އިމާރާތްކުރުމަށް އިތުރު އެހީއެއް



އަލިފާނުގެ ހާދިސާއަކުން ރައްކާތެރިވުމަށް ކުރެވިދާނެ ކަންތައްތަކަކީ ކޮބާ؟


އިމާރާތްތަކުގައި އަލިފާނުގެ ހާދިސާތައް އެއްގޮތަކަށްވެސް ނުހިނގާ ނުދެއެވެ. އެހެން ނަމަވެސް އަޅުގަނޑު މި ލިޔުމުގެ ބޭރުގަނޑުގައި ނަން ހާމަ ކޮށްފައިވާ އިންޓަރނޭޝަނަލް މިންގަނޑުތަކާ އެއްގޮތަށް އިމާރާތްތައް ކުރެވި އަދި ބެލެހެއްޓިއްޖެނަމަ އެފަދަ އިމާރާތްތަކުގައި ހިނގާ އަލިފާނުގެ ހާދިސާތަކުން ލިބޭ ގެއްލުން ކުޑަކުރެވެއެވެ. އަދި އެ ފަދަ އަލިފާނުގެ ހާދިސާއެއް ހިނގުމުން އެ އަލިފާނުގައި ނުޖެހި ރައްކާތެރިކަމާއެކު އިމާރާތުން ނުކުމެވޭގޮތް ފަހިކުރެވެ އެވެ.

ހިނގާފާނެ އަލިފާނުގެ ހާދިސާއަކުން ރައްކާތެރި ވުމުގެ ގޮތުން ކުރަންޖެހޭ މަސައްކަތްތައް  އެންމެ ފުރަތަމަ ފެށެނީ އެ އިމާރާތް ވުޖޫދައް އައުމުގެ ކުރިންނެވެ. އެއީ އެ އިމާރާތް ފަރުމާކުރުމުގެ މަސައްކަތް ނުވަތަ ކުރެހުމުގެ މަސައްކަތް ކުރަން ފަށާއިރުއެވެ. 

އިމާރާތެއް ފަރުމާ ކުރާއިރު އިމާރާތުގައި ހުންނަން ޖެހޭ ކަންތައްތައް ބަޔާން ކުރުމުގެ ގޮތުން “ފަޔަރ ކޯޑު” ތައްޔާރުކޮށް އެެއީ ގަވާއިދެއްގޮތަށް ހަދާފައި ހުރެއެވެ. އިމާރާތް ފަރުމާކުރާއިރު އެތަނުގައި ސިޑި ފަދަ ތަންތަނާއި، ލިފްޓު ފަދަ ތަންތަނާއި، ދޮރުފަދަ އެއްޗެއްސާއި، ސީލިންއަޅާއިރު ބޭނުންކުރާ ބޯޑާއި، ބިއްގަނޑުތަކާއި، ތަޅުމުގައި ބޭނުންކުރާ ތަކެއްޗަކީ ފަސޭހައިން އަލިފާން ނުހިފާ އެއްޗެތިތޯ ބަލަންޖެހެއެވެ. އެގޮތުން އެފަދަ ކޯޑު ތަކުން ލާޒިމު ކުރާ މައިގަނޑު ކަންތައްތައް ބެހިފައިވާ ބައިތަކަކީ:

ހ. ބޭނުންކުރާ ތަކެއްޗަކީ ފަސޭހައިން އަލިފާން ރޯނުވާ ތަކެތި ކަމުގައި ހަމަޖެއްސުން.( ފަޔަރ ޕްރޫފް، ފަޔަރ ރެސިސްޓަންޓް މެޓީރިއަލް)

އަލިފާނުގެ ހާދިސާއެއް ދިމާވެއްޖެނަމަ، ޚާއްސަކޮށް އިމާރާތުން ނުކުންނަން އޮޮންނަ މަގުގައި ނުވަތަ އެފަދަ ޖާގަ ތަކުގައި ބޭނުންކޮށްފައި ހުންނަ ތަކެއްޗަކީ އެއްގޮތަކަށްވެސް އަލިފާން ނުހިފާ ޒާތުގެ އެއްޗެތިކަމުގައި ހަމަޖައްސަން ޖެހެއެވެ. އިމާރާތުގެ އެތެރޭގައި ތިބި މީހުންނަށް ރައްކާތެރިކަމާއެކު އިމާރާތުން ބޭރަށް ނުކުންނަން ފުރުސަތު ލިބޭފަދަ ގޮތަކަށް ރާވަން ޖެހެއެވެ.

