އިމާރާތްކުރުމަށް އިތުރު އެހީއެއް



ކުރެހުންތައް ފާސްކުރުން


ދިވެހިރާއްޖޭގައި މިހާރު އިމާރާތްކުރަން ގަސްދުކުރާ ކޮންމެ އިމާރާތެއްވެސް އިމާރާތް ކުރަންޖެހެނީ އެ އިމާރާތް ކުރާނެ ގޮތުގެ ކުރެހުމެއް ހަދައި އެކުރެހުން ފާސްކޮށްގެންނެވެ. މާލޭގައި ނަމަ ކުރެހުން ފާސްކުރަނީ މާލޭ ސިޓީ ކައުންސިލުންނެވެ. އެހެނިހެން ރަށްރަށުގައި ނަމަ އެރަށެއްގެ ރަށު ކައުންސިލުންނެވެ.

އެއްބުރިއަށް އިމާރާތްކުރާ ތަންތަން ފާސްނުކުރިއަށް އެންމެ ރަނގަޅުކަމަށް ވެއެވެ. އެހެން ނަމަވެސް އެއްބުރިއަށްވުރެ އުސްކޮށް 18 ފޫޓަށްވުރެ އުސްކޮށް އިމާރާތްކުރާނަމަ ހުއްދަ ހޯދުމަށް ކުރެހުން ފާސްކުރަން ޖެހެއެވެ.

އިމާރާތް ކުރުމުގެ ކުރިން ހުއްދަ ހޯދަންޖެހޭ މައިގަނޑު ދެތިން ސަބަބެއްވެއެވެ. އެގޭ އެންމެ މުހިއްމު އެއް ސަބަބަކީ ސަލާމަތާ ރައްކާތެެރި ކަމެވެ. އިމާރާތް ވެއްޓި ނުވަތަ އިމާރާތުން ބައެއްވިޔަސް ވެއްޓި އެއްވެސް މީހަކަށް ނުވަތަ އެއްޗަކަށް ގެއްލުން ވިޔަ ނުދިނުމެވެ. ދެވަނަ އަށް އެންމެ މުހިންމު ސަބަބެއްކަމަށް ވަނީ އެމީހެއްގެ އިމުގައި އިމާރާތް ކުރުމެވެ. އިމުންބޭރުގައި އެހެން މީހެެއްގެ ގޯތީގެ ބައެއްގައި އިމާރާތްކުރުން ހުއްޓުވުމެވެ. އިމާރާތާ މަގާ ގުޅުން ހުންނަގޮތާއި، އިމާރާތުގެ ކުރަން ގަސްދުކުރާ ބޭނުން އެނގި އެރަށެއްގެ ތަރައްގީ ގެންދަންވީ ގޮތް އެނގުމެވެ. ނުވަތަ އެރަށެއްގެ ތަރަށްގީއަށް ރާވާފައިވާ ޕްލޭނާ އެއްގޮތަށް އިމާރާތްކުރުމަށް ހުއްދަ ދިނުމެވެ. އެއާރޕޯޓެއް އޮތް ރަށެއްނަމަ، އިމާރާތްކުރުމުގެ އުސްމިން ކޮންޓްރޯލު ކުރަންޖެހެއެވެ. އެއީ އޭވިއޭޝަން ގަވައިދުގައި ބުނާ ގޮތަށެވެ. އެއަރޕޯޓާ ކައިރި ސަރަހައްދުގައި އިމާރާތްކުރެވެނީ ތިރިކޮށެވެ. އެއަރޕޯޓާ ދުރަށް ދާވަރަކަށް އުސްމިން އިތުރުކުރެވެއެވެ.

އިމާރާތުގެ ކުރެހުންތައް ތައްޔާރު ކުރަނީ އެކަމުގެ އިލްމު ހޯދާފައި ތިބިފަރާތްތަކުންނެވެ. މާލޭގައި އެކަމުގެ ގިނަ ފަންނާނުން އުޅެއެވެ.

