އިމާރާތްކުރުމަށް އިތުރު އެހީއެއް



ތަށިމުށި ޖެހުމުގައި ބަލަންޖެހޭ ބައެއް ކަންތައްތައް


އިމާރާތުގައި ޖަހާ ތަށިމުއްޓަކީ ރަނގަޅުފެންވަރުގެ،  އަދި އެ އިމާރާތުގެ ވެރިފަރާތުން އެދޭ ވައްތަރުގެ ތަށިމުއްޓަށް ވާންޖެހެއެވެ. އެހެން މީހެއްގެ ގޭގައި ތަށިމުށި ޖަހާނަމަ އެންމެ ރަނގަޅު ގޮތަކީ ބޭނުންވާ ތަށިމުށީގެ ބާވަތް އެއްބަސްވުމުގައި ސާފުކޮށް ބަޔާންކުރެވިފައި އޮތުމެވެ. އެއީ ތަށިމުށީގެ އެކި ވައްތަރުގެ ފެންވަރު ތަފާތުވެފަ މުށީގެ އަގުތަފާތުވެސް ވާތީއެވެ. އެއްބަސް ވުމުގައި އެއްވެސް އެއްޗެއް ލިޔެވިފައި ނެތް ކަމުގައިވިޔަސް، އިމާރާތުގައި ޖަހާ ތަށިމުށީގެ ބާވަތާއި، ކުލަ އާއި، ބޮޑުމިނާއި، އަދި އެ ޖަހާގޮތްވެސް ވެރިފަރާތާ އެކު، މަޝްވަރާކޮށްފައި މެނުވީ ތަށިމުށި ނުގަންނާށެވެ. އިމާރާތުގެ ވެރި ފަރާތުން ސަމާލުކަންދޭންވީ އެންމެ މުހިއްމު އެއްކަމަކީ އެ އިމާރާތުގެ ކޮންޓްރެކްޓަރަށް ވީހާވެސް ތަފްސީލުކޮށް ބޭނުންވާ އެތި ބަޔާންކޮށް ދިނުމެވެ. ޓެކްނިކަލް ސްޕެސިފިކޭޝަނެއް ވެސް ދިނުމެވެ. 

ހ. ފާޚާނާ ތަކުގައި ތަށިމުށި ޖެހުމުގެ ކުރިން، ވޯޓަރ ޕްރޫފް ކުރެވިއްޖެކަން ޔަގީންކުރަންޖެހެއެވެ. ފާޚާނާތަކުގެ ތަޅުމުގައި ތަށިމުށި ޖަހަން ފެށުމުގެ ކުރިން އެތަނުގައި އަޅާފައިވާ ތަޅުން ކަޗޯރުކޮށް ފެން ހިންދާ ވަޅުގަނޑު ނުވަތަ ފެންހިންދާ ދާގަނޑާ ދިމާއަށް ފަހިވޭތޯ ޔަގީންކުރަން ޖެހެއެވެ. އެހެން ނޫނީ ތަށިމުށިޖަހާ ނިމުނީމަ އެތަށިމުށިތަކުގެ މައްޗަށްއެޅޭ ފެން ނުހިނދި އޮވެދާނެއެވެ. ތަޅުންގަނޑު ރަހައަށް ބާއްވާއިގެން ޖަހާ ތަށިމުށި ބޭނުންކޮށްގެން ފެން ހިނދޭގޮތަށް ތަށިމުށިތައް ކަޗޯރުކުރުމަށް މަސައްކަތް ނުކުރާށެވެ. އެއީ އެހާ ފަސޭހަ އަދި އިތުބާރު ހުރި ގޮތެއް ނޫނެވެ.

ށ. ތަށިމުށިޖަހަން ބޭނުންވާ ތަޅުމުގައި ހިރަފުހާއި ކުޑި ނުވަތަ ރަނގަޅަށް ތަށިމުށި ނުހިފާނެ ޒާތުގެ އެއްޗެއް ހުރިތޯ ބަލައި ތަޅުންގަނޑު ސާފުކުރަންޖެހޭނެއެވެ. ތަޅުމުގައި އެއްވެސް ކަހަލަ ރެނދެއް ލާފައި ހުރިތޯބަލައި އެތަންތަން ބެއްދުމާއި، އަދި ތަޅުމުން ތަންތަން ފިލައިގެން ގޮސްފައި ހުރިނަމަ އެތަންތަން ވެސް ބައްދައި އެއްވަރު ކޮށްފައި ތަޅުންގަނޑު ކަތި ކުރަން ބޭނުންވާވަރަށް ކަތިކޮށްފައި ނޫނީ ތަށިމުށި ޖަހަން ނުފަށާށެވެ.

