގައިގެން ނުވާނެއެެވެ. އެފަދަ އަޑުތައް އަރައިގެން ނުވާނެއެވެ. ދޮރުލެއްޕުމުން ވައި ބަންދުވާން ޖެހެއެވެ.

ރ. އެލުމީނިއަމް ދޮރުގައި ބޭނުންކުރާ ބިއްލޫރިއަކީ ރައްކާތެރި އެއްޗަކަށް ހަދަން ޖެހެއެވެ. ބޭރު ފާރުގައި ހަރުކުރާ ކޮންމެ ދޮރެއްގައި ލެމިނޭޓެޑް ބިއްލޫރި ހަރުކުރުމަކީ މުހިއްމު ކަމެކެވެ. އެއީ އެއިން ދޮރެއްގައިހުރި ބިއްލޫރިގަނޑެއް ތަޅައިގެން ދިޔަޔަސް ކުދިކުދިވެގެން ބިންމައްޗަށް ވެއްޓުނަ ނުދިނުމަށެވެ. 

ބ. އިމާރާތުގެ އެތެރެއަށް ވަންނަ އަޑު މަޑުކުރަން ބޭނުންނަމަ ޑަބަލް ގްލޭޒް ދޮރު ބޭނުންކުރާށެވެ، އެފަދަ ދޮރުތަކުގެ ބިއްލޫރި ހަދަނީ 2 ބިއްލޫރި ގަނޑު ނުވަތަ ބިއްލޫރީގެ ދެފަށަލަ ބޭނުންކޮށްގެންނެވެ. ދެފަށަލަ ދޭތެރޭގައި ހުންނަނީ ވައި މަދުކޮށް ބަންދުކޮށްފައެވެ. އެފަދަ ދޮރު ހަރުކުރުމުން އިމާރާތުގެ އެތެރެއަށް ވަންނަ  އަޑު މަޑު ވުމުގެ އިތުރުން  ވަންނަ ހޫނުވެސް ކުޑަވެއެވެ. އެތެރޭގައި ކުރެވޭ އެއަރކަންޑިޝަނުގެ ޚަރަދުވެސް ކުޑަވެއެވެ.    

 



  • ދެބިއްލޫރިގަޑު ދޭތެރޭ އުފެދޭ ފެން ސާފު ކުރާނީ ކިހިނެއް.
    ބިއްލޫރީ ގެ ބާވަތްތަށް މުހިންމު.

    • ދެ ބިއްލޫރިގަނޑު ބޭނުންކޮށްގެން، ޑަބަލް ގްލޭޒް ކޮށްފައި ހުންނަ ދޮރުތަކުގައި ދެ ބިއްލޫރިގަނޑު ދޭތެރޭ ބައެއްފަހަރު ފެންއުފެދޭ، އެފަދަ ފެން އުފެދެނީ ދެބިއްލުރިގަނޑު ހިފެހެއްޓުމަށް އޭގެ ވަށައިގެން އަޅާފައި ހުންނަ ސިލިކޮންނުވަތަ ސީލް ހަލާކުވެގެންކަމަށްވޭ. އެފަދަ ކަމެއް ދިމާވެއްޖެނަމަ އެބާވަތުގެ ދޮރު ހަރުކުރާ ކުންފުންޏަކަށް ދައްކައިގެން އެދޮރުގެ ބިއްލޫރީގެ ވަށައިގެންވާ ބެއްދުން ރަނގަޅު ކުރަންޖެހޭނެ. ރަނގަޅު ނުކޮށްފިނަމަ ދެބިއްލޫރި ދޭތެރޭ ފޫޖަހާ (ފަންގަސް އުފެދި) އިތުރު މައްސަލަތަކެއް ދިމާވުން އެކަށީގެންވޭ.
      ލެމިނޭޓު ކޮށްފައި ހުންނަ ބިއްލޫރީގެ ދެ ބިއްލޫރިގަނޑު ދޭތެރޭގައި ވައިބޮކި އުފެދުމުގެ މައްސަލައަކީ ވެސް ހިނގާކަމެއް. އެފަދަ މައްސަލަ ގިނައިން ދިމާވަނީ ފެކްޓަރީގައި ބިއްލޫރި ލެމިނޭޓު ކުރުމުގެ ތެރޭގައި ތާށިވާ ވައި، ބޮކިތަކެއްގެ ސިފައިގާ އެކި ތަންތަނުން ފެންނަން ފެށުން. ރަނގަޅަށް ކޮލިޓީ ކޮންޓްރޯލު ކޮށްގެން ލެމިނޭޓުކުރާ ފެކްޓަރީތަކުން ތައްޔާރުކުރާ ލެމިނޭޓް ބިއްލޫރީގައި ބޮކި ނު އުފެދޭކަން ފާހަގަކުރެވޭ.