ފާސްކުރުމަށް ތައްޔާރު ކުރާ ކުރެހުން ތަކުގައި ހުންނާނެ މައިގަނޑު ބައިތަކަކީ:

  1. 1. އަރކިޓެކްޗަރަލް ކުރެހުންތައް: އެއީ ކޮޓަރިތަކާއި، ސިޓިންރޫމާއި، ބަދިގެއާއި، ފާޚާނާފަދަ ތަންތަން އެތުރިފައި ހުންނަ ގޮތާއި، ފުރާޅާއި، ގޯއްޗަށް ވަދެ ނުކުތުމަށް ހުންނަ ދޮރުތަކާއި، ފާރު ފަދަ ތަންތަން ހުންނަންވީ ގޮތާއި، ބޮޑުމިނާއި، ފުޅާމިނާއި، އުސްމިންތަކާއި، އަދި އިމާރާތުގައި ހުންނާނެ ކުލައާއި ދަވާދުގެ ބައިތަކާއި މިދެންނެވި ތަންތަން ނުވަތަ ބައިތައް ގުޅޭނޭ ގޮތާއި، އިމާރަތަށް ފެންނުވަނާނެ ފަދަ ގޮތަށް ތަފްސީލުކޮށް ބަޔާންކޮށްފައި ހުންނަ ބައި. އެއީ ފްލޯޕްލޭންތަކާއި، ފުރާޅުގެ ޕްލޭނާއި، އެލިވޭޝަން ތަކާއި، ސެކްޝަންތަކާއި، ސިޑިއާއި، ޗެންޗޭނު ޖަހާނެގޮތާއި، ދޮރާއި ކުޑަދޮރުތަކުތެ މިންތަކާއި އެ ހުންނާނެ ގޮތަކާއި، އިމާރާތަށް ފެން ނުވަންނާނެ ގޮތް ހެދުމަށް ކުރަންޖެހޭ ކަންކަން ކުރާގޮތުގެ ތަފްސީލު ކުރެހުމާއި، ފަންގިފިލާއާއި، ބޭނުންކުރާ ފާޚާނާ ތައްޓާއި، އިސްކުރާއި، ބަދިގެ ހުންނާނެ ގޮތުގެ ކުރެހުން ފަދަ އެއްޗެއްސެވެ.
  2. 2. ސްޓްރަކްޗަރަލް ކުރެހުންތައް: އެއީ އިމާރާތް ނުވެއްޓި ކޮޅަށް ހުރުމަށްޓަކައި، އިމާރާތުގެ ބުރަ އާއި، ޖެހޭވައިން އުފެދޭބާރު، ރައްކާތެރިކަމާއެކު އިމާރާތުގެ ބިންގަލާ ހަމައަށް ގެނެވޭނެ ފަދަ ވަރުގަދަ އޮނިގަނޑެއް އިމާރާތުގައި ބެހެއްޓުމާއި، އެކަން ތަފްސީލުކޮށް ދައްކައިދޭ ކުރެހުމެވެ. ފައުންޑޭޝަނުގެ ބުޑުތަކާއި ބެރިތަކާއި  ހުންނަންވީ ތަންތަން އަންގައިދޭ ކުރެހުމާއި، ތަނބުތައް ހުންނާނެ ތަންތަން އަންގަދޭ ކުރެހުމާއި، ބެރިތަކާއި ތަންބުތަކުގެ ބޮޑުމިނާއި، އެއަށް ދަގަނޑު ލައްވާނަމަ އެ ލައްވާ ދަގަނޑުގެ ތަފްސީލު ކުރެހުމާއި، މަތީގެ ބުރިތަކުގެ ޝީޓުގެ ތަފްސީލާއި ބެރީގެ ތަފްސީލާއި، ފުރާޅުގެ ފައިދޮށްތަކުގެ ބޮޑުމިނާއި އެތުރިފައި ހުންނަ ގޮތާއި، ފުރާޅު އެއްލާ ނުލާނެހެން ހަރުކުރެވިފައި ހުންނަން ޖެހޭ ގޮތުގެ ތަފްސީލު ފަދަ ބައިތައް ހިމެނޭ ކުރެހުންތަކެވެ.

