އިމާރާތްކުރުމަށް އިތުރު އެހީއެއް



އިމާރާތުގެ އަރކިޓެކްޗުރަލް ކުރެހުންތައް


އިމާރާތުގެ އަރކިޓެކްޗުރަލް ކުރެހުންތަކަކީ އެންމެ މުހިއްމު އެއް ކުރެހުންތަކެވެ. ދިރިއުޅުމަށް، ވިޔަފާއި ބޭނުމަކަށް، ކުޅިވަރު ކުޅުމަށް، ގުދަން ކުރުމަށް، ނުވަތަ އަޅުކަން ކުރުމަށް ހަދާ މިސްކިތެއްކަމުގައި ވިޔަސް އެތަނުގެ ބައްޓަމާއި، ބޮޑުމިން ކަނޑައަޅަނީ އަރކިޓެކްޗުރަލް ކުރެހުންތަކުންނެވެ. ތަނުގެ ތަޅުމުގެ ބޮޑުމިނާއި، ފާރުތައް ހުންނަންވީ ތަންތަނާއި، ފާރުގެ ބޮޑުމިންތަކާއި އުފައްދާ ކޮންމެ ޖާގައަކީވެސް އަރކިޓެކްޓު ކަނޑައަޅާ އެއްޗެކެވެ. އާދެ،  އެއިން ކޮންމެ ޖާގައެއްވެސް ކަނޑައަޅަނީ އިމާރާތުގެ ވެރިފަރާތާ މަޝްވަރާކޮށްގެން އޭނާގެވެސް ރުހުމާއެކުއެވެ.  

މިދާއިރާގައި އޮޅުންއަރާ  މި މައުޟޫއާ ގުޅުންހުރި އެހެންކަމެއް ސާފުކޮށް ލިއެލާފައި އެނބުރި  މައި މައުޟޫއަށް ދާނަމެވެ.  އެއީ އިމާރާތް ފަރުމާކޮށް އޭގެ ބައްޓަން ކަނޑައަޅާ އެ ތަނުގެ ބޭނުމަށް ބަލައި ބިންމަތީގައި ހުންނާނެގޮތާއި އޭގެ ބޭނުމާއި އެތަނުގެ ބޭނުން ހިފާގޮތް ކަނޑައެޅުމުގެ ފަންނީ ދާއިރާގެ ނަން އިގިރޭސިބަހުން ބޭނުންކުރަނީ “އަރކިޓެކްޗަރ” މިހެންނެވެ. އެ ދާއިރާގެ އިލްމު ހޯދައިގެން ތިބި އިލްމީ ފަންނާނުންނަށް ކިޔަނީ “އަރކިޓެކްޓު” މިހެންނެވެ. ފަހަރެއްގައިވެސް އެދާއިރާގެ ފަންނުވެރިންނަށް “އަރކިޓެކްޗަރެކޭ” ކިޔައިގެން މުހާތަބު ކުރުމަކީ ރަނގަޅުގޮތެއް ނޫންކަމަށް ދެކެމެވެ. ރަނގަޅު ގޮތަކީ “އަރކިޓެކްޓް” އެކޭ މިގޮތަށް ބޭނުންކުރުމެވެ.

އަރކިޓެކްޗުރަލް ކުރެހުންތަކުގެ މައިގަނޑު ބައިތައް ލިއެލާނަމެވެ.

