އިމާރާތްކުރުމަށް އިތުރު އެހީއެއް



އިމާރާތުގައި ކޮންކްރީޓުގެ މަސައްކަތްކުރާއިރު ބަލަންޖެހޭ ކަންތައްތައް 2


7. ކޮންކްރީޓު ކުރުމަށްފަހު ކޮންކްރީޓު ހިކެން ވަގުތުދިނުން

ދިޔާ ކޮންކްރީޓު ހިކި ހަރު ކޮންކްރީޓަށް ބަދަލުވަނީ ދިޔާ ކޮންކްރީޓުގައި ހުންނަ ފެން އާތްވަށް ބަދަލުވެގެން އެ ހިކިގެނެއް ނޫނެވެ. ދިޔާކޮންކްރީޓުގައި ހުރި ފެނާ  އޭގައިހުރި ސިމެންތިއާ އެކުވެ ގުޅި ހަރު މާއްދާއެއް އުފެދޭތީއެވެ. އެހެންވީމާ ފެން ހުސްވެގެންނުވެއެވެ. ކޮންކްރީޓުގެ އެންމެ ބޭރު އަރިމައްޗަކީ ޖައްވަށް ހާމައަށް އޮންނަ ފަށަލަ އަކަށް ވާތީ އެ ފަށަލައިގާ ހުންނަ ފެންފޮދު އާތްވަށް ބަދަލުވުގެ ފުރުސަތު ބޮޑުވެއެވެ. ދިވެހިރާއްޖެ ފަދަ ހޫނުގަދަ ގައުމެއްގައި އެކަމަކީ ވަރަށް ސަމާލުވާންޖެހޭ ކަމެކެވެ.

އެހެން ވީމާ، ކޮންކްރީޓަށް ދޭންޖެހޭ މުއްދަތު ދީ ތައްގަނޑު ނައްޓާލުމަށް ފަހު އަލަށް އެ އުފެއްދުނު ކޮންކްރީޓު ހާމައަށް ދޫ ނުކޮށް އޭގައި އެއްޗެއް އޮޅާލައި  7 ދުވަސް ވަންދެން އަބަދު ވެސް ތެއްމާފައި ބެހެއްޓުން އެދެވިގެންވެއެވެ. ތަނބުތަކުގައި މިދެންނެވި ގޮތަށް އޮޅުމަށް ދިވެހިން ބޭނުންކުރަނީ ސުތުލި ގޯންޏެވެ. ދެން  އެ ގޯނިތައް ތެއްމާފައި ބަހައްޓަނީއެވެ. ޝީޓުގެ ތައްގަނޑު ނައްޓާލަނީ 2 ހަފްތާ ފަހުން ކަމަށް ވާތީ ޝީޓުގެ އަރިމަތިންނާއި، ދަށުގެ ކޮންކްރީޓުން ފެން އާތްވަށް ބަދަލު ވުމަކީ ދުރު ކަމެކެވެ. އެހެންވެ ޝީޓު ކޮންކްރީޓު އެޅުމަށްފަހު އަނެއްދުވަހު، ޝީޓުގެ އަރިމަތީ ހުރިހާ ހިސާބެއްގައި ސިމެންތިން  ގާފޮޅެއް ހަދާލައި ޝީޓު މަތީ ފެންބޮޑުކޮށް ހަފްތާ އެއް ވަންދެން ފެންބޮޑުކޮށް ބާއްވަނީއެވެ. މިދެންނެވި ގޮތުގެ އިތުރުން ކިއޮރިން ކެމިކަލް ނަމުގައި ވިއްކާ ކެމިކަލެއް ޝީޓު މަތީގައި އުނގުޅައިގެން އެއިން ފެން ބޭރަށް ދިއުން ހުއްޓުވައެވެ. ޝީޓަށް ކޮންކްރީޓު އަޅަމުން އެއްވަރު ކުރަމުން ގޮސް އެ މަސައްކަތް ނިމި ،  ޝީޓު ހިކެން ފެށުމުން  ، އެޝީޓުގެ މައްޗަށް މީހުން އަރާ ހިނގުން 24 ގަޑިއިރަށް ހުއްޓުވަން ވާނެއެވެ.