ނ. ތަށިމުއްޓަކީ އޭގެ ވަކި މިންގަނޑެއް ހުންނަ އެއްޗަކަށް ވާތީ، އެ  ޖަހާ ތަށިމުށީގެ ފުރަތަމަ ތަށިމުށިގަނޑު ބާއްވާ ތަނަކީ މުހިއްމު ތަނަކަށް ވެއެވެ. ފުރަތަމަ ތަށިމުށިގަނޑު ބާއްވާތަނާއި މިސްރާބު ރަނގަޅުވެއްޖިއްޔާ އެތަނުގައި ތަށިމުށި ޖަހަން ފަސޭހަވެއެވެ. އަދި ތަށިމުށި ކަފަން ޖެހޭ މިންވަރުވެސް މަދުވެއެވެ. ޚަރަދު ކުޑަވެއެވެ. ތަށިމުށި ޖެހުމުގައި އެ އިމާރާތް ފަރުމާކުރި އަރކިޓެކްޓުގެ ލަފާ ހޯދައިފިނަމަ ތަށިމުށިތަކުގެ އެތުރުން އިތުރަށް ރީތިވެ ޖާގައިގެ ތަނަވަސް ކަމާ ރީތިކަން އިތުރުވެއެވެ.

ރ. ދެތަށިމުށިގަނޑު ދޭތެރޭގައި ދޫކުރަންވީ 2 މިލިމީޓަރު ތޯ ނުވަތަ އެއަށްވުރެ ކައިރިކުރާނީތޯ، ނޫނީ މުށިޖަހާނީ ކޮންމެ ގަނޑެއް އަނެއްގަނޑާ ޖައްސައިގެންތޯ ނިންމަން ޖެހެއެވެ.  ތަށިމުށި އުފައްދާ ބައެއް ކުންފުނިތަކުން ތައްޔާރު ކުރާ ތަށިމުށީގެ މިންތައް ވަރަށް ފުރިހަމައަށް ދިމާވާތީ މުށި ޖައްސައިގެން ޖެހިޔަސް އެއްވެސް އައިބެއް ނުހުރެއެވެ. އެހެން ނަމަވެސް މުށީގެ ކޮންމެ ގަންޑެއްގައިވެސް މިލިމީޓަރެއް ވަރުގެ ފަރަގެއް ހުރިއްޔާ އެންމެ ރަނގަޅުގޮތަކީ މުށި ނުޖައްސައި ކޮންމެވެސް ވަރެއްގެ ދުރުމިނެއް ބަހައްޓައިގެން މުށި ޖެހުމެވެ.

ބ. ތަށިމުށި ޖެހުމުގައި ޒަމާނުއްސުރެ ބޭނުންކުރާ އެއްގޮތަކީ 1 ސިމެންތިއަށް 2 ވެލީގެ ނިސްބަތުން ގަށާ ސިމެންތި ފަށަލައެއް ފަތުރާލުމަށްފަހު ކޮންމެ ތަށިމުގަނޑެއްގެ ދައްފަރާތުގައި 3 މިލިމީޓަރު ބޯމިނުގެ އޮލަ ސިމެންތި ފަށަލައެއް އުނގުޅާލުމަށްފަހު ތަށިމުށިގަނޑު އޮންނަންޖެހޭތަނުގައި ބޭއްވުމެވެ. އެގޮތަށް މުށިޖަހާނަމަ، ކޮންމެ މުށިގަނޑެއްވެސް ހުންނަން ޖެހޭނީ ފެނުގައި ބަހައްޓައި ފޯކޮށްފައެވެ. ބައެއްމީހުން ދެކޭގޮތުގައި ތަށިމުށި ފޯކުރުމަށް 4 ވަރަކަށް ގަޑިއިރު ފެނުގައި ބެހެއްޓުމުން ފުދެއެވެ. އަނެއްބަޔަކު ދެކޭގޮތުގައި 24 ގަޑިއިރު ވަރު ފެނުގައި ބެހެއްޓުން އެދެވިގެންވެއެވެ.

