ދިވެހިރާއްޖޭގެ ބިމުގައި ހުންނަނީ ވެއްޔެވެ. ހިލަބިމެއް ނޯވެއެވެ. ބިންމަތީގައި އެއްޗެއް ބޭއްވުމުން އޭތި އަޑިއަށް ނުގޮސް އޮންނަނީ ބިމުގައި ހުންނަ ވެލީގެ ބާރުގައެވެ. ބިމުގެ އެންމެ މަތީގައި ހުންނަ ވެލިފުއްތައް ހިފަހައްޓަނީ އޭގެ އަޑީގައި ހުރި ވެލިފުއްތަކުން ނެވެ. އެއްފުކުން އަނެއްފުކަށް ބާރު ދޭ އުސޫލުންނެވެ.
ވެއްޔަކީ އެހެން މައުދަނާ ހިލާފު އެއްޗެކެވެ. މިސާލަކަށް ދަގަނޑު ނުވަތަ ލޯ ފަދަ މައުދަނުގައި އެ އެކުލެވިގެންވާ އެޓޮމްތައް ނުވަތަ މޮލެކިއުލްތައް ހުންނަނީ އެކަތި ގަނޑެއްހެން ގުޅިފައެވެ. އެއާ ޚިލާފަށް ބިމުގެ ވެލިފުއްތަކުގެ ދޭތެރެ ދޭތެރޭގައި ވަޔާއި ފެނާއި، އަދި އެނޫނަސް އެކި ވައްތަރު އެއްޗެތި ހުރެއެވެ. އެތަކެތި ހުންނަނީ މަސްހުނިގަނޑެއްހެން މޮޑެވިފައެވެ. އަދި ގިނަޒަމާނުގައި ބިމުގެ މަތީގައި އެކި އެކި އެއްޗެތި ބަހައްޓައި އެކިއެކި ބޭނުންކޮށް ހެދުމުގެ ސަބަބުން ބިންގަނޑު ހުންނަނީ ހަރުވެފައެވެ. އަދި ބިމުގައި އެކަށީގެންވާ ބާރުވެސް ހުރެއެވެ. އެހެން ނަަމަވެސް އެކި ގޮތްގޮތުން ބިންގަނޑު ކޮނެވި ބިމަށް ބަދަލުތަކެއް އައިސްފައި ހުރެއެވެ. ބިމުގެ ވަކި ހިސާބެއް ހަރުވެފައި އެއަށްވުރެ އަޑީގައި މަޑު ތަނެއްވެސް އޮވެދެއެވެ. ބިމުން ހިފެހެއްޓޭ ބާރުންމިން ބިންގަނޑު ފުންވާރަކަށް ގަދަވަމުން ދާކަމަށް ދިރާސާތަކުން ދައްކައެވެ. ބިމުގެ އަސްލު ބާރު ހޯދުމަކީ ފަސޭހަ ކަމަށް ނުވެއެވެ. އެއީ ގޯއްޗެއްގެ ތެރޭގައި ހުންނަ ވެލި އެކި ހިސާބުގަޔާއި އެކި އެކި ފުންމިނުގައި ހުންނަގޮތް ތަފާތުވާތީ އެވެ. އެހެން ނަމަވެސް ބިމުގެ ބާރުމިން އަންދާޒާކުރާ ގޮތްތަކެއް ހޯދިފައިވެއެވެ.
ގޯއްޗެއްގައި އިމާރާތްކުރުމަށްޓަކައި އެގޯތިގެ ބިމުގެ ބާރު ބަލާނަމަ، އެ ބާރު ކޮންމެވެސް ވަރަކަށް ދެނެގަނެވޭނެ ގޮތްތަކެއް ހުރެއެވެ. އިގިރޭސި ވިލާތުގެ ސްޓޭންޑަރޑް BS 1377 Part 9 ގައި ވާގޮތުން ނަމަ 300 މިލިމީޓަރު ނުވަތަ 600 މިލިމީޓަރު ވަށަމިން (ޑަޔަމީޓަރު) ގައި ހުންނަ ދަގަނޑު ފޮއްޗެއް ބިންމަތީގައި ބާއްވާ އެއަށް ބަރު އެރުވޭނެ ގޮތަށް އަލާތެއް ހަރުކޮށް ބަރުއަރުވަމުން އެ ފޮތި ބިމަށް ގަނބާވަރު ބަލަމުން ކުރާ ތަހުލީލެއް އޮވެއެވެ. އެފަދަ މަސައްކަތަކުން ބިމުގެ އެ ދަގަނޑު ފޮތި ބެހެއްޓުނު ތަނުގެ ބާރު ދެނެގަނެވެއެވެ. ފޮތި ބިމަށް ގަނބާ ވަރާ އެއަށްއަރުވާ ބަރުދަނާ އަޅުވާ ބަލައިގެން ހޯދާ ހޯދުމެކެވެ. އެ ހޯދުމުގެ އަލީގައި ވަކި ވައްތަރެއްގެ ބިމެއްގައި ވަކި މިންވަރެއްގެ ބޮޑު ބިންގަލެއް އަޅާ އެއަށް ވަކި މިންވަރެއްގެ ބަރެއް އަރުވަފިނަމަ ގަނބާނެވަރު އަންދާޒާކުރެވެއެވެ.
