އިމާރާތްކުރުމަށް އިތުރު އެހީއެއް



އިމާރާތުގައި ކުރެވޭ ބޭނުން ބަދަލު ކުރެވިދާނެތަ؟


ވަކި ގޮތަކަށް ފަރުމާކޮށް، އެ އުފައްދާ ކުރެހުންތަކަށް ހުއްދަ ހޯދައިގެން އިމާރާތްކޮށް ނިންމުމަށްފަހު ދުވަސްކޮޅެއް ފަހުން އެތަނުގެ އެކި އެކި ބުރީގައި ކުރެވޭ ބޭނުން ބަދަ ކުރެވޭނެ ހެއްޔެވެ؟

އެފަދަ ކަންތައް ކުރާ ފަރާތްތައް އުޅޭކަމަށް ދެކެމެވެ. އެހެން ނަމަވެސް އެފަދަ ކަމަކުން އިމާރާތަށް އެއްވެސް ގެއްލުމެއް ލިބިދާނެތޯ ސުވާލު އުފެއްދި ދާނެއެވެ. އަދި އެކަމުގައި އެތަން ބޭނުންކުރާ މީހުންނަށް ނުރައްކަލެއް އޮތްތޯވެސް އެއީ  އުފެދޭނެ އެހެން ސުވާލެކެވެ.

އިމާރާތެއް ފަރުމާކުރާއިރު އެތަނުގެ އޮނިގަނޑު ނުވަތަ ސްޓްރަކްޗަރުގެ ތަނބުތަކާއި، ބެރިތަކާއި، ޝީޓާއި، އަދި ބިންގަލުގެވެސް ފަލަމިނާއި، ބޯމިނާއި، ލައްވާނެ ދަގަނޑުގެ ފަލަމިނާއި ގިނަމިން ނިންމަނީ އެ އިމާރާތަށް އަރާނެ ބަރުގެ މައްޗަށް ބިނާކޮށެވެ. އިމާރާތުގެ އެކި އެކި ބުރީގައި ކުރެވޭ ބޭނުމަށް ބަލައި އެތަނަށް އަރާފާނެ ބަރުގެ އަންދާޒާ ކުރުމަކީ އެހާ ފަސޭހަ ކަމަކަށް ނުވި ކަމުގައިވިޔަސް، އިމާރާތްކުރުމުގެ ދިރާސާތައް ކުރާފަރާތް ފަރާތުން މަޝްވަރާދީގެން އެކި އެކި ބޭނުމަށް ބަލައި ބަރު އަރާނެ ވަރުގެ އަންދާޒާ އަދަދުތަކެއް އެކި އެކި ބިލްޑިން ކޯޑުގައި ހުރެއެވެ. އިންޑިޔާގެ ބިލްޑިން ކޯޑު ( IS:875)  ގައި ބުނާގޮތުގެ ބައެއް ތަފްސީލު ލިއެލާނެމެވެ.

  1. މީހުން ދިރިއުޅޭ އާދައިގެ ގެއެއްނަމަ ތަޅުމުގެ ކޮންމެ އަކަމީޓަރަކަށް 150 ކިލޯގްރާމުގެ ބަރު އަރާނެ ކަމަށް ހިސާބު ކުރުން.
  2. މީހުން ދިރިއުޅޭ އެހެން ނަމަވެސް ކުޑަކޮށް ތޮއްޖެހޭފާޑުގެ ގެއެއްނަމަ ކޮންމެ އަކަމީޓަރަކަށް 200 ކިލޯގްރާމް ގެ ބަރު އަރާނެ ކަމަށް ހިސާބު ކުރުން.
  3. މީހުން ދިރިއުޅޭ ގެއެއްގެ ވެސް ބެލްކަނީ، ކޮރިޑޯ ނުވަތަ ޓެރަސް ފަދަ ތަންތަނުގެ އަކަމީޓަރަށް 300 ކިލޯގްރާމްގެ ބަރު އަރާނެ ކަމަށް ހިސާބުކުރުން
  4. މީހުން ދިރިއުޅޭ ގެއެއްގެ ސިޑިބަރި މަތީގައި އަކަމީޓަރަކަށް 300 ކިލޯގްރާމް ގެ ބަރު އަރާނެކަމަށް
  5. އާދައިގެ ބޭނުމެއް ހިފާ އޮފީހެއްނަމަ ކޮންމެ އަކަ މީޓަރަކަށް 250 ކިލޯގްރާމްގެ ބަރު އަރާނެ ކަމަށް
  6. ފިހާރައެއްނަމަ ކޮންމެ އަކަމީޓަރަކަށް 400 ކިލޯގްރާމް ގެ ބަރު އަރާފާނެކަމަށް، އަދި ހޯލްސޭލް ފިހާރައެއްނަމަ ކޮންމެ އަކަމީޓަރަކަށް 500 ކިލޯގްރާމް އަރާފާނެކަމަށް
  7. މިސްކިތް ނުވަތަ ރެސްޓޮރަންޓު ފަދަ މީހުން ގިނައިން ޖަމާވާ ތަންތަނަށް 400 އާއި 500 ކިލޯގްރާމް ކޮންމެ އަކަމީޓަރަކަށް އަރާނެކަމަށް
  8. ލައިބްރަރީ ފަދަ ތަންތަނަށް ކޮންމެ އަކަމީޓަރަކަށް 600 ކިލޯގްރާމް އަރާނެކަމަށް.

