އިމާރާތްކުރުމަށް އިތުރު އެހީއެއް



އާދައިގެ ސިމެންތި


އާދައިގެ ސިމެންތި، ނުވަތަ އޯޑިނަރީ ޕޯޓްލޭންޑް ސިމެންތިއަކީ ކޮންކްރީޓު އުފެއްދުމަށް ބޭނުންކުރާ ތަކެތީގެ ތެރެއިން އެންމެ މުހިއްމު އެކައްޗެވެ. ކޮންކްރީޓު އުފެދިގެން ދާއިރު، ކޮންކްރީޓް އުފައްދަން އެޅި އެއްޗެތީގެ ތެރޭގައި ހުންނަ ސިމެންތިއާ ފެނާއެކުވެގެން އުފެދޭ ތަތްގަދަ އޮލައަކުން އެއަށް އަޅާފައިހުންނަ ހިލައާއި ހިލަވެލި ބަނދެލައެވެ. އަދި އެކަށީގެންވާ ވަގުތު އެއަށް ދިނުމުން މުޅިއެތިގަނޑު ގާގަނޑެއްފަދަ ގޮތަކަށް ހަރުވެގެންދެއެވެ.

އާންމުގޮތެއްގައި ސިމެންތި އުފެއްދުމަށް ލައިމްސްޓޯންއާއި، ބޮއްޔާއި، ޗޯކާއި، ކުލޭއާއި، ބްލާސްޓްފަރނެސް ސްލެގާއި، ސިލިކާވެއްޔާއި، ދަގަނޑުއޯރ އެއްކޮށް އެއްޗަކަށްއަޅައި ވަރަށް ބޮޑަށް ހޫނުވަންދެން ހޫނުކުރުމުން  ވަރަށް ހަރުމާއްދާއެއް ނުވަތަ ގާގަނޑެއް އުފެދެއެވެ. އެ ގާގަނޑު އަލުން ފިސްކޮށް މުގުރައި ހިމުންކުރުމުން އުފެދޭ މާއްދާއަކީ ސިމެންތިއެވެ. އެކި ހިމުން މިނުގައި ސިމެންތި އުފައްދައެވެ. ބޮޑަށް ހިމުންކޮށްފައި ހުންނަ ސިމެންތިން އުފެއްދޭ ކޮންކްރީޓު ބާރުގަދަވެއެވެ.

ސިމެންތީގެ އެކި އެކި ވައްތަރުތަކަކީ އެކި ގޮތްގޮތަށް ވަރަށް ކުރީޒަމާނުއްސުރެ ބޭނުން ކުރަމުން އަންނަ އެއްޗެއް ކަމަށް ވެއެވެ. އެހެން ނަމަވެސް ބައެއް ފަރާތުން ދެކޭ ގޮތުގައި، އެންމެ ފުރަތަމަ ސިމެންތި އުފެއްދިކަމަށް ކިޔަނީ އިިގިރޭސިވިލާތުގެ ލީޑްސް ގައި1800 ގައި ދިރިއުޅު މީހަކު ކަމަށެވެ. އޭނާ އެކަން ކުރީ އޭނަގެ ގޭގެ ބަދީގޭގައި ކަމަށް ބުނެއުޅެއެވެ. އެހެން ނަމަވެސް އެ ކުރެވުނު ކަންތަކަކުގެ ނަތީޖާ އަށް ވީ  ފުޅާ ދާއިރާއެއްގައި ސިމެންތި ތައްޔާރުކުރަން ފެށުމެެވެ. އާންމުގޮތެއްގައި ބޭނުންކުރާ ސިމެންތިއަށް ކިޔަނީ އޯޑިނަރީ ޕޯޓްލޭންޑް ސިމެންތިއެވެ.

