އިމާރާތްކުރުމަށް އިތުރު އެހީއެއް



އިމާރާތުގައި ކޮންކްރީޓުގެ މަސައްކަތްކުރާއިރު ބަލަންޖެހޭ ކަންތައްތައް 1


1. އާންމުބައި

ކޮންކްރީޓު ކުރުމުގައި ބޭނުންކުރާ ދަގަނޑާ، ވެއްޔާ، ހިލައާ އަދި ބޭނުންކުރާ އެހެނިހެން ކެމިކަލް، މަސައްކަތުގައި ބޭނުންކުރުމުގެ ކުރިން ކޮންސަލްޓަންޓުގެ ހުއްދަ ހޯދަންވާނެއެވެ. ސިމެންތީގެ ސެޓްފިކެޓާއި، ހިލައާއި ހިލަވެލީގެ ބާވަތް ބަޔާންކުރާ ލެބޯޓަރީ ޓެސްޓުތަކާއި އަދި ބޭނުންވާނަމަ ފެނުގެ ވެސް ސެޓްފިކެޓް ހުށަހަޅައި އެތަކެތި ބޭނުންކުރުމުގެ ހުއްދަ ލިއުމުން ހޯދަންވާނެއެވެ. ހުއްދަ ހޯދުމަށްފަހު ގެންނަ ތަކެތި ރައްކާތެރިކޮށް ބެހެއްޓުމުގައި ސަމާލުވާންވާނެއެވެ. ސިމެންތިފަދަ ތަކެތި ބަހައްޓަންވާނީ ފެން ނުޖެހޭގޮތަށް ބިމުގައި ނުޖައްސާ އުހުގައެވެ.

2. ސިމެންތި

ކޮންކްރީޓުކުރަން ބޭނުން ކުރާ ސިމެންތިއަކީ އޯޑިނަރީ ޕޯޓްލޭންޑް ސިމެންތި ( އޯ. ޕީ. ސީ.) ނުވަތަ އާދައިގެ ސިމެންތި، އިގިރޭސިވިލާތުގެ ކޯޑު BS12  އަށް ފެތޭ، ސިމެންތި އުފެއްދިތާ 6 މަސް ދުވަހަށްވުރެ އިތުރުނުވާ އެއްޗަކަށް ވާންޖެހެއެވެ. އެހެންވީމާ ސިމެންތި ބޭނުންކުރުމަށް ހުށަހަޅާ ކަރުދާހުގައި ސިމެންތި އުފެެއްދި ތާރީޚާއި، ސިމެންތީގައި ހިމެނޭ ކެމިކަލް ތަކުގެ ތަފްސީލު ހިމަނަން ޖެހޭނެއެވެ.

3. ހިލައާއި ހިލަވެލި

ހިލަވެއްޔަކީ  އިގިރޭސިވިލާތުގެ ކޯޑު   BS882  އަށް ފެތޭ އެއްޗަކަށް ވާންޖެހެއެވެ. ބޭނުންކުރާ ހިލައަކި ލައިމް ސްޓޯން ނުވަތަ ލައިމް ސްޓޯންގެ ބައިތައް ނުހިމެނޭ އަދި  އަށް ފެތޭ އެއްޗެއްކަމުގައި ވާންޖެހެއެވެ. ބޭނުންކުރާ ހިލައިގެ ތެރޭގައި އުފައްދާ ކޮންކްރީޓަށް ގެއްލުން ލިބިދާނެފަދަ އެއްވެސް އިތުރު ކެމިކަލެއް ހުރެގެން ނުވާނެއެވެ. ހިލަ ނުވަތަ ހިލަވެލީގައި ކުންޏާއި، ޕްލާސްޓިކު ކޮތަޅުގެ ބައިތަކާއި، ގަސްގަހުގެ މޫ ފަދަ އެއްޗެތި ހުރެގެން ނުވާނެއެވެ. ކޮންކްރީޓު ކުރުމުގައި ބޭނުންކުރާ ހިލައިގެ ބާރު އެއިން އުފައްދަން ބޭނުންވާ ކޮންކްރީޓުގެ ބާރަށްވުރެ ގަދަވާންޖެހޭނެއެވެ. ހިލަ ފުއްތަކަކީ ފަތި ހިމަދިގު އެއްޗެސަށް ވެގެން ނުވާނެއެވެ. ހިލަފުއްތަކުގެ ބޮޑުމިން 20 މިލިމީޓަރަށްވުރެ ބޮޑުވެގެން ނުވާނެއެވެ.

