އިމާރާތްކުރުމަށް އިތުރު އެހީއެއް



ކޮންކްރީޓަށް ލައްވާ ދަގަނޑު


ކޮންކްރީޓު ކުރުމުގައި ބޭނުންކުރަނީ ދެބާވަތެއްގެ ދަނގަނޑެވެ. އެއީ އޮމާން ދަގަނޑު ‘ރައުންޑު ބަރ، މައިލްޑް ސްޓީލް’ ނުވަތަ އެނބުރި ދަގަނޑު ނުވަތަ ‘ޑީފޯމްޑް ބަރ، ހައި ޔީލްޑް’ ދަގަނޑެވެ.

އޮމާން ދަގަނޑަކީ މަޑުއެއްޗެކެވެ. ވަރަށް ފަސޭހައިން ލަންބާލެވޭ އެއްޗެކެވެ. އޮމާން ދަގަނޑު ބޭނުންކުރަނީ ރިންގު ހެދުމަށެވެ. މީގެ އިތުރުން އެހާ ބުރަބޮޑުނުވާ، ކޮންކްރީޓު ފަށަލަ ހެދުމަށާއި، ކޮންކްރީޓު ތަޅުން އަޅާއިރު އެއަށް ވެސް 6 މިލިމީޓަރުގެ ދަގަނޑު ލައްވައެވެ.

އެނބުރި ދަގަނޑަކީ އޭގައި ފިތްތަކެއް ފަދައިން ބައިތަކެއް އިތުރުކޮށް ކޮންކްރީޓުގައި ރަނގަޅަށް ހަރުލާނެ ގޮތަށް ތައްޔާރު ކޮށްފައި ހުންނަ ވަރުގަދަ ދަގަނޑެކެވެ. އެނބުރި ދަގަނޑުގެ އާންމު ބާރުމިނަކީ، ދަމާލައިގެން ދަގަނޑު ހަލާކުވާން ފެށުމުގެ ކުރިން ކޮންމެ އަކަ މިލިމީޓަރަކަށް 460 ނިއުޓަން (47 ކިލޯ)ގެ ބަރުމިން ނެގޭވަރަށެވެ. އެހެން ގޮތަކަށް ދަންނަވާނަމަ، 10 މިލިމިޓަރު ވަށަމިނުގައި (ދިގުހުރަހުގައި 10 މިލިމީޓަރު) ހުންނަ  އެނބުރި ދަގަނޑު ބުރިއެއްގެ މަތީކޮޅު ތަނެއްގައި ހަރުކޮށްފައި ބަހައްޓާފައި، އޭގެ ތިރީކޮޅުގައި ބަރު އެލުވަމުން، ބަރު އިތުރުކުރަމުން ގޮސް ބަރުދަން 3600 ކިލޯ (ނުވަތަ 3.6 ޓަނަށް) އިތުރުވުމުގެ ކުރިން އެ އެނބުރި ދަގަނޑު ދެމި ހަލާކުވާން ފަށައިގެން ނުވާނެއެވެ. މިދެންނެވި ވަރަށްވުރެ ބާރު ގަދަކޮށް ތައްޔާރުކޮށްފައި ހުންނަ ދަގަނޑު ބޮޑަތި މަޝްރޫއުތަކުގައި ބޭނުންކުރެއެވެ.

އެނބުރި ދަގަޑުން ރިންގު ދަގަނޑު ވެސް ހަދައެވެ. އެހެން ނަމަވެސް އެކަމަކީ އެންމެ ކަމުދާ ކަމެއްކަމަކަށް ނުބެލެވެއެވެ. އެއީ އެނބުރި ދަގަޑެއް ލެންބުމަށްފަހު، ތެދުކޮށް އަނެއްފަހަރު ލަންބާލައިފިނަމަ އެ ލެނބުނު ތަނުގައި ލޮލަށް ނުފެންނަ ވަރުގެ ރެނދު އަޅައެވެ. އަދި އެ ދަގަނޑު ބިންދައިގެން ނުވަތަ ކަނޑައިގެން ދިއުމުގެ ފުރުސަތު ބޮޑެވެ. އެހެން ނަމަވެސް އެއްފަހަރު ލެންބުން އެންމެ ރަނގަޅުކަމުގައި ބެލެވެއެެވެ.