އޯޑިނަރީ ޕޯޓްލޭންޑް ސިމެންތި ނުވަތަ “އާދައިގެ ސިމެންތި” އަކީ ހައިޑްރޯލިކް ސިމެންތިއެއްގޮތަށް ފާހަގަކުރެއެވެ. އެއީ އެ ސިމެންތި ފެނާއެކުވެ ހިނގާ ކެމިކަލް ރިއެކްޝަނެއްގެ ސަބަބުން ހަރު މާއްދާއެއް އުފެދޭތީއެވެ.

ވަރަށް ކުރީޒަމާނުއްސުރެ ދިވެހިރާއްޖޭގައި ތައްޔާރުކޮށް ގެންގުޅޭ އުވައަކީ ވެސް ސިމެންތީގެ ބާވަތެއްގޮތަށް ބުނެފައިހުރެއެވެ. އުވައަކީ ނޮން ހައިޑްރޯލިކް ސިމެންތިއެއްގޮތަށް ބުނެފައިހުރެއެވެ. އެއީ ފެނާ އުވައާ އެކުވެގެން އުފެދޭ ކެލްސިއަމް އޮކްސައިޑް ކެލްސިއަމް ކާބަނޭޓަށް ބަދަލުވަނީ ޖައްވުގައި ވަޔާ ހިނގާ ކެމިކަލް ރިއެކްޝަނަކުން އުފެދޭ ކެލްސިއަމް ކާބޮނޭޓް އުފެދިގެންނެެވެ.  އާންމުގޮތެއްގައި އެ ރިއެކްޝަން ހިނގުމަށް 10 ވަރަކަށް ގަޑިއިރު ވާކަމަށް އެވެ.

އާދައިގެ ސިމެންތި ގެށުމަށް ފެނާއެއްކުރާ ވަގުތުން ފެށިގެން 30 މިނިޓުގެ ތެރޭ އެ ބޭނުންވާ ތަނެއްގައި އަޅައި ގެށި އުވަދޯނި ހުސްކުރަން ޖެހޭކަމަށް އެކި އެކި ކޯޑުގައި ބުނެފައިހުރެއެވެ. އެހެން ނަމަވެސް ސިމެންތީގެ ކެމިކަލް ރިއެކްޝަން ލަސް ކުރުމަށް ބޭނުންކުރާ ރިޓަރޑަރ ފަދަ ކެމިކަލް އެއްކޮށްފި ނަމަ އިތުރުވަގުތު ލިބޭނެއެވެ.

އާދައިގެ ސިމެންތީގައި ހުންނަން ޖެހޭ މާއްދާތައް ކޯޑުތަކުގައި ބަޔާންކޮށްފައި ހުރެއެވެ. އެއީ އެކި އެކި ކުންފުނިތަކުން ސިމެންތި އުފައްދާތީ، އަދި އެފަދަ ސިމެންތި ބޭނުންކޮށްގެން އެކި އެކި ނުރައްކާތެރި ހާދިސާތައް ދިމާވެފަވާތީ ސިމެންތީގެ މިންގަޑުތަކެއް ކަނޑައެޅުމަށެވެ. މައިގަނޑު ގޮތެއްގައި ސިމެންތީގައި ހިމެނޭ ޓްރައި ކެލްސިއަމް ސިލިކޭޓާއި، ޑައިކެލްސިއަމް ސިލިކޭޓާއި، ޓްރައިކެލްސިއަމް އަލުމީނޭޓާއި، ޓެޓްރަކެލްސިއަމް އަލުމިނޯފެރައިޓާއި، ޖިޕްސަމް ގެ މިންގަޑުތައް ވަކި މިންގަނޑުތަކެއްގައި ހިފަހައްޓައިގެންނެވެ.