ށ. އަލިފާން ހިފިކަން ދެނެގަތުން.(ފަޔަރ ޑިޓެކްޝަން ސިސްޓަމް ، ފަޔަރ އެލާމް ސިސްޓަމް)

އިމާރާތުގެ އެއްވެސް ބައެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފިނަމަ މުޅިއިމާރާތުގައި ދިރިއުޅޭ ހުރިހާ މީހުންނަށް އެކަން އަންގައިދެވޭނެ ގޮތަކަށް އަލިފާން ދެނެގަނެވި އެކަށީގެންވާ ބާރުމިނެއްގައި އެލާމް އަޅާފަދަ (ބާރު އަޑެއް އިއްވޭ) ނިޒާމެއް ހަރުކުރަން ޖެހެއެވެ. އަދި އެ ނިޒާމުގެ އަލީގައި އެ އަލިފާން ރޯވިތަން ދެނެގަނެވޭގޮތަށް ހުންނަން ޖެހެއެވެ. އަލިފާން ރޯވިތަން ސީދާ އެނގުން މުހިއްމުވަނީ ބޮޑަތި އިމާރާތް ތަކުގައެވެ. އެއީ އަލިފާން ނިއްވުމަށް އަންނަ ފަރާތަށް ފަސޭހަ ކަމާއެކު އެ ރޯވި އަލިފާނާ ދިމާއަށް ގޮސް އެ ނިއްވުމަށް މަސައްކަތް ކުރުމެވެ.

ނ. އަލިފާން ފެތުރުނަ ނުދިނުމަށް ޖަހާ ބިއްގަނޑާއި އަދި އަލިފާން ނުހިފާގޮތަށް ހަދާ މަގާއި ގޮޅި. ( ފަޔަރ ބެރިކޭޑު ، ޕާޓިޝަން، ފަޔަރ ކޮރިޑޯ، ފަޔަރ ކޯ)

އަލިފާނުގެ ހާދިސާއެއް ހިނގައިފިނަމަ އެ އަލިފާން އިމާރާތުގެ އެތެރޭގައި ނުފެތުރޭގޮތަށް ބިއްގަނޑު ޖެހޭގޮތަށް ނުވަތަ އޮޓަމެޓިކުން އެފަދަ ބިއްގަނޑު ތިރިވާގޮތަށް ނުވަތަ ހުރަސް ވާގޮތަށް ފަރުމާކޮށް އިމާރާތް ކުރެވެއެވެ. އެފަދަ ބިއްގަނޑެއް ހުރުމުން އަލިފާން ފެތުރިގެން ދާ ހަލުވިމިނަށް ބަދަލު އާދެއެވެ. އެއީ އެފަދަ ބިއްގަނޑުތައް ހަދާފައި ހުންނަނީ ފަސޭހައި އަލިފާން ނުހިފާ ފަދަ ތަކެތިން ކަމަށްވާތީއެވެ.  

އަލިފާނުގެ ހާދިސާއެއް ހިނގައިފިނަމަ އެ އިމާރާތުގައި ތިބި މީހުންނަށް އެންމެ ރައްކާތެރީ ވީހާވެސް އަވަހަކަށް އެ އިމާރާތުން ނުކުތުމެވެ. އެއްވެސް އެއްޗެއް ހިފައިގެން ދިއުމަށް މަސައްކަތް ނުކޮށް ހުސްއަތާ ނުކުތުމަށް މަސައްކުރުން މުހިއްމެވެ.

