އިމާރާތްކުރުމަށް އިތުރު އެހީއެއް



އިމާރާތްކުރުމުގެ ހުއްދަ ހޯދުމުގެ ބޭނުން


އިމާރާތްކުރަން ފެށުމުގެ ކުރިން އިމާރާތްކުރުމުގެ ހުއްދަ ހޯދުމަކީ ވަރަށް މުހިއްމު ކަމެކެވެ. އެންމެ ފުރަތަމަ ކަމަކީ ކޮންމެ އިމާރާތްކުރެވެނީ އެކަމަށް ކަނޑައެޅިފައި ހުރި، ރަޖިސްޓްރީ ކުރެވިފައި ގޯތީގެ އިމުގެ އެތެރޭގައިކަން ޔަގީންކުރުމެވެ. އެންމެ އިންޗިއެއްވެސް ނުވަތަ ދެތިން މިލިމީޓަރެއް ނަމަވަސް ޖެހިގެން ހުރި އިމާރާތުގެ އިމުގެ އެތެރެއަށް ވަންނަ ގޮތަށް އިމާރާތް ކުރުމަކީ ކުށެކެވެ. އިމާރާތްކުރުމުގެ ގާނޫނާއި ގަވައިދުގައި ބުނަނީ އެ ހުއްދަ ހޯދައިގެން މެނުވީ އިމާރާތް ނުކުރުމަށެވެ.

އިމާރާތް ކުރަންވީގޮތް ދައްކައިދޭ ކުރެހުމަށް ބަލައި، އިމާރާތުގެ އެއްވެސް ބައެއް އިމުން ބޭރަށް ނުދާކަން ކަށަވަރު ކޮށްފައި ހުއްދަދޭ އިދާރާއަކުން ތައްގަނޑުޖަހައި އިމާރާތް ކުރުމުގެ ހުއްދަ ދިނުމުން ނޫނީ އިމާރާތް ކުރަން ނުފެށުން ބުއްދިވެރިއެވެ. އަދި ހުއްދަ އޮތް ކުރެހުމެއް ބޭނުންކޮށްގެން މަސައްކަތް ފެއްޓިކަމުގައި ވީނަމަވެސް އިމާރާތުގެ ބިންގާ އެޅުމަށް ކޮނެފައި ބިންގާ އަޅަންވީގޮތް ފާހަގަކޮށް އެރަށެއްގެ ކައުންސިލަށް އަންގައި ހުއްދަ ހޯދައިގެން މެނުވީ ބިންގާ ނޭޅުން މުހިއްމެވެ. އެކަން އެގޮތަށް ކުރަންޖެހޭ ސަބަބަކީ ކުރަހާފައި އޮންނަ ކުރެހުން ބިނާކުރަނީ ގޯތީގެ ރަޖިސްޓްރީގައި ގޯތީގެ އިން ފާހަގަކޮށް ޖަހާފައި އޮން މިންތަކަށް ބަލައިގެންނެވެ. އަސްލު ގޯތީގެ މިންތަކާ ގޯތީގެ ޗާޓާ ކޮންމެވެސް ވަރެއްގެ ފަރަގެއް ހުރެއެވެ. އެހެން ދިމާވަނީ ގޯތި ކަނޑައެޅުމުގައި މިންތައް ނަގަން ބޭނުންކުރ ފީތާގެ ސަބަބުންނާއި، ނެގިގޮތުންނާއި، އަދި އެ މިންތައް ކުރެހުމަކަށް ބަދަލު ކުރިއިރު އެހާ ފުރިހަމައަށް އެކަން ނުކުރެވުމުންނެވެ.

އިމާރާތްކުރުމުގެ ކުރިން އެ އިމާރާތަށް އަރާ ބަރަށް ބަލައި  އެއީ ނުވެއްޓި ސަލާމަތުން ހުންނާނެ ތަނެއްކަން ޔަގީން ކުރަންޖެހެއެވެ. އެފަދަ ޔަގީންކަމެއް ހޯދާގޮތަކީ އިމާރާތަށް އަރާނެ ބަރު ހިސާބު ކުރުމަށްފަހު އިމާރާތުގެ އެކި އެކި ބައިތައް، ތަނބުތަކާ، ޝީޓުތަކާ، ބެރިތަކާ އަދި ބިންގާވެސް އެކަށީގެންވާ ވަރަށް ވަރުގަދަކޮށް ލައްވަންޖެހޭ ދަގަނޑުގެ އަދަދު ސާފުކޮށް އިމާރާތުގެ ކުރެހުމުގައި ފާހަގަކުރުމެވެ.

އިމާރާތްކޮށްނިމި އެއިމާރާތަށް ލާންޖެހޭ ފެނާއި ކަރަންޓުގެ ޚިދުމަތަށް އެދޭއިރު ހުށަހަޅާ ކަރުދާސްތަކުގެ ތެރޭގައި އިމާރާތް ކުރުމުގެ ހުއްދަ ހިމެނެއެވެ. ހުއްދަނެތި އިމާރާތެއް ކޮށްފިނަމަ ކަރަންޓާއި ފެނުގެ ޚިދުމަތް ހޯދުމަށް ދަތިވެއެވެ.

ހުއްދަ ލިބިގެން އިމާރާތް ކުރުމަށް ފަހު އެތަން ބޭނުންކުރުމުގެ ކުރިން އެރަށެއްގެ ނުވަތަ އެ ސިޓީއެއްގެ ސިޓީ ކައުންސިލަށް އަންގައި އެތަން ބޭނުންކުރުމުގެ ހުއްދަ ހޯދަން ޖެހެއެވެ. 

ހަދާފައި ހުރި އިމާރާތެއް ވިއްކާލަން ބޭނުންވެއްޖެނަމަ އެއީ ރައްކާތެރިކޮށް އިމާރާތް ކުރެވިފައި ހުރިތަނެއްކަން އެ ގަންނަ ފަރާތަށް ޔަގީންކޮށްދޭން ފަސޭހަ ވަނީ އިމާރާތް ކުރުމުގެ ހުއްދައާއި އަދި އިމާރާތް ބޭނުންކުރުމުގެ ހުއްދަވެސް އޮތުމުންނެވެ.  

 





15 މެއި 2021

12 އޭޕްރީލް 2021

13 ފެބުރުއަރީ 2021

20 ފެބުރުއަރީ 2021

12 ޖެނުއަރީ 2021

23 ޖުލައި 2021

04 އޭޕްރީލް 2021

18 ފެބުރުއަރީ 2021