ބިމުގެ ބާރުހުރިކަމަށް ބަލާގޮތަކީ ބިންގަލުގެ ބޮޑުމިން ކަނޑައެޅުމަށްފަހު އެއަށް އިމާރާތުގެ ބަރު އެރުވުމުން 1 އިންޗިއަށް ވުރެ އިތުރަށް ވެލިގަނޑުގެ ތެރެއަށް ބިންގާ ނުގަނބާނެ ކަމަށް ހިސާބުކޮށްގެންނެވެ. އެގޮތުން 1 އިންޗިއަށްވުރެ އިތުރަށް ގަނބާނެކަމަށް އަންދާޒާކުރެވިއްޖެނަމަ، ބިންގަލުގެ ވައްތަރު ބަދަލުކޮށް ޕައިލް ފައުންޑޭޝަން ފަދަ އަގުބޮޑު ބިންގަލެއްވެސް އަޅަންޖެހޭފަހަރު އާދެއެވެ. ބިމުގެ ތެރެއަށް އިމާރާތް ގަނބަން ފަށައި ނުހުއްޓި ގަނބާނަމަ ބިމުގައި އެ އިމާރާތް ހިފަހައްޓާވަރުގެ ބާރު ނެތީއެވެ.
ދިވެހިރާއްޖޭގެ ގިނަ ރަށްރަށުގެ ބިމުގެ ބާރު ހުންނަނީ އަކަމީޓަރަކަށް ގާތްގަނޑަކަށް 10 ޓަނާ 15 ޓަނު ހިފެހެއްޓޭވަރަށެވެ. މިދެންނެވި އަދަދު ބަދަލުވަނީ ގޮޑުދޮށާ ކައިރި ހިސާބު ތަކުގަޔާ، މާ ދޫކޮށް ފަސް ހުންނަ ރަށްރަށުގަޔާއި އަލަށް ހިއްކާފައި ހުންނަ ތަންތަނުގައެވެ. އެތަންތަނުގައި ބާރުދެރައެވެ. ގާތްގަނޑަކަށް އަކަމީޓަރަކުން 8 ނުވަތަ 9 ޓަނުވެސް ނުހިފެހެއްޓޭ ތަންތަންވެސް ހުރެއެވެ.
ބިމުގެ އެންމެ މަތީ ފަށަލައިގާ ހުންނަ ހިފެހެއްޓޭ ބާރަށްވުރެ އެއަށްވުރެ އަޑީގައި އޮންނަ ބިމުގެ ފަށަލައިގެ ހިފެހެއްޓުމުގެ ބާރު ގަދައެވެ. އުސްކޮށް އިމާރާތްކުރާއިރު ބިންގާއެޅުމަށް ފުންކޮށް ކޮންނަ ސަބަބު ތަކުގެ ތެރެއިން އެއީ އެއް ސަބަބެވެ. މިސާލަކަށް ބިމަށް ދަގަނޑެއް ޖަހަން ފަށައިފިނަމަ އެދަނގަޑު އަޑިއަށް ދާވަރަކަށް އިތުރަށް އަޑިއަށް ޖަހަން އުނދަގުވެއެވެ. އެއީ މަތީފަށަލައަށްވުރެ އަޑީގައި ހުންނަ ފަށަލަތަކުގެ ބާރުގަދަވުމާއި އަދި އެދަނގަޑުގެ އަރީގައި ހިފާ ވެލިފަށަލަ ދަގަނޑުގައި ތަތްވެ ދަގަނޑު އަޑިއަށް ދިޔަނުދިނުމަށް ހިފަހައްޓާ މިންވަރު އިތުރުވާތީއެވެ.
ރާއްޖޭގައި އުސްކޮށް އިމާރާތްކުރުމުގެ ކުރިން އެ އިމާރާތް ކުރާ ގޭގެ ވެލިގަނޑު ހުރީ ކިހިނެއްތޯ ބެލުމަށް “ވިޝުއަލް ސޮއިލް އިންޕެކްޝަން” އެއް ހަދައެވެ. އެއީ 4 ވަރަކަށް ފޫޓަށް ކޮނެ، އެތަނުގެ ވެލީގައި ކުނިބުނި ހުރިތޯބެލުމާއި، އަދި އެ ސަރަހައްދުގައި ފެނުގެ ފުންމިން ހުރި ހިސާބު ދެނެގަތުމާއި، އިމާރާތުގެ ބިންގާ އަޅަން ގަސްދުކުރާ ފުންމިނަށް ބަލައި ފެން ދަމަންޖެހެންޏާ އެކަމަށް ތައްޔާރުވުމުގެ ގޮތުންނެވެ. 100 ފޫޓަށްވުރެ އުސްކޮށް އިމާރާތްކުރާ ތަންނުގެ ބިންގާ އެޅުމުގެ ކުރިން އެތަންތަނުގެ ބިންގަނޑުގެ އިތުރު ތަހުލީލުކުރަން ޖެހެއެވެ.
ޚިޔާލު ފާޅުކުރުމަށް!