4. ފެނާ، ސިމެންތިއާ، ވެއްޔާއި ހިލަ އެއްކުރާ ބައިކުޅަބައި

އާންމުގޮތެއްގައި ދިވެހިރާއްޖޭގެ މާހައުލުގައި ކޮންކްރީޓު އުފައްދަން ތަކެތި އެއްކުރަނީ 1:2:3 ބައިކުޅަބަޔަށެވެ. އެއީ 1 ކޮތަޅު ސިމެންތިއަށް 2 ގޯނީގެ ވެއްޔާއި، 3 ގޯނީގެ ހިލައިގެ ނިސްބަތުން ނެވެ. 1 ކޮތަޅު ސިމެންތީގައި 50 ކިލޯގްރާމް ހުންނާތީ އެ އެއްކުރާ ނިސްބަތް ރަނގަޅަށް ދިމާވާނީ ހިލަބަސްދާއެއްގައިވެސް އަދި ވެލި ބަސްދާއެއްގައިވެސް 50 ކިލޯ ހުރިއްޔާއެވެ. އެހެން ނޫންނަމަ، ބަރުދަނަށް ބަލައި ވެއްޔާ ސިމެންތީގެ އަދަދު އިތުރު ނުވަތަ މަދު ކުރާނީއެވެ. ކޮންކްރީޓު ގަށަން ފެން އަޅާނީ %0.4 އާ %0.5 އާ ދެމެދުގެ އަދަދަކަށެވެ. އެއީ ކޮންމެ ސިމެންތި ބަސްދާއަކަށް ގާތްގަނޑަކަށް 25 ލިޓަރުގެ ނިސްބަތުންނެވެ. ބައެއް ވައްތަރުގެ ހިލައަށް ގިނައިން ފެންދަމާލާތީ ބައެއްފަހަރު އަޅަންޖެހޭ ފެން އިތުރުވާ ތަން އާދެއެވެ.

އާންމުގޮތެއްގައި ކޮންކްރީޓުގެ ލިބެންޖެހޭ ބާރުކަމަށް ގިނަ ކޮންޓްރެކްޓް ތަކުގައި ލިޔެފައި ހުންނަނީ ކޮންކްރީޓަށް 28 ދުވަސް ހަމަވާއިރު ، އެ ކޮންކްރީޓުގެ ބާރު ކޮންމެ އަކަ މިލިމީޓަރަކުން 25 ނިއުޓަން (2.5 ކިލޯގްރާމުގެ ބާރު) ހިފެން ޖެހޭކަމަށެވެ.

ލީން ކޮންކްރީޓު ފަދަ ބާރު ނާރާ ކޮންކްރީޓު އުފައްދަން ބޭނުން ކުރާ ނިސްބަތަކީ 1:3:6 އެވެ. އެއީ ކޮންމެ ސިމެންތި ކޮތަޅަކަށް 3 ބަސްދާ ވެއްޔާއި، 6 ބަސްދާ ހިލައެވެ. ކުރިން ފާހަގަކުރިގޮތަށް ބަރުދަން ދިމާވާނަމައެވެ.