ކުރެހުންތަކުގައި އެނބުރިދަގަނޑު ލައްވަން ޖެހޭ ތަންތަން ފާހަގަ ކުރެވިފައި ހުންނަނީ އިގިރޭސި އަކުރު ‘T’ ބޭނުންކޮށްގެންނެވެ. އޮމާން ދަގަނޑު ނުވަތަ މަޑު ދަގަނޑު ބޭނުންކުރަންޖެހޭ ތަންތަނުގައި އިނގިރޭސި އަކުރު ‘R’ ބޭނުންކުރެއެވެ.

މިސާލަކަށް،  ކުރެހުމެއްގައި ތަނބެއްގެ މައިދަގަނޑާ ދިމާލުގައި ‘4T16’ ލިޔެފައިވާނަމަ އެ ބުނަނީ އެންބުރި ދަގަޑުގެ 16 މިލިމީޓަރުގެ ވަށަމިނުގެ 4 ދަގަނޑު މައިދަގަނޑުގެ ގޮތުގައި ތަނބާ އެއްސީދަލަށް ލެއްވުމަށެވެ. ރިންގު ދަގަނޑު ކަނޑައެޅުމުގައި ‘R6-100’ ލިޔެފައިވާނަމަ އެބުނަނީ ވަށަމިނުގައި 6 މިލިމީޓަރުގެ މަޑުދަގަނޑުން ރިންގު ހެދުމަށް ފަހު 100 މިލިމީޓަރުގެ ދުރުމިނުގައި ރިންގުތައް އެއްސުމަށެވެ.

ދިވެހިރާއްޖޭގައި އާންމުގޮތެއްގައި ބޭނުންކުރަނީ އޮމާން ދަގަނޑުގެ 6 މިލިމީޓަރުގެ ވަށަމިން އެކަންޏެވެ. އެހެން ނަމަވެސް ގިނަ ގައުމުތަކުގައި 6 މިލިމީޓަރާއި، 8 މިލިމީޓަރާއި، 10 މިލިމީޓަރާއި، 12 މިލިމީޓަރު އަދި 16 މިލިމީޓަރުގެ އޮމާން ދަގަނޑު ވެސް އިމާރާތްކުރުމުގެ މަސައްކަތުގައި ބޭނުންކުރެއެވެ. ދިވެރހިރާއްޖެއިން 6 މިލިމީޓަރުގެ ދަގަނޑު އެކަނި ލިބެން ހުންނާތީ ރިންގުގެ އަދަދު އިތުރުކޮށްގެން ބޭނުންވާ ބާރު ލިބޭވަރަށް ފަރުމާކުރާ ކަން ފާހަގަ ކުރެވެ އެވެ.

ދިވެހިރާއްޖޭގައި އާންމު ގޮތެއްގައި ބޭނުންކުރާ އެނބުރި ދަގަނޑުގެ ބޮޑުމިން ހުންނަނީ 10 މިލިމީޓަރުން ފެށިގެން 25 މިލިމީޓަރާ ހަމައަށެވެ. އެހެން ނަމަވެސް 10 ބުރިއަށާއި އެއަށްވުރެ އުސްކޮށް ކުރާ އިމާރާތަށް އަރާބާރު އިތުރުވަމުން ދާތީ 32 މިލިމީޓަރު ވަށަމިނުގެ ދަގަނޑު ވެސް ބައެއް އިމާރާތުގައި ބޭނުން ކުރެއެވެ. ބޭރުގެ ގައުމުތަކުގައި ވަށަމިން އެއަށްވުރެ ފަލަ،  (36 މިލިމީޓަރާއި، 43 މިލިމީޓަރާއި، 57 މިލިމީޓަރުގެ)  ވަށަމިނުގެ ދަގަނޑު ވެސް ބޭނުންކުރެއެވެ.

 





15 ފެބުރުއަރީ 2021

24 ފެބުރުއަރީ 2021

15 ފެބުރުއަރީ 2021

20 އޭޕްރީލް 2021

20 މެއި 2021

21 އޮކްޓޯބަރު 2022

16 މެއި 2021

12 ޖެނުއަރީ 2021