އިމާރާތްކުރުމަށް އިތުރު އެހީއެއް



އިމާރާތެއްކުރުމަށް ދޭ އަގުގައި ޕްރެލިމިނަރީސްގެ ގޮތުގައި ހިމެނެނީ ކޮންބައިތަކެއް؟


ރާއްޖޭގައި އާންމުގޮތެއްގައި ހަދާ އުސް އިމާރާތެއް ހެދުމަށް ކޮންޓްރެކްޓަރަކު ދޭ އަގު ނުވަތަ ބީ އޯ ކިއު (ބިލްސް އޮފް ކުއަންޓިޓީސް) ގައި ހިމެނޭ ބިލުތައް (ހ) އިން (ޓ) އަށް އެވަނީއެވެ. 

ހ. މަސައްކަތުގެ ޕްރެލިމިނަރީ، މިބައިގައި އަގުކުރެވިފައި ހުންނަނީ މަޝްރޫއުގެ މަސައްކަތް ހިނގަމުންދާއިރު ޖަހާ ބިއްގަނޑު ތަކާއި، ހޮޅިތަކުން ހަދާ ސަލާމަތީގޮތުން ރައްކާތެރި ކަމުގެ އަށިތަކާއި، މަސައްކަތަށް ބޭނުންވާ ކަރަންޓާއި، ފޯނުގެ ހިދުމަތާއި، ފެނުގެ އަގާއި، ބައެއް މެޝިނަރީގެ އަގާއި، އިންޝުއަރެންސެއް ނަގަންޖެހޭނަމަ އެކަމުގެ އަގާއި، އޭޒްބިލްޓް ކުރެހުން ހެދުމަށް ދާނެ އަގާއި، އެފަދަ އެހެނިހެން އަގުތަކެވެ.

ށ. އިމާރާތްކުރާ ގޯތީގައި ހުރިއިމާރާތް ތަޅާލުމާއި، އުފެދޭ ކުނި އުކާލުމާއި އެތަން ސާފުކުރުމުގެ އަގު

ނ. ކޮނުމުގެ ކުރިން ޖަހާ ސަލާމަތީ ބިތްގަނޑާއި، ކޮނުމާއި، ކޮންނަމުންދާއިރު ފެންދަމަން ޖެހޭނަމަ އެ ފެން ދެމުމުގެ އަގާއި އެތަނުން އުފެދޭ ކުނި އުކާލުމާއި، އަދި ފަހުން ފަސްއަޅަން ޖެހޭ ތަނެއް ހުރިނަމަ އެތަނަށް ފަސް އެޅުމުގެ އަގާއި، ބިމަށް ކުރަންޖެހޭ އެފަދަ މަސައްކަތުގެ އަގު.

ރ. ކޮންކްރީޓުގެ މަސައްކަތުގެ އަގު. ކޮންކްރީޓުގެ މަސައްކަތުގެ އަގުގެ ތެރޭގައި، ބިންގަލުގެ އަޑިގައި އަޅާ ތަޅުމުގެ (ލީން ކޮންކްރީޓުގެ) އަގާއި، ބިންގަލުގެ (ފައުންޑޭޝަނުގެ) އަގާއި، ތަނބުތަކާއި، ކޮންކްރީޓު ފާރުތަކާއި، ބެރިތަކާއި، ޝީޓުތަކާއި، ސިޑި އަދި ރޭމްޕު ފަދަ ތަންތަނުގެ ކޮންކްރީޓު ކުރުމުގެ އަގު ކޮންކްރީޓާއި، ދަގަނޑާއި، ތައްގަނޑު ފިލާ ހިމެނޭގޮތަށް ކޮށްފައިވާ އަގު.

ބ. ފާރުރޭނުމާއި، ފާރުގައި ސިމެންތި ޖެހުމާއި، ތަޅުން އެޅުމުގެ އަގު.