އުސްކޮށް ހަދާ ކޮންމެ އިމާރާތެއްގައިވެސް ހަދާ ސިޑި ގޮޅިވާންޖެހެނީ ފަޔަރ ކޯރ އެއްގެ ގޮތުގައިއެވެ. އެއީ އެތަންތަން ހުންނަން ޖެހެނީ އިމާރާތުގެ އެއްވެސް ބުރިއެއްގައި ހިނގާ އަލިފާން ފެތުރި އެ ސިޑިގޮޅިއަށް ނުފެތުރެވޭ ގޮތަށެވެ. ސިޑިގޮޅީގެ ވަށައިގެން ހުންނަ ބިއްތައް ހުންނަން ޖެހެނީ ކޮންކްރީޓުން، ނުވަތަ ފުލް ބުލޮކުން ރާނާއި ސިމެންތި ޖަހާފައެވެ. ނުވަތަ އެފަދަ އަލިފާން ފަސޭހައިން ނުހިފާޒާތުގެ އެއްޗަކުންނެވެ. އަދި އެ ސިޑިގޮޅިއަށް ވަންނަން ހުންނަ ދޮރުވެސް ހުންނަން ޖެހެނީ ދަގަނޑުން ނުވަތަ އަލިފާން ނުހިފާ ފަދަ އެއްޗަކުން ނެވެ. ހިފާ އަލިފާނުން އަރާ ދުންވެސް ނުވަންނަ ގޮތަށް ދޮރުގެ ވަށައިގެން ސްމޯކް ސީލް ލުމަށްވެސް ގިނަ ކޯޑު ތަކުގައި ބުނެފައި ހުރެއެވެ. އިމާރާތުގެ ކޮންމެ ހިސާބަކުންވެސް މިފާހަގަކުރި ފަޔަރ ކޯއާ ހިސާބަށް ދަތުރުކުރުމަށް ނަގާ ވަގުތު ކުޑަވާނެ ގޮތަށް ހިނގަން ޖެހޭ މިންވަރު ކުރުވާނެގޮތަށް އިމާރާތް ފަރުމާކުރުމުގައި ބަލަން ޖެހެއެވެ.

ރ. އަލިފާން ނިއްވާލުމުގެ ނިޒާމު. (ފަޔަރ ފައިޓިން ސިސްޓަމް)

އަލިފާނުގެ ހާދިސާއެއް ހިނގައިފިނަމަ އެ އަލިފާން ނިއްވާލުމަށް މަސައްކަތް ކުރުމަށް ކުރެވޭ ކަންތައް ތަކެއް ހުރެއެވެ. އެއީ އާދައިގެ ބަދިގެ އެއްނަމަ، އަލިފާނިވި ނުވަތަ ފަޔަރ ބްލަންކެޓާއި، ފަޔަރ އެކްސްޓިންގިޝަރ ބެހެއްޓުމެވެ. އަދި އިމާރާތުގެ އެކި އެކި ހިސާބުގައިވެސް އެފަދަ އަލިފާން ނިވި ފުޅިތައް ބެހެއްޓުމެވެ.

އަލިފާން ނިއްވާލުމުގައި ބޭނުން ކުރާ ކާބަން ޑައިއޮކްސައިޑުގެ ފުޅިއާއި، ކެމިކަލް ފުޅިއާއި، ފެނުގެ ފުޅި ހުރެއެވެ. އެކި ބާވަތުގެ އެއްޗެތީގައި އަލިފާން ހިފުމުން އެ ނިންވާލުމަށް ބޭނުންކުރާ ފުޅި ތަފާތުކުރަން ޖެހެއެވެ. އެންމެ ފުރަތަވެސް ފެން ޖެހުން ރަނގަޅު ނޫން ކަމަށްވެއެވެ. އަލިފާން ފެތުރުމުން އެެ އަލިފާން އިތުރަށް ފެތުރުނަ ނުދިނުމަ އެެންމެ ރަނގަޅީ ފެން ކަމުގައި ބެލެވެއެވެ. 

އިމާރާތުގެ ބައެއްގައި ހިފާފާނެ އަލިފާނެއް ނިއްވާލުމަށް ފަސޭހައިން ފެން ޖެހޭނެ ގޮތަށް އަޅާ ހޮޅިބައިގެ ނިޒާމު ތަކެއްވެސް ހުރެއެވެ. އެ އީ ޑްރައި ރައިޒާ ސިސްޓަމާއި، ވެޓްރައިޒަރ ނުވަތަ ހޯސްރީލް ސިސްޓަމާއި، އަދި ސްޕްރިންކްލާރ ސިސްޓަމެވެ.