އެގޮތުން އެމެރިކާގެ ސިމެންތިއާބެހޭ ސްޓޭންޑަރޑް،  އޭ. އެސް. ޓީ. އެމް، ސީ 150  (ASTM-C 150) ގައި ބުނާގޮތުން އާދައިގެ ސިމެންތިއަކީ ސިމެންތި ޓައިޕް 1 ގެ ސިމެންތިއެވެ. އޭގައި އާންމުގޮތެއްގައި ޓްރައިކެލްސިއަމް ސިލިކޭޓް ހުންނަންޖެހޭނީ ނިސްބަތުން %55 އަށެވެ. ޑައިކެލްސިއަމް ސިލިކޭޓް ހުންނަން ޖެހޭނީ ނިސްބަތުން %19 ގައެވެ. ޓްރައިކެލްސިއަމް އަލުމީނޭޓް ހުންނަން ޖެހޭނީ ނިސްބަތުން %10 ގައެވެ. ޓެޓްރަކެލްސިއަމް އަލުމިނޯފެރއިޓް ހުންނަން ޖެހޭނީ %7 ވަރުގައެވެ. އަދި ޖިޕްސަމް ހުންނަން ޖެހޭނީ % 2.8 ވަރު ގައެވެ. އަދި ބުނެފައި ހުންނަގޮތުން ޓްރައި ކެލްސިއަމް އަލުމީނޭޓްގެ މިންވަރު ނިސްބަތުން %15 އަށްވުރެ އިތުރުވެގެން ނުވާނެއެވެ. ދެންމެ މިލިއެވުނު މިންގަނޑުތައް ތަފާތުކޮށް ތައްޔާރުކޮށްފައިވާ އެހެން ވައްތަރު ތަކުގެ ސިމެންތީގެ ވާހަކަ އޭ. އެސް. ޓީ. އެމް. 150 ސީ. ސްޓޭންޑަރޑްގައި ބުނެފައި ހުރެއެވެ.

އިގިރޭސިވިލާތުގެ ސްޓޭންޑަރޑު ބީ. އެސް. 12، 1996 (BS 12 -1996) ގަޔާއި ޔޫރަޕުގެ ޔޫރޯކޯޑު އީ. އެން. 1-197  (EN 197-1)ގައި ބުނަނީ ކެލްސިއަމް އޮކަސައިޑު %63 ގައި ހުރުމާއި، ސިލިކަން ޑައިއޮކްސައިޑު %20 ގައި ހުރުމާއި، އަލުމީނިއަމް ޓްރައިއޮކްސައިޑު %6 ގައި ހުރުމާއި، އަޔަން ޓްރައިއޮކްސައިޑު %3 ގައި ހުރުމާއި، މެގްނީޒިއަމް އޮކްސައިޑު %1.5ގައި ހުރުމާއި، ސަލްފަރޓްރައިއޮކްސައިޑު %2 ހާވަރު ހުރުމެވެ. އެ މާއްދާތަކަށްބަލައި އެމެރިކާގެ ސްޓޭންޑަރޑުގައި ވާމިންގަނޑުތަކާ އަޅުވާބަލާއިރު އާދައިގެ ސިމެންތީގައި ޓްރައިކެލްސިއަމް ސިލިކޭޓް ހުންނަންޖެހޭނީ ނިސްބަތުން %53.8 ގައި ކަމަށެވެ.  ޑައިކެލްސިއަމް ސިލިކޭޓް ހުންނަން ޖެހޭނީ %20.2 ގައެވެ. ޓްރައިކެލްސިއަމް އަލުމީނޭޓް ހުންނަން ޖެހޭނީ %6.4 ގައެވެ. އަދި ޓްރައި ކެލްސިއަމް އަލުމިނޯފެރައިޓް ހުންނަން ޖެހޭނީ %12.04 ގައެވެ. އޭގެ އިތުރު އެހެނިހެން މާއްދާތަކުގެ މަދުމަދު ނިސްބަތް ތަކެއް ކަނޑައަޅާފައި ހުރެއެވެ.