ޅ. ފުރާޅުގެ މަސައްކަތް. އެއީ ފުރާޅުގެ މަތިވަޑާންގަނޑާއި، ޓިނުތަކާއި، ޓިނުތަކުގެ ދަށުގައި އިންސުލޭޓު ކުރާނަމަ އެ މަސައްކަތާއި، އަދި ބޯޑެއް ޖަހާނަމަ އެކަމާއި، ދިޔަދޮވި ހޮޅިއާއި، ފުރާޅު ހަރުކުރުމަށް ޖަހާ އެންކަރ ބޯލްޓާއި އެފަދަ ތަކެތި ގަތުމާއި މަސައްކަތުގެ އަގު.

ކ. ދަގަނޑުގެ މަސައްކަތް، މިސާލަކަށް ޗެންޗޭނު ޖެހުންފަދަ މަސައްކަތްތަކުގެ އަގު. އެ ފަދަ މަސައްކަތުގެ ތެރޭގައި ދަގަނޑު ހޯދުމާއި ވެލްޑިން މަސައްކަތާއި، ހަރުކުރުމާއި ސްޓެއިންލަސް ސްޓީލް ޕްލިޝް ކުރުމުގެ އަގުވެސް ހިމަނައިގެން.

އ. ދޮރުތަކާއި، ކުޑަދޮރުތަކާއި އެފަ ހުޅުވުންތައް ހެދުމުގެ އަގު. ލަކުޑި ދޮރުތަކާއި، ދޮރުފަތްތަކާއި، ތަޅާއި، ހުޅާއި ހިމަނައިގެން. އެލުމީނިއަމް ދޮރުފަދަ ތަކެތީގައި ބޭނުންވާ ބިއްލޫރިއާއި، ފްރޭމްގެ ކޯޓިންގެ އަގާއި އަދި އެ ހަރުކޮށް ފެން ނުވަންނާނެގޮތަށް ބަންދުކުރުމަށް ބޭނުންވާ ސީލަންޓުވެސް ހިމަނައިގެން.  އިމާރާތުގެ ފާރުގައި ކްލެޑިން ޖަހާނަމަ އެފަދަ ބައިތަކުގެ އަގުވެސް ބައެއްފަހަރު ދޮރުތަކުގެ ބިލުގައި ހިމަނައެވެ.

ވ. ލަކުޑީގެ މަސައްކަތުގެ(ވުޑް ވޯކްސް)ގެ އަގު ، އެއީ ލަކުޑި ދޮރާއި، ލަކުޑި ސީލިންގ އަގު ވަކިން ކުރެވިފައިވާނަމަ އެއަގު ނުލައި، މަސައްކަތުގައި ހުންނަ ކަބަޑު ތަކާއި ޑަކްޓު ތަކުގެ މަސައްކަތު އަގު. އެ އަގުގެ ތެރޭގައި ޑަކްޓުގެ ދޮރު، ވަކިން ދޮރާއި ކުޑަދޮރުގެ ބައިގައި ހިމެނިފައި ނުވާނަމަ އެބައިވެސް ހިމަނައިގެން.

މ. ސީލިން އެޅުމުގެ އަގު. އެއަގުގައި ސިލިން ފްރޭމާއި، ސީލިން ބޯޑައި، އަދި ސީލިންގައި ބަހައްޓަންބޭނުންވާ ހުޅުވުންތައް ވެސް ހިމަނައި އެފަ މަސައްތަށް ބޭނުންވާ ތަކެތި ގަތުމާއި މަސައްކަތުގެ އަގު.

ފ. ޓައިލް އަގު، އެއީ ޓައިލްގެ އަގާއި ޓައިލް ޖަހަން ބޭނުންވާ ޓައިލް ގްރައުޓާއި، ސްޕޭސާތަކާއި ޓައިލް ގަތުމާއި ޖެހުމުގެ އަގު.

ދ. ކުލަލުމުގެ އަގު. އިމާރާތުގައި އަޅާ ޕުޓީއާއި، ސީލަރު ލުމާއި ކުލަލުމުގެ އަގު.

