އިމާރާތްކުރުމަށް އިތުރު އެހީއެއް



ކޮންކްރީޓަށް ފެން ނުވަންނަ ގޮތް ހަދާނީ ކިހިނެއް؟


ކޮންކްރީޓަކީ އޭގެ ޒާތުގައި އެއަށް ފެންވަންނަ އެއްޗެކެވެ. ހަމަލޮލަށް ނުފެންނަ ކުދިކުދި ލޯވަޅު ކޮންކްރިޓުގެ ހުރިހާހިސާބެއްގައި ހުރެއެވެ. އެ ލޯވަޅުތަކަކީ، ކޮންކްރީޓް އުފެދެމުންދާއިރު ފެނާއި ސިމެންތިއާ އެކުވެ، ގުޅޭ މަރުހަލާގައި އާތްވަށް ބަދަލުވާ ފެން ހުންނަ ތަންތަނެވެ. މިނޫނަސް އެހެނިހެން ސަބަބުތަކާ ހުރެ ވެސް ކޮންކްރީޓުގައި މި ބުނި ފަދަ ލޯވަޅުތައް އުފެދެއެވެ. އެހެންވީމާ ކޮންކްރީޓަށް ފެން ނުވަންނާނެ ގޮތް ހަދަން ބޭނުންނަމަ، އާންމު ގޮތެއްގައި ކޮންކްރީޓް އުފެއްދުމުގައި ކުރާ ކަންކަމުގެ އިތުރުން، ކޮންކްރީޓަށް ފެން ނުވަންނާނެ ގޮތް ހަދަންޖެހެއެވެ.

ކޮންކްރީޓަށް ފެން ނުވަންނާނެ ގޮތް ހެދުމަށް ޓަކައި ކޮންކްރީޓުގައި އުނގުޅާ ތަފާތު ބާވަތްބާވަތުގެ ތަކެތި ހުރެއެވެ. އޭގެ އެއް ވައްތަރަކީ ސިންމެތި އޮލަ ގޮތަށް ތައްޔާރު ކޮށްފައި ހުންނަ ސިމެންތި ކެމިކަލް އޮލައެވެ. ކޮންކްރީޓުގައި މި ބާވަތުގެ އޮލަ ލުމުގެ ކުރިން ކޮންކްރީޓުގެ ބޭރު ފަށަލަ ސާފުކޮށް، ފެނުން ތެންމާލުމަށް ފަހު، އުނގުޅަނީއެވެ. މިދެންނެވި ބާވަތުގެ ކެމިކަލް އޮލަ އެކިއެކި ފަރާތްތަކުން ގެނެސް ބާޒާރުގައި ވިއްކައެވެ. އެ ކެމިކަލް ވިއްކާ މީހުން، ކެމިކަލް ބޭނުންކުރާނެ ގޮތުގެ ކަރުދާހެއް ދޭނެއެވެ. ކެމިކަލް އޮލަ ސިމެންތީގެ ބާވަތަކުން ކޮންކްރީޓު ރައްކާތެރި ކުރުމަށްފަހު، އޭގެ މަތިން ކުލަ ނުވަތަ ދަވާދު ވެސް ލެވިދާނެއެވެ. ސިމެންތި އޮލައިގެ ބާވަތަކުން ކޮންކްރީޓު ރައްކާތެރިކޮށްފައި ހުންނައިރު، ކޮންކްރީޓުގައި ވައި ރެނދެއް ލައިފިނަމަ، ފެން ނުނަވަންނަ ގޮތަށް އުނގުޅުނު ފަށަލައިގައި ވެސް އެ ވަރުގެ ވައި ރެނދު ލާނެއެވެ. އެފަދަ ހާލަތުގައި ކޮންކްރީޓަށް ފެން ވަންނަން ފަށާނެއެވެ. އެހެންވީމާ، ރެނދު ލާފާނެ ފަދަ ތަންތަނުގައި އުގުޅުމަށް އެހެން ބާވަތެއްގެ އެއްޗެއް ހޯދަންޖެއެވެ.