ސިމެންތި ފެނާއެކުވުމުން ހަރު މާއްދާއަށް ބަދަލުވުމުގައި އެންމެ ބޮޑުރޯލެއް ކުޅެނީ ކެލްސިއަމް ސިލިކޭޓާއި، އަލުމީނޭޓާއި، އަލުމިނޯފެރައިޓެވެ. ޓްރައި ކެލްސިއަމް ސިލިކޭޓާ ޑައި ކެލްސިއަމް ސިލިކޭޓްގެ ރޭޝިއޯ އަކީ ސިމެންތިގަނޑު އަވަހަށް ނުވަތަ ލަހުން ހަވުމަށް ބިނާވާއެއްޗެކެވެ. އެހެން ގޮތަކަށް ބުނާނަމަ ސިމެންތީގެ ސެޓިންޓައިމް، ސިމެންތި ހަރުމާއްދާއަކަށް ބަދަލުވާންފަށާވަގުތު ކަނޑައަޅާ ދެމާއްދާއެވެ. ސިމެންތީގައި ޓްރައިކެލްސިއަމް ސިލިކޭޓްގެ ނިސްބަތް މަދުވާވަރަކަށް އެސިމެންތިއެއް ސަލްފަރަށް ހުރަސްއަޅާ މިންގަނޑު އިތުރުވެއެވެ. އެހެނީ ސަލްފަރ ހިފަހައްޓާފަދަ ސިމެންތި ނޫނީ ނަޖިސްވަޅުގަނޑު ހަދާކަށް އެންމެ ރަނގަޅެއްނުވާނެއެވެ. އެއީ ދިގުމުއްދަތުގައި ކޮންކްރީޓު ހަލާކުނުވެ ބަހައްޓަން ބޭނުންނަމައެވެ.

އާސިމެންތިއެއްގެ ނަން އިވުމުން ނުވަތަ މިހާރު ބޭނުންކުރާ ސިމެންތިއެއް ކަމުގައިވިޔަސް އެ ސިމެންތިއަކީ ސްޓޭންޑަރޑަށް ފެތޭ އެއްޗެއްތޯ ބެލިދާނެެއެވެ. ސިމެންތީގެ ކެމިކަލް ކޮމްޕޮސިޝަން ނުވަތަ ސިމެންތީގައި ހިމެނޭ މާއްދާތައް ވަކިކޮށް އޭގެ ޕަސެންޓޭޖްތައް ނިސްބަތް ތައް ވަކިވަކިން ހޯދައި ރިޕޯޓު ހަދާދޭ ފަދަ ލެބޯޓަރީތައް ދުނިޔޭގެ ގިނަގައުމު ތަކުގައި ހުރެއެވެ. މިހިސާބު ކައިރިން ބަލާނަމަ، ޝްރީލަންކާގައި، އިންޑިޔާގައި، ސިންގަޕޫރުގައި، އަދި މެލޭޝިޔާގައިވެސް ހުރެއެވެ. އެ ފަދަ ލެބޯޓަރީއަކަ ގުޅުމަށްފަހު އެބަޔަކު ބުނާ ވަރަކަށް ސިމެންތިކޮޅެއް ފޮނުވައިގެން ސިމެންތި ޔަގީން ކުރެވިދާނެއެވެ.

 

އެކި އެކި ސިމެންތި ފެނާއެކުވެގެން އުފެދޭ ހަރު މާއްދާގެ ހަރުކަން ހުންނަ ވަރު ތަފާތު ވާތީ އެ މިންވަރު ހިސާބުން އަދަދު ކުރުމަށްޓަކައި ސިމެންތިއާ ވެއްޔާ އެއްކޮށްގެން ވަކި މިންގަނޑުތަކަށް ގާއުފައްދައި އެ ޓެސްޓު ކުރެއެވެ. މިދެންނެވިފަދަ ޓެސްޓު ކުރުމުގައި ގާބިލު ދެތިން ލެބޯޓަރީއެެއް މާލޭގައިވެސް ހުރެއެވެ.

އިގިރޭސިވިލާތާ ޔޫރަޕުގެ ސްޓޭންޑަރޑު، ބީ. އެސް. އީ. އެން. 1-196 (BS EN 196-1)ގައި ބުނާގޮތަށް ސިމެންތީގެ ހަރުކަން ނުވަތަ ބާރުގަދަކަން ހޯދާނަމަ ކުރަންޖެހޭ ކަންތައްތައް ލިއެލާނަމެވެ.