ތ. ފެނުގެ މަސައްކަތުގެ ( ހައިޑްރޯލިކްސް އެންޑް ޑްރެއިނޭޖް) އަގު. އެއީ ފެންހޮޅިތަކާއި، ފާޚާނާ ހޮޅިއާއި، ފެންވަރާފެން ހިންދާ ހޮޅިބަޔާއި، ފާރޭފެން ރައްކާތެރިކަމާއެކު އިމާރާތުން ބޭރަށް ފޮނުވާލަ ދިނުމަށްއަޅާ ހޮޅިބަޔާއި އަދި އެފަދަ ޚިދުމަތް ފުރިހަމަ ގޮތުގައި ފޯރުކޮށްދިނުމަށް ބޭނުންވާ ޕަންޕު ފަދަ އާލާތާއި، ބެއްދުންތަކާއި، އިސްކުރާއި، ބަންދުތަކާއި، ފެންހިންދާ ވަޅުގަނޑު ނުވަތަ ޑްރެއިން ތަކާއި، ފާޚާނާ ތައްޓާއި، މޫނުދޮންނަ ތައްޓާއި، ފެންމާގަނޑު ފަދަ ތަކެއްޗާއި، އެ ތަކެތި ގަތުމާއި ހަރުކުރުމުގެ އަގު

ލ. ކަރަންޓުގެ މަސައްކަތުގެ އަގު. އެއީ ކަރަންޓު ކޮންޑިއުޓު (ކަރަންޓު ވަޔަރު ކުރުމުގެ ކުރިން އަޅާ ހޮޅިބައި)ގެ އަގާއި، ނަރު އެޅުމާއި، ޕެނަލްބޯޑާއި، މީޓަރު ތަކާއި، ޑީބޯތަކާއި، ސޮކެޓު ތަކާއި، ސްވިޗުތަކާއި، ޑިމަރު ތަކާއި، ބޮތްކާއި، ފަންކާއާއި، ހޮޅިބުރިތަކާއި ، އިމަރޖެންސީ ލައިޓާއި އެފަ ތަކެތި ގަތުމާއި ހަރުކުރުމުގެ އަގު.

ގ. އެއަރ ކޮންޑިޝަން އަދި ވެންޓީލޭޝަން ސިސްޓަމްގެ އަގު. މި އަގުގެ ތެރޭގައި ހިމެނެނީ އެއަރ ކޮންޑިޝަން ސިސްމަށް ބޭނުންވާ އިންޑޯ ޔުނިޓާއި، އައުޓްޑޯ ޔުނިޓާއި، ދެ ޔުނިޓު ދޭތެރޭގައި އަޅާ ހޮޅިބަޔާއި އިންސުލޭޓު ކުރުމާއި، އެއަރ ކޮންޑިޝަން ޔުނިޓަށް ބޭނުންވާ ކަރަންޓު ނެގުމަށް ބޭނުންވާ ނަރާއި ގުޅުމާއި އަދި އެއަރ ކޮންޑިޝަނުން އުފެދޭ ފެން ރައްކާތެރިކަމާއެކު އިމާރާތުން ބޭރުކޮށްލުމަށް އަޅާ ހޮޅިބައި އަޅަން ބޭނުންވާ ތަކެއްޗާ އެ މަސައްކަތުގެ އަގު. ވެންޓިލޭޓު ކުރުމުގެ ގޮތުން ހަރުކުރެވޭ އެގްޒޯސްޓް ފަންކާ ބައެއް ފަހަރު ކަރަންޓުގެ މަސައްކަތުގެ ތެރޭގައިވެސް ހިމަނާފައި ހުރެއެވެ. އެހެން ނަމަވެސް ވަކިގޮތަކަށް ފަރުމާކުރެވިގެން އަޅާ ވެންޓިލޭޝަންގެ ހޮޅިބަޔާއި އެފަދަ ހޮޅިބައެއްގެ ތެރެއިން ވައި އެތެރެ ކުރުމަށާއި، ސާފުކުރުމަށާއި، ބޭރުކުރުމަށް ބޭނުންކުރާ ވެންޓިލޭޝަން ޔުނިޓުތައްވެސް މި ބިލުގައި ހިމެނެއެވެ.

