އިމާރާތްކުރުމަށް އިތުރު އެހީއެއް



އިމާރާތުގައި ބަހައްޓާ ލިފްޓު


އުސްކޮށް އިމާރާތްކުރާ ކޮންމެ ގެއެއްގައި ލިފްޓެއް ހުރުމަކީ އެދެވިގެންވާކަމެކެވެ. 3 ބުރިއަށްވުރެ އުސްކޮށް އިމާރާތްކުރާނަމަ ލިފްޓު ބެހެއްޓުން މުހިއްމެވެ.

ލިފްޓު ތައްޔާރު ކުރަން ފެށުމުގެ ކުރިން، އެކި އެކި ގައުމުތަކުގައި އިމާރާތްކުރުމުގެ އުސްމިން 7 ބުރިއަށްވުރެ އުސްކޮށް ނުކުރެވޭގޮތަށް ވެސް ގަވައިދު ހަދާފައި ހުއްޓެވެ. އެއީ އެއަށްވުރެ އުސްތަންތަނަށް އަރައި ފޭބުމަކީ ފަސޭހަކަމަކަށް ނުވާތީއެވެ.

މާލޭގެ ގޭގޭގައި އެންމެގިނައިން ބަހައްޓަނީ 6 މީހުންގެ ނުވަތަ 8 މީހުންގެ ޖާގަހުންނަ ލިފްޓެވެ. އިމާރާތް ފަރުމާކުރާ ނުވަތަ ކުރަހާއިރު ލިފްޓުގެ ޖާގަ ކަނޑައަޅައެވެ. އެގޮތަށް އެކަންކުރަންޖެހެނީ އެކިއެކި ކުންފުނީގެ ލިފްޓުތަކުގެ ޖާގަ ތަފާތު ވާތީއެވެ. އެހެންވީމަ އިމާރާތުގައި ބަހައްޓަން ބޭނުންވާ ލިފްޓު ހުންނަނީ ވަރަށް ކުރިން ކަނޑައެޅިނިމިފައެވެ. ކޮންމެ ކުންފުންޏެއްގެވެސް ލިފްޓެއް ބެހެއްޓޭގޮތަށް ޖާގަ ދޫކުރާނަމަ، އެކަމުގައި އިމާރާތުން ގެއްލޭޖާގަ އިތުރުވެއެވެ.

ލިފްޓު ދަތުރުކުރާ ބާރުމިނަކީ މުހިއްމު އެއްޗެކެވެ. އެކަން މުހިއްމުވަނީ 10 ބުރިއަށްވުރެ އުސްކޮށް، މިސާލަކަށް 15 ބުރިއަށް ނުވަތަ 25 ބުރިއަށް އިމާރާތް ކުރާނަމައެވެ. ލިފްޓުގެ ދުވެލި ބާރުވުމާ ލިފްޓުގެ އަގާ ގުޅިފައިވެއެވެ. އެއީ ހޯދަންޖެހޭ މޯޓަރު ބަދަލުވާތީއެވެ. އާންމުގޮތެއްގައި ބަހައްޓާ ލިފްޓުގެ ދުވެއްޔަކީ ސިކުންތަކު 1 މީޓަރެވެ ނުވަތަ އެއަށްވުރެ މަޑުންނެވެ. އެއީ ކޮންމެ ބުރިއެއްގައި 3 މީޓަރު އުސްމިން ހުންނަ  އިމާރާތެއްނަމަ އަދި އަދި އެންމެ ތިރީބުރިން 10 ވަނަ ބުރިއަށް އަރާނަމަ ދަތުރަށް 30 ސިކުންތު ވާނެއެވެ. އެ ދަތުރުގައި ކޮންމެ ބުރިއަކަށް ހުއްޓާނަމަ އެއީ އިތުރުވާ ވަގުތެވެ. ލިފްޓުގެ ދުވެލި ސިކުންތަކު 2.5 މީޓަރަށް ހުންނަ ލިފްޓުވެސް ގަންނަން ލިބެން ހުރެއެވެ. އެފަދަ ލިފްޓުގެ ޕިޓް ޑެޕްތާއި އޯވަރހެޑް ހައިޓް ( ލިފްޓު ގޮޅީގެ އެންމެ ތިރިން ދޫކުރާ ޖާގައާއި، އެންމެ މަތިން ދޫކުރާ ޖާގަ) ބޮޑުވެއެވެ.

