އިމާރާތްކުރުމަށް އިތުރު އެހީއެއް


ބިމާބެހޭ ގާނޫނާއި ގަވާއިދު



ޕްލޭންކުރުމާބެހޭ ގާނޫނާއި ގަވާއިދު



އިމާރާތްކުރުމުގެ ގާނޫނާއި ގަވާއިދު



އަލިފާނުންރައްކާތެރިވުމާއިބެހޭ ގާނޫނާއި ގަވާއިދު



ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ގާނޫނާއި ގަވާއިދު



ހ. އެއްވެސް އިމާރާތެއްގެ މަސައްކަތެއްކުރަންވާނީ އެ އިމާރާތެއްގެ މަސައްކަތް ކުރުމުގެ ހުއްދަ ނަގައިގެންނެވެ.

ށ. އިމާރާތްކުރުމުގެ ހުއްދަ ދޫކުރާނީ ރަށެއްގައި ނަމަ އެރަށުގެ ކައުންސިލުންނެވެ. ސީޓީއެއްގެ ގޮތުގައި ކަނޑައަޅާފައިވާ ރަށެއްނަމަ، އެތަނުގައިވާ ސިޓީ ކައުންސިލުގެ އޮފީހުންނެވެ. 

ނ. ހުއްދަ ހޯދުމަށް އެދޭއިރު ހުށަހަޅާ ފޯމާއެކު، ގޯތީގެ ރަޖިސްޓްރީއާ، އިމާރާތްކުރަން ބޭނުންވާ ތަނުގެ ކުރެހުމެއް ހުށަހަޅަންޖެހެއެވެ. އެ ކުރެހުމުގައި ހުންނަންވީ ބައިތަކުގެ މައުލޫމާތު އެ ރަށެއްގެ ރަށު ކައުންސިލުން ނުވަތަ އެ ސިޓީއެއްގެ ސިޓީ ކައުންސިލުން ލިބޭނެއެވެ. 

ރ. ދިވެހިރާއްޖޭގެ ހުރިހާރަށެއްގައި ކުރާ ހުރިހާ އިމާރާތްތަކެއްގެ މަސައްކަތެއްވެސް ކުރަންވީގޮތް ބަޔާންކުރާ،  މިހާރު އަމަލު ކުރަމުންދާ، އިމާރާތް ކުރުމުގެ ގާނޫނެއް އޮވެއެވެ. އިމާރާތްކުރުމުގެ ގާނޫނު ހިންގުމާއި އަދި އިތުރަށް ހަދަންޖެހޭ ގަވާއިދުތައް ހެދުމުގެ މަސައްކަތް ކުރަމުން ގެންދަނީ މިނިސްޓްރީއޮފް ޕްލޭނިންގެ ފަރާތުން ނެވެ. އެ މިނިސްޓްރީގެ  ކޮންސްޓްރަކްޝަން ޑިވެލޮޕްމަންޓް ސެކްޝަނުގެ ފަރާތުންނެވެ. މިހާރު އަމަލު ކުރަމުންގެންދާ، އިމާރާތްކުރުމުގެ ގާނޫނާއި، ގަވާއިދުތައް، އަދި އެ ގަވާއިދުތަކުގެ ތެރެއިން މާލެއަށް ހިންގާ ގަވާއިދުތައް ބެއްލެވުމަށް އެމިނިސްޓްރީގެ ވެބްސައިޓުގެ މި ލިންކުން ހޯދޭނެއެވެ. މީގެ އިތުރުން ދިވެހި ސަރުކާރުގެ ގެޒެެޓުގައިވެސް ޝާއިއު ކުރައްވާފައި ހުރެއެވެ. ގަވައިދު ތަކާއި ގާނޫނުތައް ހޯދުމަށް “މިނިސްޓްރީ އޮފް ޕްލޭނިންގ ގެ ސައިޓް” އަށް ވަންނަވާށެވެ. 