3. މެކޭނިކަލް ކުރެހުންތައް: އެއީ އިމާރާތުގައި އަޅާ ފެންހޮޅި ތަކާއި ފާޚާނާ ހޮޅިތަކުގެ ބޮޑުމިނާއި، އަޅަންވީގޮތާއި، އިސްކުރުން އެކަށީގެންވާ ބާރުމިނެއްގައި ފެން ފޯރުކޮށްދިނުމުގެ ޔަގީންކަން ހޯދުމުގެ ގޮތުން ތައްޔާރު ކުރެވިފައި ހުންނަ ކުރެހުންތަކެވެ. އިމާރާތުގައި ބޭނުންކުރާ ފެންވަރާފެނާއި، ތަށި ދޮންނަ ފެނާއި، ނަޖިސް އެކަށީގެންވާ ގޮތަށް ބޭރު ކުރުމަށް އަޅަންޖެހޭ ހޮޅިތަކުގެ ކުރެހުމެވެ. އަދި އިމާރާތުގައި އެއަކޯނު ހަރުކުރާނަމަ އެފަދަ ތަކެތި ހަރުކުރެވިފައި ހުންނާނެ ތަންތަން ފާހަގަކޮށްފައި ހުންނަ އަދި އެ އެއަކޯނުގެ ހޮޅިތައް އަޅާނެގޮތާއި ގުޅާނެ ގޮތް އަންގައިދޭ ކުރެހުމެވެ. އޭގެ އިތުރުން ކަރަންޓު ބޭނުން ކޮށްގެން އިމާރާތުގައި ވައި ދައުރުކުރާ ނިޒާމު (ވެންޓިލޭޝަން ސިސްޓަމު) ކުރެހުންތަކެވެ. މެކޭނިކަލް ކުރެހުންތައް ނެތަސް އިމާރާތުގެ ކުރެހުންތައް ފާސްކޮށްދެއެވެ.

4. އިލެކްޓްރިކަލް ކުރެހުންތައް: އިމާރާތަށް ކަރަންޓު ނަރު ވައްދާނެ ގޮތާއި، އޭގެ ވަށަމިނާއި، އިމާރާތުގެ ބުރިތަކާއި ބައިތަކަށް ކަރަންޓު ގުޅާނެ ގޮތާއި، ބޮކިތަކާއި، ސްވިޗްތަކާއި ކަރަންޓު ސޮކެޓުތައް ހުންނަންވީ ތަންތަނާއި، އޭގެ ކޮންމެ އެއްޗަކުން ނަގަންވީ ވޮޓޭޖާއި، އެމްޕަޔަރާއި، އިމާރާތުގައި ހުންނަންވީ މީޓަރު ތަކުގެ ތަފްސީލު އަންގައިދޭ ކުރެހުން ތަކެވެ. ކަރަންޓު ލާގޮތުގެ ކުރެހުންތައް ނެތަސް އިމާރާތުގެ ކުރެހުންތައް ފާސްކޮށްދެއެވެ.