ކޮންކްރީޓު ކުރުމުގައި ނިސްބަތް ދިމާކުރުމަށް ކޮޑި ބޭނުންކުރެވިދާނެއެވެ. މިސާލަކަށް 1:2:3 ނިސްބަތުން ތަކެތި އެއްކުރާއިރު، 1 ޑަބިޔާ ސިމެންތިއަށް 2 ޑަބިޔާ ވެއްޔާއި، 3 ޑަބިޔާ ހިލަ އެއްކުރާނީއެވެ. ހަމަ އެގޮތުން 1:3:6 ނިސްބަތަށް ގަށާއިރު 1 ޑަބިޔާ ސިމެންތިއަށް 3 ޑަބިޔާ ވެއްޔާއި އަދި 6 ޑަބިޔާ ހިލަ އަޅާނީއެވެ. ކޮންކްރީޓު ގަށާ މިންވަރު އިތުރު ކުރާނަމަ އެ ނިސްބަތުން އިތުރު ކުރަމުން ގެންދާނީއެވެ.

ފާހަގަ ކުރެވޭކަމަކީ ބަރުދަނުގެ ނިސްބަތުން ގަށާ ތަކެތިން އުފެދޭ ކޮންކްރީޓު ، ކޮޑީގެ ނިސްބަތުން ތަކެތި އެއްކޮށްގެން އުފެދޭ ކޮންކްރީޓަށްވުރެ ބާރު ގަދަކަމެވެ.

5. ކޮންކްރީޓު އުފެއްދުން

ކޮންކްރީޓު އުފެއްދުމަށް ތަކެތި ގަށަންވާނީ މެޝުގައެވެ. އަތުން ގަށައިގެން ނުވާނެއެވެ. މެޝިނުގެ ތެރައަށް އަޅާ ތަކެތި އަޅަނީ ކަނޑައެޅިގެން ބުނެފައިވާ ނިސްބަތުން ތޯ ޔަގީންކުރަން ޖެހޭނެއެވެ. އެކަމަށް ކޮލިޓީ ކޮންޓްރޯލުކުރުމަށް މީހަކު ބައްޓައި ހަދައެވެ. ކޮންކްރީޓު ގަށަން މެޝިނަށް ތަކެތި އެޅުމަށް ފަހު އިރުކޮޅަކު ހިންގާލުމަށްފަހު ފެންއަޅަން ފަށާނީއެވެ. ފެނުގެ ނިސްބަތް ގެންގުޅެން ޖެހެނީ ގާތްގަނޑަކަށް ކޮންމެ ސިމެންތި ބަސްދާއަކަށް 25 ލީޓަރު ހާ ހިސާބުގައެވެ. ކުޑަކޮށް އިތުރުކޮށް މަދު ކުރަންޖެހޭ ފަހަރު އަތުވެދާނެއެވެ. ކޮންކްރީޓު އުފެއްދުމަށް މެޝިނުން ގަށާނީ އެވްރެޖްކޮށް  3 މިނެޓުއެވެ. އުފެދުނު ކޮންކްރީޓުގައި މާގިނައިން ފެންހުރިތޯ މާ ދިޔާ ތޯ ނުވަތަ މާ ހިކި ތޯ އުފެދޭ ސުވާލުގެ ޖަވާބު ލިބެނީ ކޮންކްރީޓު ސްލަމްޕް ޓެސްޓުންނެވެ.

ދެކޮޅުން ކަނޑާފައި ހުންނަ ދަގަނޑުން ހަދާފައި ހުންނަ ދޯރިއެއް ފަދަ އާލާތެއް ( ސްލަމްޕް ކޯން) އަށް ކޮންކްރީޓު އެޅުމަށް ފަހު އެ އުފުރާލުމުން ކޮންކްރީޓު ގަނޑު އެއްކޮށް ތިރިވެއްޖެނަމަ އެ ހުރީ މާގިނައިން ފެންއެޅިފައެވެ. ދޯރި ނައްޓާލުމުން އެއަށް އެޅި ކޮންކްރީޓު ގަނޑު އެއްގޮތަކަށްވެސް ގުޑާނުލާނަމަ، ފެންއެޅިފައި ހުރީ ބޭނުންވާވަރަށް ވުރެ މަދުންނެވެ.