މަތީގައި ލިއެފައިވާ ބައިތަކަށްވުރެ ތަފްސީލުކޮށް އެ ކޯޑުގައި ވެއެވެ. އަދި ދުނިޔޭގެ ގިނަ ގައުމު ތަކުގެ ކޯޑުތަކުގައި ބަރުދަން ހިފެންޖެހޭނެ މިންގަނޑު ކަނޑައަޅާފައި ހުރެއެވެ.

އެފަދައިން ބަރު އަރާނެވަރު ކަނޑައަޅާފައި ހުރެގެން ނޫނީ އެތަނެއްގެ ސްޓްރަކްޗަރު ނުވަތަ އޮނިގަޑު ފަރުމާކުރާ އިންޖިނޭރު ޒިންމާކުރެވޭގޮތެއް އޮންނަކަމަށް ނުވެއެވެ. އެފަދަ ބަރުމިންތަކުގެ އަދަދުތައް ހުންނަނީ އެގައުމުތަކުގެ އިމާރާތްކުރުމުގެ ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައެވެ. ނޫނީ ގަވައިދުގެ ދަށުން ހަދާ ކޯޑު ތަކުގައެވެ. ސްޓްރަކްޗަރު ފަރުމާކުރާ އިންޖިނޭރުގެ ވާޖިބަކަށް ވަނީ އެތަނުގެ ވެރިފަރާތާ މަޝްވަރާކޮށް އެތަނުގައި ހިފާނެ ބޭނުން ކަނޑައެޅުމަށްފަހު އެތަނަށް އަރާނެބަރު އިމާރާތްކުރުމުގެ ގަވާއިދުގައި ވާ މިންވަރަށްވުރެ މަދު ނުވާ ވަރަށް ހިސާބު ކުރުމެވެ.

މަތީގައިވާ ކުރު ތާވަލުގައިވާ ގޮތުން ދިރިއުޅުމަށް ކަނޑައަޅާ ތަނެއްގެ ކޮންމެ އަކަމީޓަރަކަށް 200 ކިލޯގްރާމު އަރާނެކަމަށް ބަލައިގެން، އެބަރަށް ފުދޭވަރަށް އިމާރާތުގެ ސްޓްރަކްޗަރު ފަރުމާކޮށް އިމާރާތްކޮށް ނިމިފައި ހުއްޓާ، އެތަނުގެ ކޮންމެ އަކަމީޓަރަކަށް 400 ކިލޯގްރާމުގެ ބަރު އަރާފާނެ ކަމަށް ގަވާއިދުގައި ބުނާ ބޭނުމަކަށް އެތަން ބަދަލު ކޮއްލައިފިނަމަ އެ އިމާރާތް ހުންނާނީ ފުރިހަމަ ރައްކާތެރިކަން ގެއްލިފައެވެ.

އިމާރާތުގެ ބޭނުން ބަދަލު ކުރިއަސް ނުވެއްޓި ހުންނަކަމަށް ބައެއްފަރާތުން ބުނެއެވެ. އަދި އެއީ މާބޮޑު މައްސަލައެއް ނޫން ކަމަށްވެސް ދެކެއެވެ. އެހެން ނަމަވެސް، އަދި އެ އިމާރާތް ނުވެއްޓި ކޮޅަށް ހުރިކަމުގައި ވިޔަސް،  އެ އިމާރާތުގެ ރައްކާތެރިކަމުގެ މިންގަޑު (ސޭފްޓީ ފެކްޓަރު) ހުންނާނީ  އެ ހުންނަން ޖެހޭވަރަށްވުރެ ދަށްވެ ނުރައްކާ ވެފައެވެ. އަދި ވެއްޓިދާނެ ފަދަ ހާލަތެއްގައެވެ. 

ދުނިޔޭގެ އެކި އެކި ގައުމުތަކުގެ ގަވާއިދާއި ކޯޑު ބުނާގޮތުން އިމާރާތްކޮށް ނިމިފައި ހުރި ތަނެއްގައި ކުރާ ބޭނުން ބަދަލުކުރެވޭނީ، އެ ބަދަލު ކުރަން ބޭނުންވާ ބޭނުމަކަށް ބަލައި އަރާނެ އިތުރު ބަރު ހިސާބުކޮށް އެއިމާރާތުގެ ސްޓްރަކްޗަރުގެ ހިސާބުތައް އަލުން ހަދައި އެހިސާބު ތަކުގެ އަލީގައި އެ އިމާރާތަކީ ރައްކާތެރި ތަނެއްކަމަށް ސާބިތުވާނަމައެވެ. އެއީ ރައްކާތެރި ކަމުގެ މިންގަޑު (ސޭފްޓީ ފެކްޓަރު) ފުރިހަމައަށް ލިބޭނަމައެވެ.  





18 ފެބުރުއަރީ 2021

16 މެއި 2021

13 ފެބުރުއަރީ 2021

12 ޖެނުއަރީ 2021

17 ފެބުރުއަރީ 2021

04 އޭޕްރީލް 2021

24 ފެބުރުއަރީ 2021

09 ޖުލައި 2021