އިމާރާތްކުރުމަށް އިތުރު އެހީއެއް

އިމާރާތްތަޅާލުމުގައި ފަރުވާތެރިވުން



ކުރާ ކޮންމެ އިމާރާތެއްގެ ވެސް އުމުރެއް އޮވެއެވެ. އެ އުމުރު ބައެއްފަހަރު ދިގެވެ. 100 ނުވަތަ އެތަކެއް 100 އަށްވުރެވެސް ދިގުވެގެން ގޮސްފައި އެބަހުއްޓެވެ. އެ މުއްދަތުގެ ތެރޭގައި ވަރަށް މަދު އިމާރާތެއް މެނުވީ ކޮންމެ އިމާރާތެއް ކޮންމެވެސް ވަރެއްގެ މަރާތެއްކުރަން ޖެހެއެވެ. މަރާމާތު ކުރަންޖެހޭ މުއްދަތާއި އެކަމުގެ ޚަރަދު ބޮޑުވެގެން ބައެއްފަހަރު ދިމާވާގޮތުން އިމާރާތް ތަޅާލަން ޖެހެއެވެ. އިމާރާތުގެ ބައިތަކުގައި ރެނދުލައި ފަޅަފަޅައިގެން ގޮސް  އެތަނުގައި ނޫޅެވިގެންވެސް އެއިމާރާތް ތަޅާލަން ޖެހެއެވެ. އަނެއްބައިފަހަރު އެ އިމާރާތް ހުރިތަނުގައި އާ އެހެން އިމާރާތެއް އެޅުމުގެ ބޭނުމުގައެވެ.

ކޮންމެ ސަބަބަކާހުރެ އިމާރާތް ތަޅާލަން ޖެހުނަސް އެކަމުގައި އެކަށީގެންވާ ރައްކާތެރިކަމުގެ ފިޔަވަޅު އަޅައިގެން މެނުވީ އިމާރާތް ތަޅާލުމުގެ މަސައްކަތް ކުރިއަށް ނުގެންދިއުން އެދެވިގެން ވެއެވެ. ބާވެފަހުންނަ އިމާރާތްތަކުގައި ފާޑުފާޑުގެ ސޫފާސޫފި އާލާވެފައި ހުރެއެވެ. އެތަކެތި އެހެން އިމާރާތްތަކަށް ފެތުރުނަ ނުދިނުމުގެ ގޮތުން އެ އިމާރާތް ތަޅާލުމުގެ ކުރިން އެ ސޫފާސޫފި ނައްތާލުމަށް ސްޕްރޭވެސް ކުރަންޖެހެއެވެ.

ތަޅާލާ އިމާރާތުގެ ވަށައިގެން އެކަށީގެންވާ ބިއްގަނޑެއް ޖަހައި އެތަނުން ވެއްޓިދާނެ އެއްޗެއް އެހިސާބުގައި ހިނގާބިނގާވާ މީހުންނާ ދިމާއަށާއި އަދި އެ ހިސާބުގައި ހުންނަ ގެދޮރަށް ނުދާނެގޮތަށް ހިފަހައްޓަން ޖެހެވެ. އިމާރާތް ތަޅާލާކަމުގެ ބޯޑު ޖަހައި އެކަން އަވައްޓެރިންނަށް އެނގޭނެގޮތް ހަދަން ޖެހެއެވެ. ތަޅާލުމުގެ ކުރިން އެ މަސައްތަކަތުގެ ޕްލޭނެއް ހަދައި އިންޖިނޭރުންގެ މަޝްވަރާގެމަތިން އެމަސައްކަތް ތަރުތީބު ކުރަން ޖެހެއެވެ.

އެގޮތުން އިމާރާތް ތަޅާލުމުގެ މަސައްކަތް ފެށުމުގެ ކުރިން އެކަމަށް ތައްޔާރުވުމުގެ ގޮތުން ކުރަން ހުރި ބައެއް ކަންތައްތައް ލިޔެލާނަމެވެ.

ހ. ސަރުކާރުގެ ކަމާބެހޭ ފަރާތްތަކުން ހުއްދަ ހޯދައި އިމާރާތުގައި ބޭނުންކުރަމުންދާ ފެން ކަނޑާލައި، ފާޚާނާ ހޮޅި ބަންދުކޮށް، ކަރަނޓު ކަނޑާލަން ވާނެއެވެ.

ށ. އިމާރާތުގެ ސްޓްރަކްޗަރުގެ ހާލަތު ދެނެގަތުން.

ނ. އިމާރާތުގައި ސިއްހަތަށް ނުރައްކާވާފަދަ ކެމިކަލެއްހުރި ފިލައެއް ނުވަތަ އެފަދަ އެއްޗެއް ހުރިތޯ ބެލުން.

ރ. އިމާރާތުގެ އުސްމިނަށްބަލައި އިމާރާތުން އެއްޗެއް ވެއްޓުނަ ނުދިނުމަށް ޖަހަން ޖެހޭ ބިއްގަނޑާއި ސަތަރިފަދަ ތަކެތި ހޯދުން.

ބ. އާންމުންނަށް އެންގުމަށް ޖަހާ ބޯޑުތައް ހޯދުން.

ޅ. ތަޅާނެ ޕްލޭން އެކުލަވާލައި ތެޅުމަށް ބޭނުންކުރާ އާލާތުން އުފެދޭނެ އަޑާއި، ކުނޑިއާއި، އަދި ވައިބްރޭޝަން ކޮންޓްރޯލު ކުރާނެ ގޮތެއް ރޭވުން.

ކ. މަސައްކަތުގެ ގަޑި ރޭވުން. އެ ހިސާބުގައި ތެޅުމުގެ މަސައްކަތް ކޮންމެ ކޮންމެ ގަޑިއެއްގައި ނުކުރެވޭނެ ފަދަ ތަނެއް ތޯބެލުން.

އ. އިމާރާތުގައި އުފެދިފައި ހުންނަ ސޫފާސޫފި ނައްތާލުމަށް ސްޕްރޭކުރުން. 

ވ. ދިމާވެދާނެ ކުއްލި ހާދިސާއެއްގައި އަމަލު ކުރާނެގޮތެއް ރޭވުން.

މ. މުވައްޒަފުންނަން އެކަމުގެ މައުލޫމާތުދީ، ރައްކާތެރިކަމުގެތަކެތި ދީ އިތުރު ތަމްރީނު ދިނުން.

ފ. ތަޅާލުމުގެ މަސައްކަތް ހިންގަމުންދާ އިރު އެކަން ބެލެހެއްޓޭނެ އިންތިޒާމެއް ރޭވުން.

އިމާރާތުގެ ކުޑަ ބޮޑުމިނަށް ބަލައި، ރައްކާތެރި ކަމުގެގޮތުން ކުރަންޖެހޭ ކަންތައްތައްކުރުމަކީ އެންމެމުހިއްމު ކަންތަކެވެ. 



ޚިޔާލު ފާޅުކުރުމަށް!