ބ. ދިވެހިރާއްޖޭގެ އެކި ރަށްރަށުގައި އިމާރާތްކުރުމުގައި އަމަލު ކުރަންވީ ގޮތް ތަފާތު ވެދާނެއެވެ. މިސާލަކަށް އެރަށެއްގައި ޗަސްބިން ހުރިނަމަ ބިމާ ބެހޭގޮތުން އަމަލުކުރަން ޖެހޭގޮތް ތަފާތު ވާނެއެވެ. އަދި އެރަށުގައި އެއަރޕޯޓެއް އޮތްނަމަ އެ އެއަރޕޯޓާ ކައިރީގައި އިމާރާތްކުރާ ގެތައް އެހާ އުސްކޮށް އިމާރާތް ނުކުރެވޭނެއެވެ. އުސްމިން އިތުރުކުރެވޭނީ އެއަރޕޯޓުގެ ރަންވޭއާ ދުރަށް ދާ މިންވަރަކުންނެވެ. އެފަދަ ރަށްރަށުގައި އިމާރާތްކުރޭނެ އުސްމިން ހޯދުމަށް އެރަށްރަށުގެ ރަށު ކައުންސިލާ ވާހަކަ ދައްކާށެވެ.

ޅ. ގާނޫނާއި ގަވާއިދުތަކުން ބޭނުންވާ މަގުސަދު ހާސިލު ކުރުމަށް ފަހި ކުރުމުގެ ގޮތުން އިމާރާތްކުރާ ގޮތުގެ ތަފްސީލު ކަރުދާސް ތަކެއް ނުވަތަ ބިލްޑިންގ ކޯޑު ތައްޔާރު ކުރެއެވެ. ދިވެހިރާއްޖޭގައިވެސް އެފަދަ ކޯޑެއް އޮވެއެވެ. އެ ކޯޑުގައި އެންމެ ފުރިހަމަ މައުލޫމާތު ނެތް ހާލަތުގައި އެހެން ގައުމެއްގެ އެފަދަ ބިލްޑިން ކޯޑެއް ބޭނުންކޮށްގެން އިތުރު ތަފްސީލު ހޯދުމަކީ ކުރެވިދާނެ ކަމެކެވެ. 

ކ. ހުޅުމާލޭ ގެ އިމާރާތްކުރުމުގެ ގަވައިދު ހިންގާ ބަލަހައްޓަނީ ހައުސިން ޑިވެލޮޕްމަންޓު ކޯޕަރޭޝަން ގެފަރާތުންނެވެ. ތިލަފުށި ނުވަތަ ގުޅިފަޅު ފަދަ ތަންތަނުގައި އިމާރާތްކުރާއިރު ހުއްދަ ނެގުމުގައި އަމަލުކުރަންވީގޮތް އެފަދަ ތަންތަން ބަލަހައްޓާ ކޯޕަރޭޝަން ތަކުން ލިބެއެވެ. އަދި މިދެންނެވި ސަރަހައްދު ބަލަހައްޓަމުންދަނީ ހައުސިން ޑިވެލޮޕްމަންޓު ކޯޕަރޭޝަނުން ކަމުގައިވާނަމަ އެ ކޯޕަރޭޝަނުން މައުލޫމާތު ހޯދުމުން ފުދޭނެއެވެ. 

އ. ރިޒޯޓު ނުވަތަ ގެެސްޓު ހައުސް ފަދަ ތަންތަން އިމާރާތް ކުރުމުގެ ކުރިން ހުއްދަ ނަގަން ޖެހެނީ މިނިސްޓްރީއޮފް ޓޫރިޒަމް އިންނެވެ. ރިޒޯޓާ ގެސްޓު ހައުސް ހެދުމުގައި ބަލަން ޖެހޭ އިތުރު މިންގަނޑު ތަކެއް ޓުރިޒަމްގެ ގާނޫނާ ގަވާއިދު ތަކުގައި ހުންނާނެއެވެ. އެހެންވީމާ އެގަވާއިދުތައް ބަލައިގެން ޓޫރިސްޓު ގެސްޓު ހައުސް ފަދަ ތަންތަން އިމާރާތް ކުރާށެވެ. 