އިމާރާތުގައި އަލިފާނުގެ ޚާދިސާއެއް ހިގައިފިނަމަ އެކަމުން ރައްކާތެރިވުމަށް އިމާރާތުން ނުކުންނައިރު، ލިފްޓު ބޭނުންކޮށްގެން ނުވާނެއެވެ. އެއީ ލިފްޓަށް ވަންނަ ވަގުތު، އިމާރާތުން ކަރަންޓު ގޮސް ލިފްޓުގެ ތެރޭގައި މީހަކު ތާށިވުމުގެ ބިރު އޮންނާތީއެވެ. އެހެން ނަމަވެސް މިހާރު ބަހައްޓާ ބައެއް ލިފްޓުގައި އެފަދަ އެމަޖެންސީ ސިސްޓަމް ހަރުކޮށްފައި ހުންނާތީ، ލިފްޓުގެ ކަރަންޓު ކެނޑިއްޖެ ނަމަ އެންމެ ކައިރި ބުރިއަކަށް ލިފްޓު ހުއްޓި އޭގެ ދޮރު ހުޅުވޭގޮތަށް ރާވާފައި ހުރެއެވެ. އަދި އެމަޖެންސީގައި ބޭނުންކުރުމަށް ޚާއްސަކޮށް އަލިފާނުގެ ޚާދިޘާއަކުން ސަލާމަތް ވުމަށް ބޭނުންކުރުމަށް ޚާއްސަކޮށް ފަޔަރމަން ލިފްޓު ( އަލިފާނުގެ ޚާދިޘާގައި މަސައްކަތް ކުރާ މީހުންގެ ޚާއްސަ ލިފްޓު) ވެސް ގަންނަން ލިބެން ހުރެއެވެ.

އުސްކޮށް އިމާރާތްކޮށްފައި ހުންނަ އިމާރާތްތަކުގެ މަތީބުރިތަކަށް ކޮންމެ ކޮންމެ މީހަކަށް ނޭރޭގޮތަށް ލިފްޓު ބަދަލު ކުރެވެއެވެ. އޭރުން، ވަކި ކާޑެއް ނުވަތަ މީހާގެ އިނގިލީގެ ނިޝާން ޖަހައިގެން ނޫނީ ލިފްޓުގެ ބޭނުން ނުކުރެވޭނެއެވެ.

އިމާރާތުގައި ވަކި ޚާއްސަ ދަވާދަކާއި ވަކި ވައްތަރެއްގެ ތަޅުމެއް އަޅައި، ވަކި ގޮތަކަށް އިންޓީރިއަރ ޑިޒައިން ކޮށްފައި ހުންނަ އިމާރާތްތަކުގައި، އެކަން ލިފްޓުގައި ކުރަން ބޭނުންނަމަ އެއީ ވެސް ކުރެވޭ ކަމެކެވެ. ލިފްޓުގެ ބިއްތަކާއި، ތަޅުމާއި، އަދި ސީލިންވެސް ޚާއްސަ އިންޓީރިއަރ ޑިޒައިނަރަކު ލައްވާ ޑިޒައިން ކޮށް ކަސްޓަމައިޒް ކުރެވެއެވެ.

 

 

 





15 ފެބުރުއަރީ 2021

24 ފެބުރުއަރީ 2021

15 މެއި 2021

21 ފެބުރުއަރީ 2021

20 މާޗް 2021

13 ފެބުރުއަރީ 2021

20 އޭޕްރީލް 2021

05 މެއި 2021