ޅ. ސިމެންތިއާ ޚާއްސަ ކެމިކަލެއް އެއްކޮށްގެން ތަށިމުށި ޖެހުމަށް ޚާއްސަ ސިމެންތިއެއް “ޓައިލް އެޑްހެސިވް” ގެ ނަމުގައި މިހާރު ބާޒާރުގައި ލިބެން ހުރެއެވެ. ތަށިމުށީގެ ޚާއްސަ ސިމެންތި ބޭނުންކުރާއިރު، އެ ސިމެންތިއެއްގެ ބާވަތުން ކޮންމެހެން ފެނުގައި ތަށިމުށި ފޯކުރާކަށް ނުޖެހެއެވެ. އެހެންވީމާ ތަށިމުށި ޖެހުން އަވަސްވެއެވެ. ދުވާލެއްގައި ޖެހޭތަށިމުށި ގިނަވެއެވެ. ޖަހަން ފަސޭހަވެއެވެ.

ކ. ތަށިމުށި ޖަހަން އާންމުގޮތެއްގައި ގެންގުޅޭ ޓައިލް އެޑްހެސިވް ގެށުމަށްފަހު 30 މިނިޓުގެ ތެރޭގައި ބޭނުންކޮށް ނިންމާލަން ޖެހެއެވެ. އެހެންވީމާ 30 މިނިޓުން ބޭނުންކޮށް ނުނިމޭވަރަށް ޓައިލް އެޑްހެސިވު ނުގަށާށެވެ.

އ. ތަށިމުށި ޖަހަންފަށާނީ ޖަހާތަނުގެ އެތެރޭން ފެށިގެން ބޭރަށެވެ. އެއީ ޖަހާފައި ހުންނަ ތަށިމުށިގަނޑުގެ މައްޗަށް އެއްވެސް މީހަކު ފައިން އެރިއަ ނުދިނުމަށެވެ. އެ ހިސާބަކުން އަބަދާ އަބަދު ހިންގަން ޖެހޭ ސަރަހައްދެއްގައި ތަށިމުށި ޖަހާނަމަ އެއް ރޮނގަކަށް އެއްފަރާތުގައި މުށިޖަހައި އެ ހިކުމުން އަނެއް ރޮނގުގައި ޖަހާށެވެ. ޖަހާ ތަށިމުށި ޖެހިތާ 24 ގަޑިއިރު ނުވަނީސް އޭގެ މަތީގައި ހިގައި ނުވަތަ އެއްޗެއް ބޭއްވިޔަ ނުދޭށެވެ.

ވ. ތަށިމުށި ޖަހަން ޚާއްސަ ކެމިކަލް ” ޓައިލް އެޑްހެސިވް” ނުވަތަ ” ޕްރިމިކްސްޑް ސިމެންޓް މޯޓަރ” ވިއްކާ ފަރާތްފަރާތުން އެފަދަ ކެމިކަލް ބޭނުންކޮށްގެން ތަށިމުށި ޖެހުމުގައި އަމަލު ކުރަންވީގޮތް ލިއެފައި ހުންނަ ކަރުދާސް “ސްޕެސިފިކޭޝަން” ނުވަތަ “ޔޫޒަރ މެނުއަލް” އެއް ހުރެއެވެ. ކެމިކަލް ގަންނައިރު، އެ ވިއްކާ ފިހާރައިން މިދެންނެވި ކަރުދާސް ހޯދައިގެން އޭގައިވާގޮތް ބަލައިގެން ތަށިމުށި ޖެހުމުގައި އެ ކެމިކަލް ބޭނުންކުރާށެވެ. ކޮންމެ ކެމިކަލެއްވެސް ބޭނުންކުރާއިރު، ރައްކާތެރި ކަމުގެ ފިޔަވަޅު އަޅައިގެން ބޭނުންކުރާށޭވެ. 





05 މެއި 2021

12 ޖެނުއަރީ 2021

17 މާޗް 2021

23 ފެބުރުއަރީ 2021

20 ފެބުރުއަރީ 2021

28 މެއި 2021

05 މާޗް 2021

09 ޖުލައި 2021