އުފައްދާ ކޮންކްރީޓު އިމާރާތުގެ ދިމަދާއަށް އަޅަމުންދާއިރު އެ ކޮންކްރީޓުން ބްލޮކްނަގައި ރައްކާކޮށް އެބްލޮކުތައް ޓެސްޓުކުރުމުގެ ކަންތައްތައް ރާވަން ޖެހެއެވެ. އެއީ އުފެދުނު ކޮންކްރީޓުގެ ބާރު ޔަގީން ކުރުމަށްޓަކައެވެ.

6. މެޝިނުން ދިޔާ ކޮންކްރީޓު ނަގައިގެން ގޮސް ތައްގަނޑަށް އެޅުން

އިމާރާތްތަކުތައި އަޅާ ބޮޑަތި ކޮންކްރީޓު އަޅާނެ ދުވަހާ ވަގުތާ އެކަމާބެހޭ އެހެނިހެ މައުލޫމާތު އެ މަސައްކަތެއްގެ ވެރިފަރާތަށާއި ކޮންސަލްޓަންޓަށް އަންގަންވާނެއެވެ. މެޝިނުގެ ތެރެއިން ދިޔާ ކޮންކްރީޓު ނަގައިގެން ގެންގޮސް ތައްގަނޑުގެ ތެރެއަށް އެޅުމަށް ގެންދާ ގެންދިއުމުގައި ތެޅިތެޅި ގަށާފައިވާ ކޮންކްރީޓުގަނޑު ހިލަކޮޅު އަޑިއަށް ގޮސް ސިމެންތި ފެންފޮދު މައްޗަށް އަރާފަދަ ގޮތަކަށް ކަންތައް ވެގެންދިޔަ ދީގެން ނުވާނެއެވެ. އަދި ގެންދާ ގެންދިއުމުގައި އެ އަޅާފައިހުން އެއްޗެއްގެ އަރި އަރި މަތިން ފައިބައިގެން ގޮސް މުޅިތަން ހަޑިވާފަދަ ގޮތަކަށް ވެ ކަންތައް ހިނގައިގެންނުވާނެއެވެ.

ތައްގަނޑުގެ ތެރެއަށް ދިޔާ ކޮންކްރީޓު އޮއްސާލުމުން ތައްގަނޑުގެ ތެރޭގައި ހުންނަ ދަގަނޑުތަކުގެ ދޭތެރެ ދޭތެރެއިން ފައިބައިގެން ގޮސް އެތެރެއަށް ވަންނަ ކަމަށް ފެނުނަސް ވައިބުރޭޓަރު ޖައްސައި އޭތި ކޮއްޕައިގެން  ދިޔާ ކޮންކްރީޓު ތައްގަނޑުގެ ހުރިހާ ހިސާބަކަށް ފޯރައިފިކަން ޔަގީންކުރަން ޖެހެއެވެ. ކަރަންޓު ވައިބުރޭޓަރު ޖައްސާއިރު ރަނގަޅީ ވީހާވެސް އޮލަބަށް ވައިބުރޭޓަރު އަބަދު ވެސް ބެހެއްޓުމެވެ. ކަތިކޮށް ބަހައްޓައި ގާގްގަނޑަކަށް ރަހައަށް ދާވަރަށް ކަތިކޮށް ކޮންކްރީޓު ދިމަދިމާއަށް ކޮއްޕުމަށް ވައިބުރޭޓަރު ބޭނުން ނުކުރާށެވެ. އަދި އެއްތަނުގައި ވައިބުރޭޓަރު ޖައްސައިގެން ބަދަލު ނުކޮށް ނުހުންނާށެވެ. ރަނގަޅީ ކޮއްޕާލުމަށް ފަހު 30 ސިކުންތަށްވުރެ އިތުރަށް ނުބަހައްޓައި ނެގުމެވެ.