  1. ލޮކޭޝަން ޕްލޭން. އެއީ އިމާރާތް ކުރަންވީ ރަށާއި، އަވަށާއި، މަގާއި، ގޭގެނަމާއި އެކު އެތަން ހުންނާނެތަން ސާފުކޮށް ދައްކައިދޭ ކުރެހުން،
  2. ގްރައުންޑް ފްލޯ ޕްލޭން، ބިންމަތިގައި ހުންނަބައި ކޮޓަރިތަކާއި އަދި އެފަދަ ޖާގަތައް އެތުރިފައި ހުރިގޮތް ދައްކައިދޭ ކުރެހުން،
  3. ފްލޯޕްލޭން. އެއްބުރި އަށްވުރެ އުސްކޮށް ހަދާ އިމާރާތެއްނަމަ، ހަދާ ކޮންމެ ބުރި އެއްގެ ޖާގަތައް އެތުރިފައި ހުރި ގޮތުގެ ކުރެހުންތައް. މި ކުރެހުންތައް ތައްޔާރު ކުރާއިރު، މިސާލަކަށް މަތީ ބުރިތަކުގެ އެއްވަނަ ބުރިން ފެށިގެން 4 ވަނަ ބުރިއާ ހަމައަށް ހުރި ކޮންމެ ބުރިއެއްގައިވެސް ބޭނުންވަނީ އެއްވައްތަރެއްގެ އެއް ބޮޑުމިނެއްގެ ޖާގަތަކެއް ކަމުގައިވާނަމަ، އެއްކުރެހުން ހަދާފައި އޭގައި އެކުރެހުމަކީ 1 ވަނަ ބުރިން ފެށިގެން 4 ވަނަ ބުރީގެ ކުރެހުން ކަމުގައި ލިއެ އެވެ. އިމާރާތުގެ މަތީބުރިތަކުގެ އެކި ބުރިތަކުގެ ޖާގަ ތަފާތުނަމަ މަތީގައި ހަދާ ކޮންމެ ބުރިއެއްގެ ޖާގަތައް ވަކި ކުރެހުމަކުން ދައްކައި އޭގައި އެތަނުގެ ނަންތައް ލިއެފައި އޮންނަން ޖެހެއެވެ. ކަނޑައަޅާ ކޮންމެ ޖާގައެއް، ސިޓިންރޫމާއި، ކޮޓަރިއާއި، ބަދިގެއާއި އަދި އެފަދަ ކޮންމެ ޖާގައެއްގައި އެތަނުގެ ބޭނުން ލިއެފައި އޮވެއެވެ. 
  4. ރޫފް ޕްލޭން. އިމާރާތުގެ ފުރާޅު އޮންނަންވީގޮތަކާއި، ހިޔާކުރަން ޖެހޭގޮތާއި، ހިޔާވެފައި އޮންނަންވީ މިންވަރާއި، ފުރާޅުގެ ކަތިމިނާއި، ފުރާޅުގައި ބޭނުންކުރާނެ ތަކެއްޗާއި، ކުލަ ދެހަވަނީ އަރކިޓެކްޗުރަލް ކުރެހުންތަކުންނެވެ.
  5. އެލިވޭޝަން އާއި ސެކްޝަންތައް، އިމާރާތުގެ އުސްމިންތައްދައްކައިދޭ ކުރެހުންތައް، އިމާރާތް ނިމުމުން އެ އިމާރާތުގެ ކުރިމަތިން ފެންނާނެ ގޮތާއި، އަރި މަތިން ފެންނާނެ ގޮތާއި، ފަހަތުން ފެންނާނެ ގޮތްވެސް އަރކިޓެކްޓުގެ ކުރެހުންތަކުގައި ހިމެނެއެވެ. އިމާރާތުގެ އެކި އެކީ ބުރިތަކުގެ އުސްމިން ވަކިވަކިން ހުންނަގޮތް ދޭހަވާ ކުރެހުންތައްވެސް މި ކުރެހުންތަކުގައި ހިމެނެއެވެ. 
  6. ޑޯޒް އެންޑް ވިންޑޯޒް ޝެޑިއުލް. އިމާރާތުގެ ދޮރުތަކުގެ ކުރެހުންތައް. އިމާރާތުގެ އެއްޖާގައިން އަނެއް ޖާގައަށް ވަދެ ނުކުމެ ހަދަން ދޮރުބަހައްޓާނެ ތަނާއި، ދޮރުގެ ބޮޑުމިނާއި، ދޮރުހަދާނީ ކޮން ބާވަތެއްގެ ލަކުޑި އަކުންތޯ އާއި ނުވަތަ އެލުމީނިއަމަކުންތޯ، ނޫނީ އެހެން މައުދަނަކުންތޯއާއި އޭގެ ކުލަ ކަނޑައަޅަނީ މި ކުރެހުންތަކުންނެވެ. 