ހ. ފުރަތަމަ ސިމެންތިއާ ހިލަވެއްޔާ 1:3  ގެ ރޭޝިއޯއިން ކޮންމެ ސިމެންތިއަކަށް 3 ވެލީގެ ނިސްބަތުން އެއްކޮށް ގަށާށެވެ. ރަނގަޅީ މެޝިނަކުން ގެށުމެވެ.

ށ. ސިމެންތި ގާހަދަން ޖެހޭނީ 40 މިލިމީޓަރު، 40 މިލިމީޓަރު، 150 މިލިމީޓަރު ގެ މިންގަޑަށް ހަދާފައިހުރި ތައްގަނޑެއް ބޭނުންކޮށްގެން ނެވެ.  އެ ވަރުގެ 6 ގާ ހަދަން ޖެހޭނެއެވެ. ގާއެޅުމުގައި ތައްގަނޑުތެރެއަށް ރަނގަޅަށް ސިމެންތި އެޅިއްޖެކަން ޔަގީންކުރުމަށް ފަށަލައަކުން ފަށަލައަކުން އަޅައި ދަގަނޑުބުރިއަކުން ތަޅައި ހަރުކުރަމުން ގެންގޮސް ފުރާލުމަށް ބުނެފައިވެއެވެ.

ނ. ގާއެޅުމަށް ފަހު ހިޔަލުގައި އެންމެ މަދުވެގެން 24 ގަޑިއިރު ބަހައްޓައި ރަނގަޅަށް ހިކުމުން ތައްގަނޑުން ނައްޓާލައި،  ޓެސްޓު ކުރާދުވަސް ޖެހެންދެން ފެނުތެރޭގައި ގަންބާފައި ބަހައްޓާށެވެ.

ރ. ޓެސްޓުކުރާނީ ގާއެޅިތާ 7 ވަނަދުވަހު 3 ގާ ބޭނުންކޮށްގެންނެވެ. އެ 3 ގަލުން ކުރެ ކޮންމެ ގަލެއްވެސް މެދުން ބިންދާލަން ބޭނުންވާ ބާރު  (ފްލެކްޝުރަލް ސްޓްރެންތު) ހޯދުމަށް މެދަށް ބާރުދީ ބިންދާލައި، 3 ގަލުގެވެސް ބިންދާލެވޭނެ ބާރު ހޯދައި، ބިނދުނު ގާބުރިތަކުގެ ތެރެއިން 3 ގާބުރި ބޭނުންކޮށްގެން ފިއްތާލައިގެން ހަލާކުވާބާރު( ކޮމްޕްރެސިވް ސްޓްރެންތު) ހޯދައި 3 ގަލުގެ އެވްރެޖަކީ ސިމެންތީގެ 7 ވަނަދުވަހުގެ ބާރުކަމުގައި ބެލެވެއެވެ. ކޮމްޕްރެސިވް ސްޓްރެންތު އަށް ބަލާއިރު އެންމެ މަދުވެގެން 16 މެގަ ޕާސްކަލް އައްވުރެ މަދުވެގެން ނުވާނެއެވެ.

ބ. ބާކީ އޮތް އަނެއް 3 ގާ ޓެސްޓު ކުރާނީ ގާއެޅިތާ 28 ވަނ ދުވަހުއެވެ. އެ ދުވަހުގެ ނަތީޖާގައި ކޮމްޕްރެސިވެ ސްޓްރެންތު އެންމެ މަދުވެގެން 32 މެގަ ޕާސްކަލް ލިބެންޖެހެއެވެ.

 

 

 

 

 

 

 

 

 

 

 





21 ފެބުރުއަރީ 2021

28 މެއި 2021

20 މެއި 2021

17 ފެބުރުއަރީ 2021

29 ޖޫން 2021

20 މެއި 2021

13 އޭޕްރީލް 2021

10 މެއި 2021