އިމާރާތްކުރުމަށް އިތުރު އެހީއެއް



އިމާރާތަށް ފެން ނުވަންނަ ގޮތް ހެދުން 1


ދިރިއުޅެމުންދާ އިމާރާތަކަށް އެތަނަށް ގުޅާފައި ހުންނަ ހޮޅިތަކުން ފިޔަވައި ފާރުތަކުންނާއި ބިމުއަޑިން ފެން ވަދެގެން ނުވާނެއެވެ. އިމާރާތް ހުންނަން ޖެހޭނީ އެފަދަ ފެނެއް ނުވަދެވޭގޮތަށް ވޯޓަރޕްރޫފް ކޮށްފައެވެ. ނުވަތަ ފެން ނުވަންނާނެގޮތް ހަދާފައެވެ.

އިމާރާތަށް ފެން ނުވަންނާނެގޮތް ހެދޭނީ އިމާރާތަށް ފެން ވަންނަ ގޮތްތައް ދެނެގަނެ ގެންނެވެ.

އިމާރާތަށް ފެން ވަންނަ ފުރަތަމަގޮތަކީ އިމާރާތުގެ އެތެރޭގައި ބޭނުންކުރުމަށް އެކި އެކި ހޮޅިމެދުވެރިކޮށް ފޯރުކޮށްދީފައި ހުންނަ ފެންހޮޅިތަކުން ލީކު ވެގެން ނެވެ.  ދެވަނަ ގޮތަކީ އިމާރާތުގައި ބޭނުންކުރާފެން އެ ބޭރުކުރުމަށް ހަދާފައި ހުންނަ ފެން ހިންދި ތަކުންނާއި ހޮޅިތަކުން ބޭރު ނުވެ އިމާރާތުގެ އެތެރެއަށް ވަނުމެވެ. ތިންވަނަ އިމާރާތުގެ ބޭރުން ވަނަ ގޮތަކީ ވެހޭވާރޭ އައިސް އިމާރާތުގައި ޖެހި، އިމާރާތުގައި ހުންނަ ރެނދަކުން ނުވަތަ އިމާރާތުގައި  ނުބެދި ހުންނަ ޖާގައަކުން އެފެން އިމާރާތުގެ އެތެރެއަށް ވަނުމެވެ. ހަތަރުވަނަ ގޮތަކީ ޖެހިގެން ހުރި އިމާރާތެއްގައި ހުންނަ ފެން އިންފާރުގެ ތެރެއިން މިދެންނެވި ރެނދުފަދަ އެއްޗެތިން ނުވަތަ ޖާހަ ތަކުގެ ތެރެއިން ވަނުމެވެ. މި ދެންނެވި 4 ގޮތަކީ އާންމުގޮތެއްގައި އެކަން ހިނގާ ގޮތްތަކެވެ.

އިމާރާތުގެ އެތެރޭގައި އަޅާފައި ހުންނަ ހޮޅިތައް ފަޅައިގެން ގޮސްގެން އިމާރާތުގެ އެތެރެއަށް ފެން ލީކުވާ ގޮތްވެއެވެ. މިކަން ހުއްޓުވުމަށްޓަކައި، ބޭނުންކުރާ ޕްލާސްޓިކު ހޮޅިއަކީ ހައި ޕްރެޝަރު ހޮޅި އަށް ހަދަން ޖެހެއެވެ. އަދި ކޮންމެ ގުޅުވުމެއް ރަނގަޅަށް ގުޅުވުނު ކަމުގެ ޔަގީންކަން ހޯދަން ޖެހެއެވެ. ގިނަ ފަހަރު ފެންހޮޅިތައް ހުންނަނީ ކޮންމެވެސް ފާރެއްގެ އެތެރެއަށް ނުވަތަ ޑަކްޓެއްގެ އެތެރެއަށް ލާ ފޮރުވާލާފައެވެ. ފެންނަންވެސް ނުހުރެއެވެ. އެހެންވީމާ ޕްރެޝަރު ޓެސްޓު ކޮށްފައި ނޫނީ ހޮޅި ފޮރުވައިގެން ނުވާނެއެވެ. ޕްރެޝަރު ޓެސްޓު ކުރުމުން އިމާރާތުގައި ވާ ސަޕްލައި ހޮޅިތަކުން ލީކެއް ނުވާކަން ޔަގީން ކުރެވޭނެއެވެ.

