އިމާރާތްކުރުމަށް އިތުރު އެހީއެއް



އެއަރކޮންޑިޝަން ސިސްޓަމުގައި އުފެދޭ ފެން ހިންދާ ހޮޅި


އެއަރ ކޮންޑިޝަން ސިސްޓަމު ނުވަތަ އިމާރާތުގެ އެތެރޭގައި ހިނގާވައި ފިނި ކުރުމަށް ބަހައްޓާ ނިޒާމުގައި މައިގަނޑު ގޮތެއްގައި ހިމެނެނީ 3 ބައެކެވެ. އެންމެ މުހިއްމު އެއްބަޔަކީ އިމާރާތުން ބޭރުގައި ބަހައްޓާ ހޫނު ބޭރުކޮށް ފިނިކަން އުފައްދައިދޭ ބައެވެ. އިގިރޭސި ބަހުން ނަމަ އެއަރ ކޮންޑިޝަން އައުޓް ޑޯ ޔުނިޓެވެ.

ދެވަނައަށް އެންމެ މުހިއްމު ބަޔަކީ އިމާރާތުގެ އެތެރޭގައި ހަރުކުރާ ވައި ސާފު ކޮށްދީ ވައި ދައުރުކޮށްދޭ ބައެވެ. އިގިރޭސިބަހުން ނަމަ ފޭން ކޮއިލް ޔުނިޓު ނުވަތަ އެއަރކޮންޑިޝަންގެ އިންޑޯ ޔުނިޓެވެ.

ތިންވަނަ ބަޔަކީ އެތެރޭގެ ބަޔާ ބޭރުގެ ބައި ގުޅުވައިދޭ ހޮޅިބައެވެ. މިދެންނެވި 3 ބައި ފުރިހަމަގޮތުގައި ގުޅުވާލައި، ބޭރުގައި ހުންނަ ޔުނިޓަށާއި އެެތެރޭގައި ހުންނަ ޔުނިޓަށް ކަރަންޓު ދީ ހިންގާލުމުން އެއަރ ކޮންޑިޝަން މަސައްކަތްކުރަން ފަށައެވެ.

އެއަރ ކޮންޑިޝަން ސިސްޓަމު ހިންގަމުންދާއިރު، އެތެރޭގައި ބަހައްޓާފައި ހުންނަ ޔުނިޓުގެ އެތެރޭގައި ފެން ހިފައެވެ. އެ ފެނަކީ އިމާރާތުގެ އެތެރޭގައި އެނބުރޭ ވައިގާ ހުންނަ އާވި ފެނަށް ބަދަލުވެ އުފެދޭ ފެނެކެވެ. އެ އުފެދޭ ފެން އެހެންތަނަކަށް ދިޔަނުދީ ހޮޅިބައެއް މެދުވެރިކޮށް އިމާރާތުން ބޭރުކޮށްލުމަކީ ވަރަށް މުހިއްމު ކަމެކެވެ.

ދިވެހިރާއްޖޭގައި ކުރާ އިމާރާތްތަކުގައި އެއަރ ކޮންޑިޝަން ޔުނިޓުތަކުގައި އުފެދޭ ފެން އިމާރާތުން ބޭރުކޮށްލުމަށް 3 ގޮތަކަށް އަމަލު ކުރާތަން ފެނެއެވެ. އެއީ:

1. އިމާރާތުގައި އެކި އެކި ބޭނުމަށް އަޅާފައި ހުރި އެއްވެސް ހޮޅިބަޔަކާ ނުގުޅުވައި ވަކިން ހޮޅިބައެއް އަޅައި އެ ހޮޅިބައި އެއަރ ކޮންޑިޝަން ސިސްޓަމާ ގުޅާލައި، އެއަރކޮނޑިޝަން ސިސްޓަމުން އުފެދޭ ފެން އެހޮޅިބައި މެދުވެރިކޮށް އިމާރާތުން ބޭރުކޮށްލުން.