  7. ފިނިޝިން ސްކެޑިއުލް. އިމާރާތުގެ އެތެރޭގައި ވާ ކޮންމެ ޖާގައެއްގެ ޝީޓުގައި ސިމެންތި ތަޅުން އަޅާކަމުގައިވާނަމަ އެތަޅުމުގެ ބޯމިން ކަނޑައަޅަނީ އަރކިޓެކްޓެވެ. އަދި އެތަޅުމުގައި ތަށިމުށިތޯ ޖަހާނީ ނުވަތަ ހުސް ތަޅުމެއްގޮތަށް އޮލަލާފައި ނިންމާލާނީތޯ ނުވަތަ ލަކުޑި ތަޅުމެއް (ޓިމްބަރ ފްލޯރިން) ކަނޑައަޅާނީ އަރކިޓެކްޓެވެ. ފާރުގެ ވައްތަރާއި، ބޯމިނާއި ކުލައި އާއި އުސްމިން ތައް އަރކިޓެކްޗުރަލް ކުރެހުން ތަކުގައި ހުރެއެވެ.
  8. ރިފްލެކްޓެޑް ސީލިން ޕްލޭން. އިމާރާތުގެ އެތެރޭގައިވާ ކޮންމެ ޖާގައެއްގެ މަތި ނިންމާނެ ގޮތާއި، ފަންގިފިލާ އަޅާނެ ތަންތަނާއި، ޖާގައިގެ ސާފު އުސްމިންތަކާއި، ބޭނުންކުރާނެ ތަކެއްޗާއި، ލަކުޑިތޯ، ޖިޕްސަމް ބޯޑުތޯ، ޕްލައިވުޑްތޯއާއި، ފަންގިފިލާގައި ހަރުކުރެވޭ އެއަރކޯނު ހުންނަންވިތަނާއި ދިއްލުންތަކާއި، އެފަދަ ކޮންމެ އެއްޗެއް ހުންނަންވީ ތަން ކަނޑައަޅަނީ އަރކިޓެކްޗުރަލް ކުރެހުންތަކާ އެއްގޮތަށެވެ. އެއަރކޮންޑިޝަން ސިސްޓަމުގެ ނިންމުންތައް ނިންމާއިރު އެކަމާބެހޭ ފަންނާނުންގެ މަޝްވަރާ އާރކިޓެކްޓު ހޯދައެވެ.
  9. އިމާރާތުގައި ހަރުކުރާ ދިއްލުންތައް (ބޮކިތައް) ހުންނާނެ ތަންތަނާއި އެއިން އިމާރާތުގެ ތަންތަނަށް އަލިކަން ފޯރުވާންޖެހޭވަރު ކަނޑައަޅަނީ އަރކިޓެކްޓެވެ. މި ނިންމުން ނިންމުމުގައި އިލެކްޓްރިކަލް އިންޖިނޭރެއް ނުވަތަ އަލިކަން ފޯރުކޮށްދިނުމާއި، އަލީގެ މިންވަރު ހިސާބުކުރާ “ލައިޓިންގ ޑިޒައިނަރުން”ގެ އެހީތެރިކަން އަރކިޓެންޓުން ހޯދަން ޖެހެއެވެ.
  10. ފާޚާނާއެއް ހަދާނަމަ އެތަނުގައި ފާޚާނާ ތަށި ހުންނާނެ ތަނާއި، އެފާޚާނާތަށީގެ ވައްތަރާއި، މޫނުދޮންނަތަށީގެ ވައްތަރާއި، ލޯގަނޑު ހުންނާނެ ތަނާއި، އިސްކުރުތަކާއި، އަދި ފެންމާގަނޑުވެސް ހުންނާނެ ތަން ފާހަގަ ކުރަނީ އަރކިޓެކްޗުރަލް ކުރެހުން ތަކުންނެވެ.
  11. އަރކިޓެކްޗުރަލް ކުރެހުންތަކުގައި ކަނޑައަޅާ ކޮންމެ ޖާގައެއްވެސް ހުންނަން ޖެހެނީ އެކަށީގެންވާގޮތަށް އައްޔާއި ވައި ލިބޭނެހެން ވައި ދައުރުވާގޮތަށެވެ. އެގޮތަށް އެކަން ނުވާކަމުގައިވާނަމަ އަރޓިފިޝަލް އަލިކަން، ނުވަތަ ބޮކި ދިއްލައިގެން އަލިކުރަންވީ މިންވަރާއި އަދި ވައިދައުރު ވާންވީ ތަންތަން ކަނޑައަޅަނި އަރކިޓެކްޗުރަލް ކުރެހުންތަކުންނެވެ. އެހެން ނަމަވެސް މިފަދަ ނިންމުންތަކުގައި އަރކިޓެކްޓަށް ލަފާދިނުމަށް މެކޭނިކަލް އިންޖިނޭރުންނާއި އަދި އިލްކެޓްރިކަލް އިންޖިނޭރުން ބޭނުންވެއެވެ. 

