އިމާރާތްކުރުމަށް އިތުރު އެހީއެއް



ފާރުގައި ސިމެންތިޖަހާއިރު ބަލަންޖެހޭކަންތައްތައް


ވަކި ތަފާތު ގޮތަކަށް ސިމެންތިޖެހުމުގެ ވާހަކަ ކުރެހުންތަކުގެ އެއްވެސް ގަނޑެއްގައި ބަޔާކޮށްފައި އޮތްތޯ ބެލުމަށްފަހު އަދި ވެރިފަރާތުން ދިން އެގްރީމެންޓުގެ ބައެއްގައިވެސް އޮތްތޯ ބަލައި ޗެކް ކުރުމަށްފަހު އެއިން އެއްވެސް ކަރުދާހެއްގައި ނެތްނަމަ، ސިމެންތި ޖެހުމާބެހޭގޮތުން އަމަލު ކުރެވިދާނެ ގޮތެއް ލިއެލާނަމެވެ.

އާންމުގޮތެއްގައި ސިމެންތި ޖަހާ ނިމުނީމަ ފާރު ހުންނަން ޖެހޭނީ އޮލަނބަށެވެ. އެއްވެސް ދިމާއަކު ބަނޑިވެފަ ނުވަތަ ބައެއް ބޭރަށް ނުކުމެފަ ހުރެގެން ނުވާނެއެވެ. އަދި މުޅިފާރު ހުންނަން ޖެހޭނީ އޮމާންކޮށެވެ.

ސިމެންތި ޖަހަން ބޭނުން ކުރަނީ އާދައިގެ ސިމެންތިއެވެ. އެއީ އޯޑިނަރީ ޕޯޓްލޭންޑް ސިމެންތިއެވެ. ބޭރުން އެތެރެކުރާ ވެލި ނުވަތަ ރާއްޖޭގެ ދޮންވެލިވެސް ބޭނުންކުރެއެވެ. ސިމެންތިއާ ވެއްޔާ އެއްކުރަނީ ކޮންމެ ސިމެންތި ޑަބިޔަލަކަށް 4 ޑަބިޔާ ވެލި ގަށާ ނިސްބަތުންނެވެ. ބައެެއްފަހަރު ކޮންމެ ސިމެންތި ޑަބިޔަލަކަށް 5 ޑަބިޔާ ވެލިވެސް ބޭނުންކުރެއެވެ.

ފާރުގައި ސިމެންތި ޖަހަން ފެށުމުގެ ކުރިން ފާރު ސާފުކުރުން މުހިއްމެވެ. ފާރުގައި ހިރަފުހާ އަދި އެހެނިހެން ބާވަތުގެ ކުނޑި ތެޔޮފަދަ އެއްޗެތި ހަރުލާފައި ހުރެދާނެތީއެވެ. ތެޔޮފަދަ އެއްޗެއް ސާފުކުރުމަށް އޯމޯފެން ނުވަތަ އެފަދަ ދޮންނަ ކުނޑިއެއް އަޅައިގެން ފެން ބޭނުންކުރެވިދާނެއެވެ.

ސިމެންތިޖަހަން ފެށުމުގެ ކުރިން ފާރަށް ފެންޖަހައި ކޮންމެވެސް ވަރަކަށް ތެންމާލުން މުހިއްމެވެ. އެއީ ސިމެންތި ޖަހާ ސިމެންތިގަނޑުގައި ހުންނަ ފެންފޮދު ފާރުގެ ތެރެއަށްވަދެ އޭގެ ބާރު ދެރަވެދާނެތީއެވެ.

އޮމާން ކޮންކްރީޓުގެ ބޭރުގައިވެސް ސިމެންތި ޖަހާނަމަ އެ ފަށަލަ ކުޑަ ކުޑަކޮށް ތަޅާލައި ސިމެންތި ހިފާގޮތަށް ކަށިކޮށްލާށެވެ. އެފަދަ ގޮތަކަށް ތަޅާއިރު 3 މިލިމީޓަރަށް ފުން ވުމުން ފުދޭނެއެވެ. 

އިމާރާތުގެ ބޭރު ފާރުގައި ސިމެންތި ޖެހުމުގެ ކުރިން ބޭރުފާރުން ފެންވަނަ ނުދިނުމަށް ކޮންމެވެސް ބާވަތެއްގެ ވޯޓަޕްރޫފިން ކެމިކަލްއެއް އުނގުޅުން މުހިއްމެވެ. އަދި ބޭރުފާރު ސިމެންޖަހާ ސިމެންތިގަނޑުގެ އެތެރެއަށް އަޅާ ކެމިކަލަކުން އެ ސިމެންތިގަނޑުވެސް ވޯޓަޕްރޫފް ކުރެވެއެވެ. އެފަދަ ގޮތަކަށް އަމަލު ކުރެވިއްޖެނަމަ އިމާރާތަށް ފެންވަނުން ހުއްޓުވޭނެއެވެ.