ޏ. އަލިފާނުން ރައްކާތެރިވުމަށް ކުރާ ކަންތަކުގެ( ފަޔަރ ޕްރޮޓެކްޝަން، ޑިޓެކްޝަން ފައިޓިން) އަގު. މި ބިލުގައި އާންމު ގޮތެއްގައި ހިމެނެނީ އަލިފާނުގެ ހާދިސާއެއް ހިނގައިފިނަމަ އެ ހާދިސާ އެއް ހިނގި ތަނެއް ދެނެގަންނާނެ ނިޒާމަކާއި، އޭ ގައި ހިމެނެނީ ސްމޯކް ޑިކެޓްޓަރުތަކާއި، އެލާމް ޕެނަލާއި، މެނުއަލް ކޯލް ޕޮއިންޓު ތަކާއި، ފަޔަ ރަނގަބީލާއި އެތަކެތި ގުޅާދެނަރުތަކެވެ. އަލިފާނުގެ ހާދިސާ އެއް ހިނގައިފިނަމަ އެތަނުން ރައްކާތެރި ކަމާއެކު ނިކުތުމަށް ބޭނުންކުރާ މަގު އަންގައިދޭ ނިޝާން ތަކާއި، އަދި އަލިފާން ނިވާ ފުޅި ނިމެނެއެވެ. އިމާރާތުގެ ބޮޑުމިނަށް ބަލައި، އަލިފާން ނިއްވުމަށް ބޭނުންކުރާ ޑްރައި ރައިޒާރ ސިސްޓަމްތަކާއި، ވެޓްރައިޒަރ ސިސްޓަމް ނުވަތަ ހޯސްރީލް ސިސްޓަމް ތަކާއި، އަދި ސްޕްރިންކްލާރ ސިސްޓަމްގެ ތަކެއްޗާއި މަސައްކަތު އަގު

ސ. އިމާރާތުގެ މުވަސަލާތީ ގުޅުންތަކުގެ އަގު (ކޮމިއުނިކޭޝަން އެން ސެކިއުރިޓީ). އިމާރާތުގައި ބޭނުން އިންޓަރނެޓުގެ ހިދުމަތަށް ބޭނުންވާ ނަރާއި އާލާތާއި، އެތެރޭގެ ގުޅުން ތަކަށް ބޭނުންވާ ނެޓްވޯކް ނަރުތަކާއި، ސޮކެޓްތަކާއި، އެޕާރޓްމަންޓުގައި ތިބެންގެން ބޭރު ދޮރޮ ހުޅޮވުމަށް ބޭނުންކުރާ ޑޮ ފޯން ސިސްޓަމާއި، އަދި އެކި އެކި ބައިތަކަށް ވަދެ ނުކުމެ ވުން ކޮންޓްރޯކުރުމުގެ ގޮތުން އަޅާ އެކްސެސް ކޮންޓްރޯލް ސިސްޓަމާއި، ބަރގްލަރ އެލާމް ސިސްޓަމާއި، އިމާރާތުގެ ބޭރާއި އަދި އެތެރޭގެ ބައެއް ބައިތައް ބެލެހެއްޓުމުގެ ގޮތުން ބަހައްޓާ ކެމެރާތަކާއި އަދި އެ ކެމެރާތަކުން ފެންނަ މަންޒަރު ރިކޯޑު ކުރާ އާލާތައް ހޯދުމާއި، ގުޅައި ހަރުކުރުމުގެ އަގު.