  • ކުޑަ ދޮރުހުޅުވާ ލައްޕާ ދުވަސް ކޮޅެއް ވެލީމާ، އަންނަ ގުޑުމުން، ސިލިކޮން ކަނޑައިގެން ގޮސް ފެން ވަންނަ ގޮތްވަނީ ، ސިލިކޮން މައްސަލަ އެއްތޯ، ނޫނީ ދޮރު ހަރުކުރަން ޖަހާ އިސްކުރު މަދުވީމަ، ސިލިކޮން އަށް ޑިޕެންޑްވެވޭލެއް ބޮޑުވަނީތޯ؟

    ދޮރުގޮޅި ހަދާ އިރު، ތިރީކައިރީގައި ސިމެންތިން ނެކް އެއް ހެދުމުން، މިފަދަ އިން ސިލިކޮން ކެނެޑީގެން، ތިރީ ކައިރިން ފެން ވަނުން ހުއްޓުވޭ، އެހެނަސް އަރިމަތިން ސިލިކޮން ކެނޑީގެން ފެން ވަންނަގޮތަށް ހުއްޓުމެއް ނުގެނެވޭ، ދޭތެރެއަކުން ، ސިލިކަން އަޅާން ޖެހޭ، މިކަަމަށް އޮތް ހައްލަކީ ކޮބާތޯ

    • ކުޑަދޮރު ހަރުކުރާއިރު ދޮރާ ފާރާދޭތެރޭ 5 މިލިމީޓަރާ 8 މިލިމީޓަރާ ދެމެދުގެ ޖާގައެއް ހުންނަގޮތަށް ދޮރުގެ ބޮޑުމިނަށްވުރެ ފާރުން ކެނޑި ޖާގަ ބޮޑުކޮށް ދޮރު ހަރުކޮށްފައި، އެ އުފެދުނު ޖާގަ ފުރެންދެން ފޯމު ނުވަތަ އެފަދަ ވޯޓަރ ޕްރޫފް ކުރާ ކެމިކަލެއް އަޅައި ފުރާލުމަށްފަހު، ދެން ދޮރުގެ ބޭރު އަރީމަތީގައި ސިލިކޮން އެޅީމަ ފެން ނުވަދެ ގިނަދުވަހު ހުރޭ.
      ސިލިކޮންގެ ތެރޭގައި ހުރޭ ކޮންމެ ކޮންމެ ތަނެއްގައި ވެސް ހިފާ ވައްތަރަކާ ކޮންމެ ކޮންމެ ތަނެއްގައި ނުހިފާ ވައްތަރު. ސިލިކޮން ގަތުމުގައި އެ ވިއްކާ ފިހާރައިގެ މީހުންއަތުން އެ ސިލިކޯނާ ބެހޭ ލިއުމެއް ހޯދައިގެން އެފަދަ ސިލިކޮން ރަނގަޅަށް ފާރުގަޔާ އެލުމީނިއަމުގައި ތަތްލަވާނެކަން ޔަގީން ކުރުން ރަގަޅު.
      ސިލިކޮން މާތުނިކޮށް އެޅިޔަސް ކަމަކު ނުދޭ ފަސޭހައިން ނެއްޓި އުފެދޭ ޖާގައިން ފެންވަދޭ. ދޮރު ލައްޕާ ލެއްޕުމުގައި ކުޑަކޮށް ގުޑިކަމުގައިވިޔަސް ރަނގަޅަށް ސިލިކޮންއަޅައި ބަންދުވެފައި ހުރެއްޖެނަމަ ފެން ނުވަންނާނެ. އެކަމަކު، ގުޑަނީ ޖަހާފައި ހުރި އިސްކުރުވަޅުން ކަމަށް ޝައްކު ކުރެވޭނަމަ ދޮރު ހަރުކުރާ ބަޔަކާ ވާހަކަ ދައްކައިގެން އެކަން ރަގަނގަޅު ކުރުން މުހިއްމު.



  • 21 އޮކްޓޯބަރު 2022

    08 ޖުލައި 2022

    15 މެއި 2021

    28 މެއި 2021

    23 ޖުލައި 2021

    05 މާޗް 2023

    19 ޖުލައި 2021

    02 މެއި 2021