ރާނާ ފާރާ ކޮންކްރީޓުގެ ބެރި ނުވަތަ ތަނބާގުޅޭ ތަންތަން ރަންގަޅަށް ބެދޭނެގޮތަށް  ނަރު ދާ ޖަހައެވެ. ސިމެންތިގަނޑު ޖަހަނީ އެ ދާގަނޑުގެ މަތީގައެވެ. އެގޮތަށް ބޭނުންކުރާ ޕްލާސްޓިކު ދަލާއި ދަގަނޑު ދާވެސް ހުރެއެވެ.

އާންމުގޮތެއްގައި އިމާރާތުގެ ބޭރުގައި ސިމެންތި ޖަހަނީ 25 މިލިމީޓަރުގެ ބޯމިނަށެވެ. އެއީ ސިމެންތީގެ 2 ފަށަލައެވެ. 2 ކޯޓެވެ. ސިމެންތި ޖަހާއިރު ތިރިން ފެށިގެން މައްޗަށް ޖެހިއްޖެނަމަ އެއީ އެންމެ މޮޅުގޮތެވެ. އެހެން ނަމަވެސް ގިނަ އިމާރާތް ތަކުގައި ސިމެންތި ޖަހާތަން ފެންނަނީ މަތިން ފެށިގެން ތިރިއަށެވެ.

އެތެރޭގެ ފާރުތަކުގައި ސިމެންތި ޖަހާއުޅެނީ 12 ނުވަތަ 15 މިލިމީޓަރަށެވެ. އެއީ 1 ފަށަލަ ނުވަތަ 1 ކޯޓެވެ. 

ސިމެންތި ޖަހަމުންދާއިރު ދެފާރު ގުޅޭ ކަން ހަދަން ޖެހެއެވެ. ދިވެހިރާއްޖޭގައި އާންމުކޮށް އެފަދަ ފާރުގެ ކަން ނިންމާއިރު ކަން ހަލާކުވެދާނެތީ އެއްވެސް އެއްޗެއް ސިމެންތިގަނޑުގެ އެތެރެއަށް ލައެއް ނުހަދައެވެ. އެހެން ނަމަވެސް ބޭރުގެ ބައެއް ގައުމުތަކުގައި އެފަދަ ކަން ހިމާޔަތްކުރަން ދަގަނޑު ނުވަތަ ޕްލާސްޓިކު ފަތިގަނޑެއް ލައްވައެވެ.

ސިމެންތި ޖަހަމުންދާއިރު ފާރުގެ ތިރިއަށް ސިމެންތި ފަައިބާނެއެވެ. ވަރަށް ގިނަފަހަރު އެ ސިމެންތި އަލުން އުވަދޯންޏަށް އަޅައިގެން އެއްކުރާތަން ފެނެއެވެ. އެހެން ނަމަވެސް އެއީ އެންމެ ރަނގަޅުގޮތެއް ނޫނެވެ. ސިމެންތިއަކީ ފެނުގައި ޖެހުމަށްފަހު އޭގައި ކެމިކަލް ރިއެކްޝަނެއް ހިނގާ އޭގެ ޒާތް ބަދަލު ވާއެއްޗެކެވެ. އެހެންވީމާ ފާރުގެ ދޮށަށް ފައިބާފައި ހުންނަ ސިމެންތި ހުންނާނީ އޭގެ އަސްލު ބާރު ދެރަވެފައެވެ. އަދި އެ ސިމެންތި ގަށާފައިހުންނަ އާ ސިމެންތިއާ އެއްކުރުމުން ގެށި ސިމެންތީގެ ބައިކުޅަބައި ތަފާތުވެ ބާރު ދެރަވާނެއެވެ.

ސިމެންތީގެ ބޯމިން 10 މިލިމީޓަރަށްވުރެ ތުނިވެސް ނުކުރާށެވެ. ސިމެންތިގަނޑު ބޯކުރަން ބޭނުންވާނަމަ 10 މިލިމީޓަރުން ނުވަތަ 15 މިލިމީޓަރުން ޖަހަމުން އެ ބޭނުންވާ ބޯމިނަށް ޖަހާނީއެވެ.  ޖަހާ ކޮންމެ ކޯޓެއް ނުވަތަ ފަށަލައެއްވެސް އެއްކޮށް ހިކުނީމަ ނޫނީ އަނެއް ފަށަލަ ނުޖަހާށެވެ.