ބޯކޮށް ވާރޭ ވެހި ވެހި އޮއްވާ ކޮންކްރީޓު ނާޅާށެވެ. އެއީ ވާރޭފެނާ ގަށާފައިވާ ދިޔާ ކޮންކްރީޓު އެކުވެ ކޮންކްރީޓުގެ އެތެރޭގައި ފެންގިނަވެދާނެތީއެވެ. އޭރުން ކޮންކްރީޓުގެ ބާރު ދެރަވާނެއެވެ.

ކޮންކްރީޓު ގަށާ ނިމޭ ހިސާބުން ފެށިގެން 30 މިނިޓުގެ ތެރޭގައި އެ ގެށި ކޮންކްރީޓު ތައްގަނޑަށް އަޅައި ހުސްކުރަންޖެހެއެވެ.

ދިޔާ ކޮންކްރީޓު އެޅުމުގެ ކުރިން އެ ކޮންކްރީޓު އަޅަން ޖަހާފައިވާ ތައްގަނޑު ފިލާ ކޮންކްރީޓު ޖެހޭނެ ހުރިހާ ހިސާބެއްގައި ފޯމްއޮއިލް ނުވަތަ ތައްގަނޑު ތެޔޮ ލާންވާނެއެވެ.

ކޮންކްރީޓު އަޅަމުން ގޮސް ، އެދުވަހުގެ މަސައްކަތް ނިމުނުއިރުވެސް ކޮންކްރީޓު އަޅައި ނުނިމުނު ނަމަ ކޮންސަލްޓަންޓުގެ މަޝްވަރާގެ މަތިން ކޮންސްޓްރަކްޝަން ޖޮއިންޓެއް ހަދައި، ނުވަތަ ނުހަދައި ވެސް ކޮންކްރީޓު ކުރުން ހުއްޓާލައި، އަނެއްދުވަހު ކޮންކްރީޓުގެ މަސައްކަތް ކުރިއަށް ގެންދެވިދާނެ ގޮތްތައް ހުރެއެވެ. މެދު ނުކެނޑި ގެންދަންޖެހޭ ކޮންކްރީޓެއްކަމުގައި ބެލެވޭނީ އެއްބައި އެޅުމަށްފަހު އަނެއްބައި އެޅުމާދޭތެރެ 30 މިނިޓަށްވުރެ ކުރުވާން ޖެހެންޏާއެވެ. މެދު ނުކެނޑި ގެންދަންޖެހޭ ބޮޑަތި ކޮންކްރީޓު ކުރުމުގެ ކުރިން އެކަން ކުރަމުން ދާއިރު ދިމާވެދާނެ ކަންތައްތަކަށް ވިސްނާ، ބޭނުންކުރާ ވައިބުރޭޓަރުފަދަ ތަކެތި އިތުރަށް ބަހައްޓަން ވާނެއެވެ.

ބޯކޮށް ހުންނަ ޝީޓު ނުވަތަ އުސްކޮށް ހުންނަ ތަބު ފަދަ އެއްޗެއްސަށް ކޮންކްރީޓު އަޅާއިރު ރަނގަޅަށް ނޭޅި ހުންނަކަން ފާހަގަ ކުރެވެއެވެ. އެންމެ ރަނގަޅީ ފޫޓަކުން ފޫޓަކުން ކޮންކްރީޓު އަޅަމުން ވައިބުރޭޓަރު ޖައްސައި ކޮންކްރީޓު ހަމަޖައްސަމު ގެންދިއުމެވެ.





17 ފެބުރުއަރީ 2021

15 ފެބުރުއަރީ 2021

20 ފެބުރުއަރީ 2021

03 މެއި 2021

17 މާޗް 2021

16 މެއި 2021

05 މާޗް 2023

08 މެއި 2021