ވ. އެއަރޕޯޓެއް އިމާރާތްކުރުމުގެ ހުއްދަ ދޫކުރަނީ މޯލްޑިވްސް ސިވިލް އޭވިއޭޝަނުން ނުވަތަ މިނިސްޓްރީއޮފް ޓްރާންސްޕޯރޓުން ނެވެ. އެފަދަ ތަންތަން އިމާރާތްކުރަނީ އިންޓަރނޭޝަނަލް ސިވިލް އޭވިއޭޝަން އޮގަނައިޒޭޝަންގެ ގަވައިދު ތަކާއެއްގޮތަށެވެ. އެގަވާއިދުތަކުން ދިވެހިރާއްޖޭގައި އަމަލުކުރާ ބައިތައް ސިވިލް އޭވިޝަން އޮތޯރިޓީއިން ލިބޭނެއެވެ. 

މ. އަލިފާނުން ރައްކާތެރިވާ ގޮތަށް، އަލިފާން ރޯވެއްޖެނަމަ އެ އަލިފާނެއް ހިފާފައި ހުރީ ކޮންތަނެއްގައިކަން ދެންގަންނަ ސިސްޓަމާއި، އަލިފާން ނުހިފާވައްތަރުގެ ތަކެތި ބޭނުންކުރުމާއި، އަދި އަލިފާން ފެތުރުނަ ނުދިނުމުގެ ގޮތުން ކުރާ ކަންތައްތަކާއި، އަދި އަލިފާން ނިއްވުމަށް ބޭނުން ކުރާ ތަކެތީގެ މިންގަނޑުތައް ބަލަހައްޓަމުންގެންދަނީ މިނިސްޓްރީއޮފް ޑިފެންސުގެ ފަރާތުން ކަނޑައަޅާފައި ހުންނަ ޚާއްސަ މުވައްސަސާއަކުންނެވެ. އަލިފާނުން ރައްކާތެރިވުމުގެ ގޮތުން ކުރަންޖެހޭ ކަންތައްތައް ހުންނަނީ އެ މިނިސްޓްރީއިން ނެރޭ ގަވާއިދު ތަކުގައެވެ. މިނިސްޓްރީގެ ވެބްސައިޓުން އެމައުލޫމާތުތައް ލިބެން ހުރެއެވެ. އިތުރު މައުލޫމާތު ބޭނުންވާ ނަމަ މިނިސްޓްރީއާ ގުޅުމުން ސާފުވެއެވެ. 

ފ. އިމާރާތުގެ ކަރަންޓާއި، ފެނާއި، ނަރުދަމާ އަޅަންޖެހެނީ ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީގެ މިންގަނޑު ތަކާ އެއްގޮތަށެވެ.  މިހާރު އަމަލުކުރަމުން ދާ ގަވާއިދުތައް އެ އޮތޯރިޓީގެ ވެބްސައިޓުގައި ލިބެން ހުރެއެވެ. ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ) ނުވަތަ މޯލްޑިވްސް ވޯޓަރ އެން ސްވަރެޖް ކޮމްޕެނީ (އެމް ޑަބްލިއު އެސް ސީ) ގައިވެސް އެބައި މީހުން އަމަލު ކުރާ އުސޫލުތަކެއް ގެންގުޅެއެވެ. ވީމާ މިދެންނެވި ގަވާއިދުތަކުގެ އިތުރުން އެ ޚިދުމަތްދޭ ކުންފުނި ތަކުގެ އުސޫލުތައްވެސް ދެނެގަތުން މުހިއްމެވެ..