ޑ. އެތެރޭގެ ދުއްވުންތައް (ޓްރާންސްޕޯޓް ސިސްޓަމް) ގެ އަގު. އެއީ އިމާރާތުގައި ބަހައްޓާ ލިފްޓާއި، އެސްކަލޭޓަރާއި، ޑަމް ވެއިޓަރު ފަދަ ތަކެތީގެ އަގު މަސައްކަތް ވެސް ހިމަނައިގެން.

ޒ. ފަރުނީޗަރާއި އިކުއިޕްމަންޓުގެ އަގު. އިމާރާތްކޮށް ނިމުމުން އިމާރާތުގެ ޚިމަތްހޯދުމަށް ވަކި ޚާއްސަ ފަރުނީޗަރެއް ނުވަތަ މެޝިނަރީއެއް ބޭނުންވާނަމަ އެފަދަ ތަކެތީގެ އަގު ހިމަނަނީ މި ބިލުގައެވެ.

ޓ. ފެނުން ރައްކާތެރި ކުރުން (ވޯޓަރ ޕްރޫފިން). ބައެއް އިމާރާތް ތަކަށް އަގު ހަދާއިރު ވޯޓަރ ޕްރޫފް ކުރުމުގެ މަސައްކަތް ވަކި ބިލެއް ހަދާފައި ހުރެއެވެ. އެއީ އެކަމުގެ މުހިއްމުކަން ބޮޑު މަސައްކަތްތަކައެވެ. އެހެން ނަމަވެސް ގިނަފަހަރަށް ވޯޓަރޕްރޫފިންގެ މަސައްކަތް ހުންނަނީ ވޯޓަރޕްރޫފް ކުރަންޖެހޭ އެއްޗަކާ ގުޅުވާލައިގެން އެ ބިލެއްގައި އަގު ހިމަނާފައެވެ.

ފެށުމުގައި ފާހަގަ ކުރެވުނު ޕްލިމިނަރީގެ ބިލުގައި ހިމެނޭ، އިމާރާތުގައި ސޭފްޓީ ބިއްގަނޑު ޖެހުމުގެ އަގުފަދަ އަދި އިންޝުއަރެންސް ކުރުމުގެ އަގު ކޮންޓްރެކްޓަރަށް ދީ ހަލާސް ކުރަންޖެހެނި އިމާރާތް ކޮށް ނިމޭއިރުއެވެ. އެއީ އެ ބިލުގައި އިމާރާތް ކުރަމުންދާއިރު ކުރަންޖެހޭ ޚަރަދުގެ ތެރޭގައި އިމާރާތް ހަވާލުކުރުމުގެ ކުރިން ކުރަންޖެހޭ  އިމާރާތް ފޮޅާ ސާފުކުރުމުގެ މަސައްކަތުގެ އަގުވެސް ހިމެނޭތީއެވެ. 

ސްޓޭންޑަރޑް ޕްރެކްޓިސްގައި އޮންނަނީ އެ ގޮތަށް ކުރިއަށް ގެންދިއުމަށެވެ. އެހެން އޮތް ކަމުގައިވިޔަސް ބައެއްފަހަރު މަސައްކަތް ފަށައިގެން މެދަކާ ހަމައަށް ނުދަނީސް  ޕްރެލިމިނަރީސްގެ ގޮތުގައި ހިމަނާފައި އޮންނަ އަދަދު އެއްކޮށް ކޮންޓްރެކްޓަރަށް ދީފައި ހުރެއެވެ. އެންމެ ރަނގަޅީ އިމާރާތުގެ މުއްދަތަށް ބަހާލައިގެން ފަހަރަކު ބައެއް ދެމުންގޮސް އިމާރާތް ނިމޭއިރު އެއްކޮށް ހަލާސް ކުރުމެވެ.   





08 މެއި 2021

03 މެއި 2021

20 ފެބުރުއަރީ 2021

08 ޖުލައި 2022

17 މާޗް 2021

12 ޖުލައި 2021

23 މެއި 2021

19 ޖުލައި 2021