ތާރުގެ ބާވަތެއް ހިމަނައިގެން ތައްޔާރުކޮށްފައި ހުންނަ ބިޓޫމިނަސް މެމްބްރޭން ނުވަތަ ތާރުގެ ދަވާދެއް ކޮންކްރީޓުގައި ލައިފިނަމަ އެ ކޮންކްރީޓު ފެނުން ރައްކާތެރިކޮށްދެއެވެ. ތާރު ދަވާދުގެ އެކިއެކި ވައްތަރުތައް ބާޒާރުން ގަންނަން ލިބެން ހުރެއެވެ. ތާރު ދަވާދުން ކޮންކްރީޓު ރައްކާތެރި ކުރުމަށް އެންމެ ރަނގަޅީ ކޮންކްރީޓު  ޝީޓެވެ. އެއީ ޓެރަސް، ބެލްކަނީ، ފާޚާނާ ފަދަ، ތަޅުން އަޅާ ތަންތަނެވެ. ތާރު ދަވާދު ލުމަށްފަހު އޭގެ މަތިން އެއްވެސް އެހެން ތަޅުމެއް ނާޅައި ދޫކޮށްލާފައި ވަނިކޮށް މީހަކަށް އެ ދަވާދުގައި ތަންކޮޅެއް ތޫނު އެއްޗަކުން ކަހާލެވިއްޖެނަމަ އެފަށަލައިގެ ތެރެއަށް ފެން ވަންނަން ފަށައެވެ. އެހެންވީމާ، ތާރު ދަވާދު ލުމަށްފަހު ތަޅުމެއް އަޅައި ފެން ނުވަންނަ ފަށަލަ ރައްކާތެރި ކުރުމަކީ ވަރަށް މުހިންމު ކަމެކެވެ. ތާރު ދަވާދަކީ، އޭގެ ޒާތުގައި ދެމޭ އެއްޗަކަށް ވާތީ ކޮންކްރީޓުގައި ވައި ރެނދެއް އެޅިކަމުގައި ވިޔަސް، އެ ރެނދުގެ ކުޑަބޮޑު މިނަށް ބަލައި އަދި ތާރު ދަވާދުގެ ފަށަލަ ކަނޑައިގެން ނުދެއެވެ.

ކޮންކްރީޓުގެ ބޭރު ފަށަލައިގައި އުނގުޅާ ކޮންމެ ބާވަތެއްގެ އޮލައެއް ނުވަތަ ދަވާދެއް ވިޔަސް އެއްވެސް ހުސް ތަންކޮޅެއް ދޫނުކޮށް، އެ ކެމިކަލް ތައްޔާރުކުރި ފަރާތުން ބުނާ މިންގަނޑަކަށް އުނގުޅައި އެ ފަށަލައިގައި އެކަށީގެންވާ ބޯމިނެއް ބަހައްޓަން ޖެހެއެވެ. އޭރުން، ފަށަލަ ހަލާކު ނުވެ ގިނަ ދުވަހު އޮވެއެވެ.

އެކަށީގެންވާ ބޯމިނެއްގައި ދަވާދު ލެވިއްޖެކަމުގެ، ރަނގަޅަށް ވޯޓަރޕްރޫފް ކުރެވިއްޖެ ކަމުގެ ޔަގީންކަން އިތުރުކުރުމަށް ޓަކައި ތާރު ކުނާ ޒާތުގެ ރޯލު ރޯލުން ވިއްކާ އެއްޗެތިހުރެއެވެ. މި ކުނާ ޓިނު ޖަހާ ގޮތަށް ފައްތަރު ކުރަމުން އަތުރަމުން ގޮސް، މުޅި ފަށަލަ ނިންމާލުމުން އެހުރީ ހުރިހާ ހިސާބެއްގައި ވެސް ބޭނުން ބޯމިނުގައި ތާރު ދަވާދު ލެވިފައެވެ. ފައްތަރުވާ ތަންތަނުގައި އެއް ކުނަލާ އަނެއް ކުނާ ގުޅުވުމަށް ވަކި ޚާއްސަކަމެއް ނުކުރި ކަމުގައި ވިޔަސް އިރުގެ ދޯދިން ވާ ހޫނުން އެއް ކުނަލާއި އަނެއް ކުނާ ތަތްވެއެވެ.

ކޮންކްރީޓު އުފައްދަން  އުވަދޯންޏަށް ތަކެތި  އަޅައި، އެއްކޮށް، ގަށާއިރު އެއަށް އަޅާ ޚާއްޞަ ބާވަތެއްގެ ކެމިކަލެއް ހުރެއެވެ. އެ ކެމިކަލް އެޅުމުން، ކޮންކްރީޓުގެ ތެރޭގައި އުފެދޭ ހިމަ ލޯވަޅުތައް ބައްދާލަދެއެވެ. މި ބާވަތުގެ ކެމިކަލްއަށް ކިޔަނީ ކޮންކްރީޓު ވޯޓަރޕްރޫފިން އެޑްމިކްސްޗަރއެވެ. އޭރުން، އުފެދޭ ކޮންކްރީޓު ހުންނާނީ ފެން ނުވަންނާނެ ގޮތަށް ތައްޔާރުވެފައެވެ. މިދެންނެވި ބާވަތުގެ ކެމިކަލް ބާޒާރުގައި ލިބެން ހުރެއެވެ. އަދި އެކިއެކި ގައުމުތަކުގައި ތައްޔާރުކުރާ ތަފާތު ކެމިކަލްތައް ކޮންކްރީޓާ އެއްކުރުމުގައި ގެންގުޅެންޖެހޭ މިންގަނޑުތައް އެ ކެމިކަލް ތައްޔާރުކުރިފަރާތުން ބުނެދެއެވެ.





13 ފެބުރުއަރީ 2021

24 ފެބުރުއަރީ 2021

13 ފެބުރުއަރީ 2021

08 މެއި 2021

29 ޖޫން 2021

15 އޭޕްރީލް 2021

15 ފެބުރުއަރީ 2021

12 ޖުލައި 2021