އިމާރާތްކުރުމަށް އިތުރު އެހީއެއް



ކޮންކްރީޓުގެ ކަވަރު


ކޮންކްރީޓުގެ ކަވަރަކީ، ކޮންކްރީޓަށް ދަގަނޑު ލައްވާފައި ހުންނައިރު ކޮންކްރީޓު ބޭރު ފަށަލައިން ފެށިގެން އެތެރެއަށް ގޮސް ދަގަނޑާހަމައަށް ހުން ފުންމިން މިލިމީޓަރުން ބަޔާން ކުރާ މިންގަނޑެވެ. އާންމު ގޮތެއްގައި ދިވެހިރާއްޖޭގައި ބިމުން އަޑީގެ ހުރިހާ ކޮންކްރީޓެއްގެ ކަވަރު 50 މިލިމީޓަރަށް ވުރެ ކުޑައެއް ނުކުރެއެވެ. ހަމައެހެންމެ، ތަނބުތަކުގެ ކަވަރު 40 މިލިމީޓަރުގައި ހިފެހެެއްޓޭތޯ ބަލައެވެ. ބެރިއާ ޝީޓުގެ ކަވަރު ވެސް 25 މިލިމީޓަރާ 30 މިލިމީޓަރާ ދެމެދުގައި ގެންގުޅެއެވެ.

ކޮންކްރީޓުގެ ތެރޭގައި ދަގަނޑު ފޮރުވިފައި ހުންނައިރު އެ ދަގަނޑުގައި ދަބަރު ނުޖަހާ ގޮތް ހެދުމަކީ، ވަރަށް މުހިއްމު ކަމެކެވެ. ދަގަނޑުގައި ދަބަރު ޖަހައިފިނަމަ އެ ދަގަނޑުން ހިފެހެއްޓޭ ބާރު  މަދުވެއެވެ. އެއީ ދަބަރު ޖެހުމުން ދަގަޑުގެ ވަށަމިނުން ބައެއް އުނިވީތީއެވެ.

ކޮންކްރީޓުން ހަދާފައި ހުންނަ އިމާރާތެއްގައި އަލިފާން ރޯވެއްޖެނަމަ އެ އަލިފާނުގެ ހޫނުން ދަގަނޑު ދޮންވެ ވިރިއްޖެނަމަ ވަރަށް ފަސޭހައިން އިމާރާތްވެއްޓެއެވެ. އެފަދަ ކަމަކުން ދުރުކޮށްދޭ އެކައްޗަކީ ކޮންކްރީޓު ކަވަރެވެ.

ކޮންކްރީޓު ބެރިއެއް، ޝީޓެއް ނުވަތަ ތަނބެއްގެ ވެސް ކަވަރު ބަހައްޓަންޖެހޭވަރު އިމާތްކުރުމަށް ތައްޔާރުކުރާ ކުރެހުންތަކުގައި ލިޔެފައި ހުންނާނެއެވެ.  ކޮންކްރީޓުގެ ތެރެއަށް ލައްވާ ދަގަނޑު އެއްސުމަށް ބޭނުންކުރާ މަޑު ނަރުގެ ކޮޅުތައް ބޭރަށް ނުކުންނަ ވަރަށް ދިގުވެފައި ވިޔަސް، ނަރުތައް ލަނބާލައި ކަވަރުގެ ތެރޭގައި އެ ދަގަނޑު ކޮޅުތައް ނުބަހައްޓާށެވެ. އެއީ އެ ދަގަނޑު ކޮޅުތަކުން ފަށާ ދަބަރު މައި ދަގަނޑާހިސާބަށް ފޯރާތީއެވެ.

ވަކި މިންގަޑެއްގައި ކޮންކްރީޓުގެ ކަވަރު ބެހެެއްޓުމަށް ކަވަރު ބްލޮކު ބޭނުންކުރެއެވެ. ބައެއް މީހުން އެއަށް ސިމެންތި ބޯކިބާއޭ ވެސް ކިޔައެވެ. އޭގެ ބޯމިން ހުންނަނީ ބޭނުންވާ ކަވަރާ އެއްވަރަށެެވެ. ސަމާލުވާންވީ އެންމެ މުހިންމު އެއްކަމަކީ، މިދެންނެވި ކަވަރު ބްލޮކް ތައްޔާރުކުރަނީ ހިލަނާޅައި ވެއްޔާއި ސިމެންތިން ކަމަށް ވާނަމަ ކޮންކްރީޓުގެ ތެރޭގައި ވެއްޔާއި ސިމެންތީގެ ދެރަ ލޯވަޅުތަކެއް އުފެދޭނެތީއެވެ. އަދި މީގެ އިތުރުން މިދެންނެވި ކަވަރު ބްލޮކު ހިފެހެއްޓުމަށް އެއަށް މަޑު ބަންނަ ނަރުކޮޅެއް ކޮއްޕާލައެވެ. ދެރައީ، މިދެންނެވި ބަންނަނަރުކޮޅު ކަވަރު ބްލޮކުގެ ތެރެއަށް ވަދެގެން ގޮސް އަނެއްފަރާތަށް ފޫއަޅާފައި ހުންނަ ކަވަރު ބްލޮކު ވެސް އިމާރާތް ކުރުމުގައި ބެނުން ކުރާތީއެވެ.

ކަވަރު ބްލޮކުގެ ގޮތުގައި ބޭނުންކުރާ ޕްލާސްޓިކު އެއްޗެތި ބޭރުގެ ގައުމުތަކުގައި ހަދައެވެ. ކޮންކްރީޓުގެ ފެންވަރު ހިފެހެއްޓުމަށްޓަކައި ރަނގަޅު ކަވަރު ބްލޮކު ބޭނުންކުރުމަކީ ވަރަށް މުހިންމު ކަމެކެވެ.

 



  • ކުޑަ ކަމަކައް ވެގެން ދޫކުރެވިއްޖެ ނަމަ ބޮޑު ގެއްލުމެއް ލިބިދާ ޒާތުގެ ކަމއް. މިކަމައް ސަމާލްވާން ދައްނަވަން.



  • 20 ފެބުރުއަރީ 2021

    19 ޖުލައި 2021

    23 ފެބުރުއަރީ 2021

    02 މެއި 2021

    21 އޮކްޓޯބަރު 2022

    10 މެއި 2021

    23 ޖުލައި 2021

    05 މެއި 2021