މާލެއާއި، ހުޅުމާލޭއާއި ވިލިގިލީގައި އަމަލު ކުރާ ގަވާއިދުގައި ބުނާގޮތުން ދިރިއުޅުމަށް ކަނޑައަޅާ ކޮންމެ ޖާގައެއްގެ ފާރުގައިވެސް ބޭރަށް ހުޅުވޭ ދޮރު ހުންނަން ޖެހެއެވެ. އަދި އެދޮރުތަކުގެ ބޮޑުމިން ހުންނަންޖެހެނީ ތަޅުމުގެ ބޮޑުމިނުގެ ނިސްބަތުން، ތަޅުމުގެ %10 އަށްވުރެ އަކަ ކުޑަ ނުވާ އުސޫލުންނެވެ.

އިމާރާތުގައި ބޭނުންކުރާ ގިނަ އެއްޗެއްސަކީ ދުނިޔޭގެ ބާޒާރުގައި އެކަމަށް ޚާއްސަ ބަޔަކު ތައްޔާރުކުރާ އެއްޗެއްސަށް ވެއެވެ. އެފަދަ ބައެއް ތަކެއްޗަކީ ބެރުންގެންނަ ދޮރުފަދަ ތަކެއްޗާއި، ބަދިގެއާއި، ފަންގިފިލާއި އާއި، ޕާޓިޝަން ފަދަ ފާރާއި، “ކްލެޑިންގ” (އިމާރާތުގެ ބޭރުގައި އެލުމީނިއަމް  ނުވަތަ ޓިނުފަދަ އެއްޗަކާއި އެއާ ގުޅޭ އެފަދަ ފަތި ބޭނުންކޮށްގެން އިމާރާތުގެ އެތެރެއަށް ފެން ނުވަންނާނެގޮތަށް ޖަހާ ފަށަލައެއް)  ފަދަ ބައިތަކެވެ. އެފަދަ ކޮންމެ އެއްޗެއްގެ ނިންމުން ނިންމާއިރު އެ ޚާއްސަ ފަރާތްތަކުގެ ތަޖުރިބާގެ އަލީގައި އިތުރު ކުރެހުން ތައްޔާރުކޮށް އިތުރު ބެލުންތައް ބަލައިގެން އިމާރާތުގެ ތަންތަން ނިންމަން ޖެހެއެވެ.

އިމާރާތުގެ ތަނބުތަކާއި ބެރިތަކާއި ޝީޓުގެ ބޯމިން ކަނޑައެޅުމުގައި ސްޓްރަކްޗުރަލް އިންޖިނޭރެއްގެ އެހީ އަރކިޓެކްޓަށް ބޭނުންވެއެވެ. އެފަދަ ތަކެތި އިންޖިނޭރުން ކަނޑައަޅަނީ އިމާރާތް ރައްކާތެރިކަމާއެކު ކޮޅަށް ހުންނާނެގޮތަށެވެ. އެހެން ނަމަވެސް ކޮންމެ ކޮންމެ ދިމާއެއްގައި ކޮންމެ ސިފައެއްގައި ތަނބާއި ބެރިފަދަ ތަކެތި ހުރެގެން އިމާރާތުގެ ބޭނުން ރަނގަޅުގޮތުގައި ނުހިފޭގޮތަށް އިމާރާތުގެ ސްޓްރަކްޗަރު ބެހެއްޓިޔަ ނުދީ ބޭނުންވާ ބައްޓަމަށް ގެނެސް އިމާރާތުގެ ސިފަ ރީތި ކުރުމަކީ އަރކިޓެކްޓު ކުރާ ކަމެކެވެ.

އެހެންގޮތަކަށް ބުނާނަމަ އިމާރާތުގެ މާވަޑިޔަކީ އަރކިޓެކްޓެވެ. އެހެން ހުރިހާ ފަންނީ ދާއިރާތަކުގެ މީހުންނަކީ މާވަޑީގެ ދަށުން ނުވަތަ މާވަޑީގެ މަޝްވަރާގެ މަތިން ކަންކަން ނިންމަމުން ގެންދާ ފަންނުވެރިންގެ ގޮތުގައި ސިފަކުރެވެއެވެ.  



  • އާއްމު ގޮތެއްގައި އިމާރާތެއް ކުރަހަން ބަލާ އިރު މި ހޯދަނީ “އިމާރާތް ކުރަހާ” މީހަކު. ކޮބައިތޯ އިމާރާތް ކުރަހާ މީހަކާ އާރކިޓެކްޓަކާ ތަފާތަކީ؟



  • 15 ފެބުރުއަރީ 2021

    05 މާޗް 2021

    21 މެއި 2021

    05 މެއި 2021

    20 މެއި 2021

    11 އޭޕްރީލް 2021

    13 ފެބުރުއަރީ 2021

    23 ޖުލައި 2021