8. ކުރަންޖެހޭ ޓެސްޓުތައް

ބޭނުންކުރަން ކަނޑައަޅާ ސިމެންތި ޓެސްޓު ކުރަންޖެހެއެވެ. އެހެން ނަމަވެސް ސިމެންތިއަކީ އިތުބާރު ހުރި، ފަހުގެ ބްރޭންޑެއްގެ އެއްޗަކަށް ވެފައި، އުފެއްދިފަރާތުގެ ޓެކްނިކަލް ސްޕެސިފިކޭޝަނާއި ތިންވަނަފަރާތުން ކުރެވިފައިވާ ޓެސްޓެއްގެ ނަތީޖާ ހުށަހަޅައިފިނަމަ އިތުރަށް ޓެސްޓު ނުކޮށް އެ ސިމެންތި ބޭނުންކުރުމުގެ ހުއްދަ ދެއެވެ. އެހެން ނަމަވެސް އުސޫލެއްގެ ގޮތުން ކޮންމެ 2000  ސިމެންތި ކޮތަޅަކުން  ސިމެންތީގެ ޓެސްޓެއް ހަދާ އުސޫލު ބައެއް މަޝްރޫއުތަކުގައި ބޭނުންކުރެއެވެ. އަދި މަޝްރޫއުގެ ވަކި ހިސާބަކުން އެހެން ސިމެންތިއެއް ބޭނުންކުރަން ޖެހިއްޖެނަމަ އެ ސިމެންތީގެ މައުލޫމާތު ހުށަހަޅައިގެން ނުވަތަ ޓެސްޓުކޮށްގެން ކޮންސަލްޓަންޓަށް ހުށަހަޅައި ކޮންކްރީޓުގެ މަސައްކަތުގައި އެސިމެންތި ބޭނުންކުރުމުގެ ހުއްދަ ހޯދަންޖެއެވެ.

އުފައްދާ ކޮންކްރީޓުގެ ބާރު ޔަގީން ކުރުމަށްޓަކައި ކޮންކްރީޓު ޓެސްޓު ކުރަންޖެހެއެވެ. އާންމުގޮތެއްގައި ދިވެހިރާއްޖޭގައި ކޮންކްރީޓު ޓެެސްޓުކުރަން ބޭނުންކުރަނީ އިގިރޭސި ވިލާތުގައި ކޮންކްރީޓު ޓެސްޓު ކުރަން ބޭނުން ކުރާ މިންގަނޑު ތަކަށެވެ. ކޮންކްރީޓު ޓެސްކުރެވޭ ދެތިން ލެބޯޓަރީއެއް މާލޭގައި ހުރެއެވެ.

ޓެސްޓުކުރަން ބޭނުންވާ ކޮންމެ ކޮންކްރީޓަކުން، މިސާލަކަށް ފައުންޑޭޝަން ނުވަތަ ބިންގަލުގެ ކޮންކްރީޓު ޓެސްޓުކުރަން ބޭނުންނަމަ، ހަދާނެ ގޮތަކީ ބިންގަލުގެ ކޮންކްރީޓު އަޅާ ދުވަހު، ބިންގަލުގެ ކޮންކްރީޓުން 6 ކޮންކްރީޓު ބްލޮކު ހަދާނީ އެވެ. ކޮންމެ ކޮންކްރީޓު ބްލޮކެއްވެސް ބޮޑުމިން ހުނަންވާނީ ކޮންމެ ބިތެއްގައި 6 އިންޗި ހުންނަ ވަރަށެވެ. އެއީ 6 އިންޗި ފުޅާ، 6 އިންޗި އުސް، 6 އިންޗި ދިގު (ހުރިހާ ބިތެއް އެއްވަރު) ބްލޮކެކެވެ. ކޮންކްރީޓު ޓެސްޓުކުރަން ތައްޔާރުކުރާ ބްލޮކު އަޅަން ޚާއްސަ ދަގަނޑު ތައްގަނޑު ހުރެއެވެ، ޓެސްޓު ކުރަން ޖެހޭ މަސައްކަތްތަކުގައި އެފަ ބްލޮކު ސެޓެއް ގެންގުޅުން މުހިއްމެވެ.