5. ކޮމިޔުނިކޭޝަން ކުރެހުންތައް: އިމާރާތުގެ އެތެރޭގެ އެއްތަނުން އަނެއްތަނަށް އަޅާ ނެޓްވޯކް ނަރުގެ މައުލޫމާތާއި، އިމާރާތަށް ވައްދާ ކޭބަލް ޓީވީގެ މައުލޫމާތާއި، ކޭބަލް ޓީވީ ލިބޭގޮތަށް ހުންނަންވީ ތަންތަނާއި، ފައިބަރ ކޭބަލް އަޅާނެގޮތާއި، އިމާރާތުގެ ދޮރު ބަންދުކޮށް ހަމައެކަނި ކާޑު ގެންގުޅޭ މިހަކަށް ނޫނީ ނުވަދެވޭގޮތަށް ރައްކާތެރި ކުރުމުގެ ގޮތުން އަޅާ ނަރާއި، ހަރުކުރަން ޖެހޭ އެއްޗެތި ހަރުކުރުމުގެ ގޮތުން ތައްޔާރު ކުރާ ކުރެހުން ތަކާއި، އިމާރާތުގައި ބަހައްޓާ ކެމެރާތަކާއި އެފަދަ ތަކެތީ ވައްތަރާއި، އައި އެ ކެމެރާތަކުން ނަގާ ވީޑިއޯތައް ބެލޭނެގޮތާއި، ރިކޯޑު ކުރެވޭނެގޮތް ބަޔާން ކުރާ ކުރެހުންތަކާއި، އިމާރާތުގެ އެތެރޭގައި މިއުޒިކު ޖަހަން ބޭނުންވާ ނަމަ އެފަދަ ކުރެހުން ތަކާއި، ފޯނުލައިން ތަކުގެ ކުރެހުމާއި، އިންޓަރނެޓް ލައިން ތަކާއި، ވައިފައި ޕޮއިންޓު ތައް އަންގައިދޭ ކުރެހުން ފަދަ ބައިތަކެވެ.  އަދި ވަގަކު ސިއްރުން ދޮރު ހުޅުވައިފިނަމަ އެލާމް ވާގޮތަށް އަޅާ ބަރގްލަރ އެލާމް ސިސްޓަމުގެ ކުރެންތަކެވެ. މިދެންނެވި މުވާސަލާތީ ކަންކަމުގެ ކުރެހުންތައް ނެތަސް އިމާރާތުގެ ކުރެހުންތައް ފާސް ކޮށްދެއެވެ.

6. ފަޔަރ ނުވަތަ އަލިފާނުން ރައްކާތެރި ވުމާގުޅޭ ކުރެހުންތައް: އިމާރާތުގައި އަލިފާނުގެ ޚާދިސާއެއް ހިގައިފިނަމަ އެއީ ކޮޮންތަނެއްގައި ހިނގި ކަމެއްކަން އަންގައިދޭ ފަޔަރ ޑިޓެކްޝަން ސިސްޓަމުގެ ކުރެހުމާއި، އަލިފާން ރޯ ނުވާނެ ފަދަ ތަކެތި އިމާރާތުގައި ބޭނުން ކުރުމުގެ ކުރެހުމާއި، އަލިފާން ރޯވެއްޖެ ހިނދެއްގައި އެއަލިފާން ނިއްވާލުމަށް ބޭނުންވާ އާލާތުގެ ކުރެހުމާއި، އެފަދަ އާލާތް ހަރުކުރަން އެންމެ ކަމުދާ ތަންތަން ދައްކުވައިދޭ ކުރެހުމާއި، އަދި އަލިފާ  ރޯވެ ބޮޑުވެއްޖެނަމަ ރައްކާތެރި ކަމާއެކު އިމާރާތުން ނުކުމެވޭގޮތް ބަޔާކުރާ ކުރެހުން ތަކެވެ. އަލިފާނުން ރައްކާތެރިވާގޮތުގެ ކުރެހުންތައް ނެތަސް އިމާރާތުގެ ކުރެހުންތައް ފާސްކޮށްދެއެވެ.

މިހާރު ދިވެހިރާއްޖޭގައި އަމަލު ކުރަމުންދާ ގަވާއިދުތައް ބުނާ އަރކިޓެކްޗުރަލް ކުރެހުންތަކާއި، ސްޓްރަކްޗަރަށް ކުރެހުން ތައް ހަދައި 2 އިންޖިނޭރުންނާއި 2 އަރކިޓެކްޓުން ސޮއިކޮށް ހުށަހަޅާ ކުރެހުންތައް ކައުންސިލުތަކުން އިތުރަށް ބެލުމަށް ފަހު އިމާރާތުގެ ކުރެހުންތައް ފާސްކޮށްދެނީއެވެ. އިމާރާތުގެ ކުރެހުން ފާސްވުމުން، އިމާރާތްކުރުމުގެ ހުއްދަ ވަކިން ނަގަންޖެހެއެވެ.





20 މެއި 2021

09 ޖުލައި 2021

08 މެއި 2021

07 އޭޕްރީލް 2021

13 ފެބުރުއަރީ 2021

17 މާޗް 2021

05 މާޗް 2023

15 އޭޕްރީލް 2021