ޑްރައި ރައިޒަރ ސިސްޓަމުގައި އަޅާފައި ހުންނަނީ ދަގަނޑު ހުސްހޮޅިއެކެވެ. އެހޮޅީގެ ބޭރުކޮޅު ހުންނަނީ އުސް އިމާރާތްތަކުގެ ތިރީބުރީގެ ބޭރުފާރުގައެވެ. ހޮޅި ބަހައްޓާ ގުޅާފައި ހުންނަ ގޮތުން އެ ހޮޅިއަށް ތިރިން ފެން ގުޅައިފިނަމަ މަތީބުރިތަކުގެ ކޮންމެ ބުރިއަކުންވެެސް ފެން ނަގައި އަލިފާނަށް ޖެހިދާއެވެ. 

ވެޓްރައިޒަރ ނުވަތަ ހޯސްރީލް ސިސްޓަމެއް ބަހައްޓާނަމަ އެ އިމާރާތުގައި އަލިފާން ނިވާ ފެން ރައްކާތެރި ކުރާ ފެން ޓޭންކެއް ބަހައްޓައި، އެއަށް ޚާއްސަ ޕަމްޕެއް ގުޅައި އިމާރާތުގެ ކޮންމެ ބުރިއަކުން ވެސް ފެން ލިބޭގޮތަށް ރޭވިފައި ހުންނަން ޖެހެއެވެ. އެ ނިޒާމުގައި ވެސް ބޭނުންކުރާ ހޮޅިއަކީ ދަގަނޑު ހޮޅިއަށް ވާންޖެއެވެ. އަދި ކޮންމެ ބުރިއަކަށް ވެސް ވަގުތުން ފެން ލިބޭގޮތަށް ހޮޅީގައި ޕްރެޝަރު ހުންނަން ޖެހެއެވެ. އަދި ޕަމްޕުވެސް ހުންނަން ޖެހެނީ އޮޓަމެޓިކުން ޖެހޭގޮތަށެވެ. 

ސްޕްރިންކްލަރ ސިސްޓަމެއް ހަރުކޮށްފިނަމަ އިމާރާތުގައި އަލިފާން ރޯވެ އެ ސްޕްރިން ކްލަރ ސިސްޓަމުގެ ފެން ނުކުން ހެޑެއްގައި ޖެހޭއިރަށް އޭތި ވިރި ކުއްލިއަކަށް މުޅިއިމާރާތަށް އޮޓަމެޓިކުން ފެން ޖެހެން ފެށެއެވެ. ސްޕްރިންކްލަރ ސިސްޓަމެއް ފަރުމާކުރެވި އިމާރާތުގައި ހަރުކުރެވިފައި ހުންނައިރު އޭގެ ހެޑްތައް އެތުރިފައި ހުންނަން ޖެހެނީ ވަކި ދުރުމިންތަކެއްގައި މުޅި އިމާރާތް ކަވަރު ކުރާގޮތަށެވެ. 

ދިވެހިރާއްޖޭގައި ކުރާ އިމާރާތްތަކުގައި ހިނގާފާނެ އަލިފާނުގެ ހާދިސާއަކުން ރައްކާތެރި ވުމުގެ ގޮތުން ކުރަން ޖެހޭ ކަންތައްތައް ބަޔާންކުރާ ގަވައިދެއް މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސްގެ ފަޔަރ އެންޑް ރެސްކިއު ސަރވިސަސް އިން ހަދާފައި ވެއެވެ. އިމާރާތް ފަރުމާކުރާއިރު އާއި، އަދި އިމާރްތް ކުރާއިރު އެތަންތަން  ހުންނަން ޖެހެނީ އެގަވައިދު ތަކާ އެއްގޮތަށެވެ. 





02 މެއި 2021

17 ފެބުރުއަރީ 2021

23 މެއި 2021

21 މެއި 2021

20 މެއި 2021

20 ފެބުރުއަރީ 2021

16 މެއި 2021

15 އޭޕްރީލް 2021