މިދެންނެވި 6 ބްލޮކު އެޅުމަށްފަހު، ޖެހިގެން އަންނަ ދުވަހު އެބްލޮކުތަކުން ތައްގަނޑު ނައްޓާލައި، ޓެސްޓުކުރާ ދުވަސް ޖެހެންދެން ފެނަށް ގަންބާފައި ބަހައްޓަންޖެހެއެވެ. އެފަދަ ކަންތައްތައް ފަހި ކުރުމަށް، ބައެއް ސައިޓު ތަކުގައި ކޮންކްރީޓުން ޓޭންކެއް ހަދައި، އެ ޓޭންކަކީ ޓެސްޓު ބްލޮކު ގަންބާފައި ބަހައްޓާ އެއްޗަކަށް ހަދައެވެ.

ޓެސްޓުކުރަން ޖެހޭ ކޮންކްރީޓުގެ ފުރަތަމަ 3 ބްލޮކު ޓެސްޓުކުރާނީ ކޮންކްރީޓު އުފެއްދިތާ 7 ވަނަ ދުވަހުއެވެ. އެއީ ކޮންކްރީޓުގެ އުމުރުން 7 ވަނަ ދުވަހުގެ ބާރު ހޯދުމަށެވެ. އަނެއް 3 ބްލޮކު ޓެސްޓުކުރާނީ އުފެއްދިތާ 28 ވަނައަށް ވާދުވަހުއެވެ.

ފިއްތާލައިގެން އެއްކޮށް ޗިސްކޮށްލެވޭވަރުގެ އެކަމަށް ޚާއްސަ މެޝިނެއް ބޭނުންކޮށް 3 ބްލޮކު ޓެސްކުރާއިރު އެއިން ކޮންމެ ބްލޮކެއްވެސް ޗިސްކޮށްލުމަށް ނަގާބާރު ނޯޓު ކުރުމަށް ފަހު 3 ބްލޮކުގެ އެވްރެޖެ ބާރު ނިއުޓަން އިން ކޮންމެ އަކަ މިލިމީޓަރަކަށް ޖެހޭވަރު ހޯދަނީއެވެ. އެ ހޯދުނީ ކޮންކްރީޓުގެ އުމުރުން 7 ވަނަ ދުވަހުގެ ބާރު  N/mm2  އިން ނުވަތަ MPa މެގަޕާސްކަލް އިންނެވެ.

7 ވަނަދުވަހު ލިބޭ ނަތީޖާ ބޭނުންކޮށްގެން 28 ވަނަދުވަހުގެ އަތުވެދާނެ ނަތީޖާގެ މިންވަރެއް ދެނެގަނެވެއެވެ. ކޮންކްރީޓުގައި އެކަށީގެންވާ ބާރު ނެތްނަމަ އެ ކޮންކްރީޓު ބަހައްޓާނީތޯ ނުވަތަ ތަޅާލާނީތޯ ނިންމުމަށް 7 ވަނަދުވަހުގެ ނަތީޖާ ބޭނުންކުރެވިދާނެއެވެ.