2. އިމާރާތުގައި ބޭނުންކުރާ ފެންވަރާ ފެނާއި، ބަދިގޭ ސިންކުން ބޭރުވާ ފެން ފަދަ ފެން ހިންދުމަށް އަޅާފައި ހުންނަ ހޮޅިބައި ނުވަތަ “ޑްރެއިނެޖް ސިސްޓަމު” ގެ ހޮޅިބަޔަށް ގުޅާލައިގެން އެއަރ ކޮންޑިޝަންގެ ފެން އިމާރާތުން ބޭރު ކޮށްލުން.

3. އިމާރާތުގައި ނަޖިސްބޭރުކުރުމަށް އަޅާފައި ހުންނަ ހޮޅިބަޔަށް ނުވަތަ “ސްވަރެޖް ސިސްޓަމަށް” ގުލީއެއް މެދުވެރިކޮށް ގުޅާލުން.

މިދެންނެވި 3 ގޮތުންކުރެ އެންމެ ރަނގަޅު ގޮތަކީ 1 ވަނަ ނަންބަރުގައިވާ ގޮތެވެ. ވަކި ހޮޅިބައެއް އެޅުމެވެ. އެހޮޅިބައިގެ އެއްވެސް ހިސާބަކުން އެހެން ހޮޅިބަޔަކާ ނު ގުޅުވައި އިމާރާތުގެ އެންމެ ތިރިއަށް ގެންގޮސް ފެންހިންދި އަކާ ދިމާއަށް “ފްލޯ ޑްރެއިން” އަކާ ދިމާއަށް ހޮޅިބައިގެ ތިރީކޮޅު ދޫކޮށްލުން އެދެވިގެންވެއެވެ. އަދި އެފަދަ ހޮޅިބައެއް އަޅާއިރު ހޮޅިބައި 1/2 1 އިންޗި (ދޮޅުއިންޗި) ނުވަތަ 2 އިންޗިއަށްވުރެ ހިމަ ނުކޮށް އެކަށީގެންވާ ފަލަމިނެއްގެ ހޮޅި ބޭނުންކުރުމުން އެ ހޮޅިބައިގާ ޖަހާ މަޑުގެ ސަބަބުން ބެދުން ލަސްވެއެވެ. ބަލަހައްޓަން ފަސޭހަ ވެއެވެ. ފާރުގެ އެތެރެއަށް ނުވަތަ ތަޅުމުގެ އެތެރެއަށްލާ ނުފެންނަ ގޮތަށް ހޮޅިބައި ދޫކޮށްލި ކަމުގައިވިޔަސް އެކަށީގެންވާ އިންސުލޭޝަނެއް ނުލައްވައި ދޫކޮށް ނުލާށެވެ. އެއީ އެހޮޅިބައިން ދާ ފެންނަކީވެސް ފިނި ފެނަކަށްވާތީ އެ ހޮޅިބައިގެ ބޭރުގައި ފެންހިފާ އިމާރާތުގެ އެކި އެކި ތަންތަނަށް ފެން ލީކުވެ އިމާރާތް ހަލާކުވިޔަ ނުދިނުމަށެވެ.

މި ދެންނެވި 3 ގޮތުންކުރެ އެންމެ ކަމުނުދާ ގޮތަކީ ނަޖިސް ހޮޅިބަޔާ ގުޅުވުމެވެ. ގުލީއެއް ނުވަތަ ވަސްނުހިގާނެ ފަދަ ޓްރެޕެއް މެދުވެރިކޮށް ގުޅި ނަމަވެސް އެއީ އެންމެ ކަމުދާ ގޮތެއް ނޫނެވެ. އެފަދަ ގުޅުވުމެއްގެ ސަބަބުން އެއަރކޮންޑިޝަނުގެ އެތެރެއިން ނަޖިސް ވަސް ދުވުމުގެ ފުރުސަތު ބޮޑުވެއެވެ.  ދިމާވާ މައްސަލަތައް ވަރަށް ގިނަވެއެވެ. 





29 ޖޫން 2021

20 ފެބުރުއަރީ 2021

20 އޭޕްރީލް 2021

09 ޖުލައި 2021

17 ފެބުރުއަރީ 2021

04 އޭޕްރީލް 2021

07 އޭޕްރީލް 2021

12 ޖުލައި 2021