އުސްކޮށް އިމާރާތްކުރާއިރު ބޭރުފާރުގައި ސިމެންތި ޖަހަމުންދާއިރު ސަލާމަތާއި ރައްކަތެރި ކަމުގެ ޕްލެޓްފޯމު ހަދަން ޖެހެއެވެ. ސިމެންތިޖަހާ މަސައްކަތު މީހުން ތިބެނީ އެ ޕްލެޓްފޯމު ގެ މަތީގައެވެ. އެފަދަ ޕްލެޓުފޯމު ނުވަތަ ހަރުކޮށްފައި ހުންނަ ފިލާ ހިފަހައްޓަން ނެރެފައި ހުންނަ ހޮޅިފަދަ ތަކެތި ހުންނަ ތަންތަން ހުންނަނީ ސިމެންތިޖަހާ ނިމޭއިރު ނުބެދިއެވެ. އެފަދަ ތަންތަން ބައްދަނީ ރައްކާތެރި ކަމުގެ ނަރުދާ ތަކައި ހޮޅިބައި ނަގާއިރުއެވެ. ސަމާލު ވާންވީ ކަމަކީ އިމާރާތުން ހޮޅިތައް ނައްޓާލާއިރު ހުންނަ ހޮޅި ބެއްދުމުގައި ބޭނުންކުރާ ޚާއްސަ ކެމިކަލް ބޭނުންކޮށްގެން އެތަންތަން ބެއްދުމެވެ. އާދައިގެ ސިމެންތި އިން ބައްދައިފިނަމަ އެތަނުގައި ރެދުލައި ފެން ވަދެއެވެ. އެއީ އެ ބާގަނޑަށް ޖެހި ސިމެންތި ގަނޑު ހިކުމުން ކޮޑިމަދުވާތީއެެވެ. ރަނގަޅުގޮތަކީ ނަން ޝްރިކް ވޯޓަރޕްރޫފިން ސިމެންތިއެއް ބޭނުންކުރުމެވެ. 



  • ސިމެންތިއަކީ ފެނުގައި ޖެހުމަށްފަހު އޭގައި ކެމިކަލް ރިއެކްޝަނެއް ހިނގާ އޭގެ ޒާތް ބަދަލު ވާއެއްޗެކެވެ. އެހެންވީމާ ފާރުގެ ދޮށަށް ފައިބާފައި ހުންނަ ސިމެންތި ހުންނާނީ އޭގެ އަސްލު ބާރު ދެރަވެފައެވެ….
    މި ފައިބާސިމެންތި، ކަލެކްޓް ކުރުމަށް ތިރީގައި ސަތަރި އަޅާފައި، ހަމަ ވަގުތުން ބޭނުން ކުރުމުން ޖެހޭނެ މައްސަލަ އަކީ ކޮބައިތޯ؟
    “ސިމެންތިއަކީ ފެނުގައި ޖެހުމަށްފަހު އޭގައި ކެމިކަލް ރިއެކްޝަނެއް ހިނގާ އޭގެ ޒާތް ބަދަލު ވާއެއްޗެކެވެ. އެހެންވީމާ ފާރުގެ ދޮށަށް ފައިބާފައި ހުންނަ ސިމެންތި ހުންނާނީ އޭގެ އަސްލު ބާރު ދެރަވެފައެވެ.”
    ފާރުގައި ޖެހިސިމެންތި އައި ފައިބާ ސިމެންތީވެސް ހުންނާނީ ފެނުގައި ޖެހި ކެމިކަލް ރިއެކްޝަން އައސްފައި ނޫންތޯ؟ އެހން ކަމުން މި ފައިބާ ސިމެންތި، ރަނގަޅަށް ސަތަރި އަށް ކަލެކްޓް ކޮށް، ވަގުތުން ބޭނުން ކުރުން އެހާބޮޑު އިސޫ އަކަށް ވާނެތޯ؟

    • ވެއްޓޭ ސިމެންތި ހަމަ އެވަގުތުން ނަގައި ބޭނުންކުރުމެގެ މައްސަލައެއް އޮތް ކަމަކަށް ނުދެކެން. އެހެން ނަމަވެސް ސިމެންތި ޖަހައި ނިމެންދެން އެފަދަ ސިމެންތި ނުނަގައި ސަތަރިމަތީ ބެހެއްޓުމަށްފަހު އަލުން އެ ނަގައިގެން ބޭނުންކުރުން އެއީ އެހާ އެދެވިގެންވާ ކަމަކަށް ނުވޭ.



  • 12 ޖެނުއަރީ 2021

    05 މާޗް 2023

    20 މެއި 2021

    20 އޭޕްރީލް 2021

    29 ޖޫން 2021

    05 މާޗް 2021

    05 މެއި 2021

    08 ޖެނުއަރީ 2021