އިމާރާތުގެ އެތެރޭގައި ބޭނުންކުރާ ފެން ރައްކާތެރި ކަމާއެކު ހިނދިގެން ނަރުދަމާގެ ތެރެއަށް ދާނޭ ގޮތް ރާވަން ޖެހެއެވެ. އެހެންވީމާ ފެން އެޅޭ ކޮންމެ ތަނެއް ހުންނަންވާނީ ވޯޓަރޕްރޫފް ކޮށްފައެވެ. ފާޚާނާ ތަކާއި، ޓެރަަސް ތަކާއި، ދޮންނަ މެޝިނު ބަހައްޓާ ތަނާއި، ވައިގޮޅީގައި އަޅާފައި ހުންނަ ޝީޓު ތަކާ އެފަދަ ހުރިހާ ތަނެކެވެ.

ފާޚާނާ ފަދަ ތަންތަން ވޯޓަރޕްރޫފް ކުރާ ގޮތްތަކަކީ:

1. ފާޚާނާގެ ތަޅުމުގެ އަޑިގައި އޮންނަ ކޮންކްރީޓު ޝީޓުގެ ކޮންކްރީޓު މަސައްކަތްކުރި އިރު އެއަށް ވޯޓަރޕްރޫފް އެޑްމިކްސްޗަރއެއް އަޅައިގެން ވޯޓަރޕްރޫފް ކޮންކްރީޓު ޝީޓެއް ފާޚާނާގައި ބޭއްވުން.

2. ފާޚާނާގެ ދަށުގައި އޮންނަ ކޮންކްރީޓު ޝީޓުގެ މަތީގައި، ތަޅުން އެޅުމުގެ ކުރިން ވޯޓާރޕްރޫފް ކެމިކަލް ދަވާދެއްލުން.

3. ތަޅުން އެޅުމުގައި ގަށާ ސިމެންތިގަނޑަށް ވޯޓަރޕްރޫފް އެޑްމިކްސްޗަރެއް އަޅައި ތަޅުންގަނޑު ވޯޓަރޕްރޫފް ކުރުން

4. ތަޅުން އެޅުމަށްފަހު ޓައިލް ޖެހުމުގެ ކުރިން ތަޅުމުގެ މަތީގައި ވޯޓަރޕްރޫފް ކެމިކަލް ދަވާދެއްލުން

5. ވޯޓަރޕްރޫފް ޓައިލެއް ޖެހުމާއި ޓަައިލް ޖަހާއިރު ވޯޓަރޕްރޫފް ޓައިލް އެޑްހެސިވެއް ބޭނުންކުރުމާއި އަދި ދެޓައިލް ގަނޑުގެ ދޭތެރޭގައި ވޯޓަރޕްރޫފް ގްރައުޓަކުން ( ސިމެންތިއަކުން) ބެއްދުން.

6. ޓައިލް ޖެހުމަށްފަހު އޭގެ މަތިން ވޯޓަރޕްރޫފް ކެމިކަލްއަކުން ދަވާދެއްލުން.

ފާޚާނާ ވޯޓަރޕްރޫފް ކުރުމަށް މިބަޔާން ކުރެވުނު ގޮތްތަކަށް ބޭނުންކުރާ ކެމިކަލްތައް ދިވެހިރާއްޖެ އަށް ގެނެސް ބޭނުން ކުރެއެވެ.  އަދި އޭގައިވާ 6 ގޮތުން ކުރެ ކޮންމެވެސް އެއްގޮތަކަށް ވޯޓަރޕްރޫފް ކޮށްގެން ނޫނީ އިމާރާތެއް ނުނިންމައެވެ. ވޯޓަރޕްރޫފިން ނުވަތަ ފެން ނުވަންނާނެކަން ޔަގީން ކުރުމަށް  އެއްފާޚާނާއަށް އެއްގޮތަށް ވުރެ ގިނަގޮތަށް ވޯޓަރޕްރޫފް ކުރެއެވެ. މިސާލަކަށް 2 ވަނަ ނަންބަރުގައިވާ ގޮތަށް ވޯޓަރޕްރޫފް ކުރުމަށްފަހު އޭގެ އިތުރުން 3 ވަނަ ނަންބަރުގަޔާއި އަދި 4 ވަނަ ނަންބަރުގައިވާ ގޮތްވެސް ހަމަ އެފާޚާނާގައި ބޭނުން ކުރެއެވެ. 

 

  

 





18 ފެބުރުއަރީ 2021

29 ޖޫން 2021

13 ފެބުރުއަރީ 2021

20 ފެބުރުއަރީ 2021

08 ޖުލައި 2022

20 މެއި 2021

20 ފެބުރުއަރީ 2021

21 މެއި 2021