ކޮންކްރީޓުގެ ބާރު ކަމަށް ނިންމަނީ އޭގެ އުމުރުން 28 ވަނަދުވަހު  ޓެސްޓު ކުރާ 3 ބްލޮކުން ލިބޭ ނަތީޖާ އަށް ބަލާފައެވެ. ރާއްޖޭގައި އާންމުކޮށް ބޭނުންވާކަމަށް ކޮންޓްރެކްޓުތަކުގައި ލިޔެފައި ހުންނަނީ 25 ނިއުޓަން ކޮންމެ އަކަ މިލިމީޓަރަކަށް ޖެހޭތޯ ޔަގީންކުރުމަށެވެ. އެއީ  25N/mm2  ގެ ބާރެވެ.

އިމާރާތުގެ ކޮންކްރީޓުގެ މަސައްކަތް ކުރަމުންދާއިރު ހަމަ އެއާ ގުޅިގެން އެކި އެކިބަތަކުގެ ޓެސްޓުތައް ހެދުމަށް ބްލޮކު އަޅަމުން ޓެސްޓުކުރަމުން އިމާރާތުގެ މަސައްކަތް ނިމެންދެން ކުރިއަށް ގެންދަނީއެވެ. އާންމު ގޮތެއްގައި ޓެސްޓުކުރުމަށް ވަކިން އަގެއް ކޮންޓްރެކްޓުގެ ތެރޭގައި ފާހަގަކުރެވިފައިނެތަސް، އެ އިމާރާތުގެ ކޮންކީޓު ޓެސްޓުކުރަން ޖެހޭނަމަ، ބީ. އޯ. ކިޔުގެ ޕްރެލިމިނަރީއަށް އެފަދަ އަގެން އެއްކުރުން މުހިއްމެވެ.

9. އުފެއްދުނު ކޮންކްރީޓުގައި މައްސަލަ ހުރިނަމަ ކަންކުރާގޮތް

ރަނގަޅަށް ވައިބުރޭޓު ނުކުރެވުމުގެ ސަބަބުންނާއި، ބޭނުން ކުރެވުނު ތަކެތީގެ ފެންވަރު ދެރަވުމުގެ ސަބަބުން ނުވަތަ އެނޫންވެސް ސަބަބަބާހުރެ ކޮންކްރީޓުގައި މައްސަލައެއް ހުރެެއްޖެނަމަ ފުރަތަމަ ކަމަކީ އެމައްސަލައެއް އޮއްބާލަން ނޫޅެ ، އިމާރާތުގެ މަސައްކަތުގައި ކަނޑައަޅާފައިހުންނަ ކޮންސަލްޓަންޓަށް އަންގައި އެނާގެ ލަފާގެ މަތިން ފިޔަވަޅުއެޅުމެވެ. މައްސަލަ ހައްލުކުުމަށް ގިނަފަހަރަށް ޖެހެނީ ކުދިކުދި މަރާމާތު ކުރާށެވެ. ވަރަށް މަދު ފަހަރެއްގައި، ކޮންކްރީޓު ތަޅާލައި އަލުން ހަދަން ޖެހެއެވެ.

10. ކޮންކްރީޓަށް އަޅާ އެޑްމިކްސްޗަރ ނުވަތަ އިތުރު ކެމިކަލްތައް

ކޮންކްރީޓަށް އަޅާ އެކި އެކި ކެމިކަލް ހުރެއެވެ. އެއިން އެއްވެސް ކެމިކަލް އެއް އަޅަން ގަސްދުކުރާނަމަ އެ ކެމިކަލް ގެ މައުލޫމާތު ކޮންސަލްޓަންޓަށް ހުށަހަޅައިގެން އެ ކެމިކަލް ބޭނުންކުރުމުގެ ހުއްދަ ލިޔުމުން ހޯދައިގެން ނޫނީ ކޮންކްރީޓުގެ ތެރެއަށް ކެމިކަލް އަޅައިގެން ނުވެއެވެ.





23 ޖުލައި 2021

24 ފެބުރުއަރީ 2021

05 މެއި 2021

17 މާޗް 2021

21 އޮކްޓޯބަރު 2022

20 މެއި 2021

17 މާޗް 2021

21 ފެބުރުއަރީ 2021